އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގައި އިންޓަރ މަޔާމީ އާއި ނޭޝްވިލް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވި ނަމަވެސް، ލިއޮނެލް މެސީ ޖެހި 19 ވަނަ ލަނޑާއެކު ލީގުގެ ލަނޑު ލިސްޓުގެ ކުރިއަށް ޖެހިލައިފިއެވެ.
މަޔާމީގައި ރާއްޖެގަޑިން މިއަދު ފަތިހު ކުޅުނު މި މެޗުގެ 62 ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރި ރީތި ލަނޑާއެކު، މި ސީޒަނުގައި ފުރަތަމަ ފަހަރަށް ނޭޝްވިލްގެ މައްޗަށް މަޔާމީން ކުރިހޯދާނެ ކަމަށް ބެލެވުނެވެ.
ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ނޭޝްވިލްގެ ސޭމް ސަރިޖް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މިއާއެކު، މި ސީޒަނުގައި މި ދެ ޓީމު ބައްދަލުކުރި ހަތަރު މެޗުންވެސް ނޭޝްވިލް ވަނީ ބަލިނުވެ ސަލާމަތްވެފައެވެ.
އެމެރިކާ ލީގުގައި ނޭޝްވިލް އާއި އިންޓަ މަޔާމީ ބައްދަލުކުރި މެޗުގައި ލިއޮނަލް މެސީ-- މި ނަތީޖާއާއެކު އީސްޓަން ކޮންފަރެންސް ތާވަލުގެ އެއްވަނައިގައި ނޭޝްވިލް އޮތީ ދެވަނައިގައި އޮތް މަޔާމީއަށްވުރެ ނުވަ ޕޮއިންޓުގެ ކުރިއެރުމަކާއެކުގައެވެ.
މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެންޑީ ނަޖާ ދިން ޕާހަކުން ސަރިޖް ވަނީ ނޭޝްވިލްއަށް ލީޑު ނަގައިދީފައެވެ. މިއީ އޭނާ މި ސީޒަނުގައި ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. ނަމަވެސް، 19 ވަނަ މިނެޓުގައި މަޔާމީއަށް ލިބުނު ކޯނަރެއްގެ ތެރެއިން ނޭޝްވިލްގެ ޑިފެންޑަރު ރީޑް ބޭކާ ވައިޓިން އަތުން ބައިކޮޅަށް ވަން ލަނޑުން މަޔާމީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
ފުރަތަމަ ހާފުގައި މެސީ އުފެއްދި ހަމަލާތައް ނޭޝްވިލްގެ ޑިފެންސްލައިނުން ހުއްޓުވި ނަމަވެސް، ދެވަނަ ހާފުގައި އޭނާ ވަނީ ތަފާތު ދައްކާފައެވެ. ރޮޑްރީގޯ ޑި ޕޯލް ދިން ބޯޅައަކުން، 8 ފަހަރު ބަލޮންޑޯ އެވޯޑް ހޯދާފައިވާ މެސީ ވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މަޔާމީއަށް މެޗުގެ ލީޑު ނަގައިދީފައެވެ.
އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި މެޗުން 4-1 އިން ބަލިވެފައިވުމުގެ އިތުރުން، ކޮންކާކަފް ޗެމްޕިއަންސް ކަޕުންވެސް މަޔާމީ ކަޓާފައިވަނީ ނޭޝްވިލް އަތުން ކަމަށްވުމުން، މިއީ މަޔާމީން ބަދަލުހިފުމުގެ ރޫހެއްގައި ނުކުތް މެޗެކެވެ.