ހއ. ދިއްދޫގައި އެއްވެސް މުހިންމު ބޭނުމެއްނެތި، ރޭގަނޑު 9:00 ގެ ފަހުން ބެލެނިވެރިއަކާ ނުލައި 18 އަހަރުން ދަށުގެ ކުދިން ރަށުތެރޭގައި ހަރަކާތްތެރި ނުވުމަށް އެ ރަށު ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު އިލްތިމާސްކޮށްފިއެވެ.
ދިއްދޫ ކައުންސިލްގެ އިދާރާއިން ނެރުނު އިޢުލާނެއްގައި ބުނީ، މިހާރަކަށް އައިސް އެއްވެސް ބޭނުމެއް ނެތި ރޭގަނޑު 9:00 ގެ ފަހުގައި، ބެލެނިވެރި ފަރާތެއް ނުވަތަ ބަލަދުވެރި ފަރާތެއް ނެތި އުމުރުން 18 އަހަރުން ދަށުގެ ކުދިން ރަށުތެރޭގައި ހަރަކާތްތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ ކަންކަމަކީ އިޖްތިމާއީ ގޮތުން ނޭދެވޭ އަސަރުތަކެއް ކޮށް، އަޚްލާޤީ ގޮތުން އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް ކައުންސިލުން ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، ރަށުގެ މަދަނީ ޖަމްޢިއްޔާތަކާއި، ފަންނީ ތަމްރީނުދޭ މަރުކަޒުތަކާއި، ތައުލީމުދޭ މަރުކަޒުތަކުން އަދި އެ ނޫން ވެސް ފަރާތްތަކުން 18 އަހަރުން ދަށުގެ ކުދިން ހިމަނައިގެން ހަރަކާތްތައް ރާވާ ހިންގުމުގައި މިކަންކަމަށް ސަމާލުކަން ދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މީގެއިތުރުން، އެއްވެސް މުހިންމު ބޭނުމެއްނެތި އުމުރުން 18 އަހަރުން ދަށުގެ ކުދިން ރޭގަނޑު 9:00 ގެ ފަހުގައި ބެލެނިވެރިއަކާ ނުލައި ރަށުތެރޭގައި ހަރަކާތްތެރިވެ ނޫޅޭކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ދިއްދޫގެ ހުރިހާ ބެލެނިވެރިންނަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ދިއްދޫ ކައުންސިލުން ބުނީ، ގައުމު ބިނާކުރުމުގައި ޢާއިލާގެ ދުޅަހެޔޮކަން ޤާއިމުކޮށް، އަންނަން އޮތް ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ އެންމެންގެ ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި ކުޑަކުދިންގެ ޖިސްމާނީ، ނަފްސާނީ، ރޫޙާނީ، ފިކުރީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ މުހިންމު ކަމެއްކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
އަތޮޅު ތެރޭގެ ރަށްރަށުގައި ކުޑަކުދިން އެކަނި މަގުމަތީ އުޅުމަކީ ޒަމާނުއްސުރެ ވަރަށް އާދައިގެ އާންމު ކަމެކެވެ. ރަށްރަށުގައި ވެހިކަލްގެ ތޮއްޖެހުން ކުޑަވުމާއި، މަގުމަތީގައި ރައްކާތެރި އަމާން މާހައުލެއް ގާއިމްވެފައި އޮތުމަކީ މީގެ އެއް ސަބަބެވެ.
ނަމަވެސް ރޭގަނޑުގެ ލަސް ވަގުތުތަކުގައި އެކަނި ކުދިން ބޭރަށް ނިކުތުން ހުއްޓުވުމަކީ ކަމާ ބެހޭ އިދާރާތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަޅަން އެދޭ ކަމެކެވެ.