ސީއީއޯގެ މަގާމުން ވަކިވި ވަގުތާ ދިމާކޮށް ސެމްސަންގުން ޓިމް ކުކަށް ޖޯކުޖަހައިފި

އެޕަލްގެ ކުރީގެ ސީއީއޯ ޓިމް ކުކް ---

އެޕަލް ކުންފުނިން ފުރަތަމަ ފަހަރަށް ފަށްޖެހޭ ފޯނެއް ނެރުނުތާ އެއް ދުވަސް ފަހުން، ވާދަވެރި ސެމްސަންގް ކުންފުނިން އެޕަލްގެ ކުރީގެ ސީއީއޯ ޓިމް ކުކްގެ ނަމާ ގުޅުވައިގެން އާ އިޝްތިހާރެއް ހަދާ ޓިމް ކުކަށް ޖޯކްޖަހައިފިއެވެ.

ނިއުޒީލޭންޑުގެ ސެމްސަންގް ގޮފިން ބުރާސްފަތި ދުވަހު ނެރުނު މި އިޝްތިހާރުގައި ފެނިގެންދަނީ އެޕަލްގެ ކުރީގެ ސީއީއޯއާ ނަމުގެ ގޮތުންނާއި ސިފައިގެ ގޮތުންވެސް ކޮންމެވެސް ވަރެއްގެ އެއްގޮތްކަމެއް ހުންނަ ނިއުޒީލޭންޑުގެ ފިރިހެނެކެވެ.

މި އިޝްތިހާރުގައި މި މީހާ އޭނާގެ އާ ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 8 ރިވިއުކުރެއެވެ. އެޕަލްގެ ޕްރޮމޯޝަނަލް ވީޑިއޯތަކާ އެއްގޮތް ސިނަމެޓިކް ސްޓައިލަކަށް ތައްޔާރުކޮށްފައިވާ މި އިޝްތިހާރު ފަށަމުން އޭނާ ބުނަނީ އޭނާއަކީ ޕާމީއަށް ނިސްބަތްވާ ޓިމް ކުކް ކަމަށެވެ. އަދި "މުސްތަގުބަލު މިއޮތީ އައިސްފައި" ކަމަށާއި، މި ފޯނާއެކު ހުރިހާ ކަމެއް ބަދަލުވެގެންދާނެ ކަމަށް އޭނާ ބުނެއެވެ. އަދި މިއީ އޭނާ ގެންގުޅުނު އެންމެ މޮޅު ފޯނުކަމަށް ބުނެ، އޭނާއަކީ ޕާމާސްޓަން ނޯތުގެ ޓިމް ކުކް ކަމަށް ހަވާލާދީ އެވާހަކަ ލިޔުމަށްވެސް އިޝްތިހާރު ނިންމާލަމުން އޭނާ ބުނެއެވެ.

ސެމްސަންގްގެ މި އިޝްތިހާރު ނެރެފައިވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު އެޕަލްއިން ބޭއްވި ޚާއްޞަ އިވެންޓަށް ފަހުގައެވެ. މި އިވެންޓުގައި އެޕަލްއިން ވަނީ އައިފޯން 18 ޕްރޯ، އެޕަލް ވޮޗް ސީރީޒް 12، އެޕަލް ވޮޗް އަލްޓްރާ 4، އަދި އެއަރޕޮޑްސް 5 ގެ އިތުރުން ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ އެ ކުންފުނީގެ ފުރަތަމަ ފޯލްޑަބަލް ފޯނު ކަމަށްވާ "އައިފޯން ޑުއޯ" ރަސްމީކޮށް ދައްކާލާފައެވެ.

އައިފޯން ޑުއޯގައި ދެ ސްކްރީން ހިމެނޭއިރު، ބޭރުގައި އިންނަނީ 5.4 އިންޗީގެ ޑިސްޕްލޭއެކެވެ. އަދި ފޯނު ހުޅުވާލުމުން ފެންނާނީ މެޓް ފިނިޝްއެއް އެކުލެވޭ 7.6 އިންޗީގެ ސްކްރީނެކެވެ.

ފޯލްޑަބަލް ފޯނުގެ މާކެޓަށް އެޕަލް ވަދެފައިމިވަނީ ވަރަށް ފަހުންނެވެ. ސެމްސަންގުން އެންމެ ފުރަތަމަ ގެލެކްސީ ފޯލްޑްއެއް ނެރެފައިވަނީ 2019 ވަނަ އަހަރުގައެވެ. އޭގެ ފަހުން ގޫގުލް، މޮޓޮރޯލާ، އަދި ވާވޭ ފަދަ ކުންފުނިތަކުންވެސް ވަނީ އަމިއްލަ ފޯލްޑަބަލް ފޯނުތައް ބާޒާރަށް ނެރެފައެވެ.

ބުދަ ދުވަހު ބޭއްވި އެޕަލްގެ އިވެންޓަކީ އެ ކުންފުނީގެ އާ ސީއީއޯ ޖޯން ޓާނަސްގެ ބެލުމުގެ ދަށުން ބޭއްވި ފުރަތަމަ ބޮޑު އިވެންޓެވެ. 15 އަހަރު ވަންދެން ސީއީއޯގެ މަގާމު ފުރުއްވުމަށްފަހު، ޓިމް ކުކް މިހާރު ވަނީ އެޕަލްގެ ބޯޑް އޮފް ޑިރެކްޓާސްގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމަށް ބަދަލުވެވަޑައިގެންފައެވެ. އޭނާ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2011 ވަނަ އަހަރު، ޞިއްޙީ ސަބަބުތަކާހުރެ ސްޓީވް ޖޮބްސް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެޕަލްގެ އާ އުފެއްދުންތައް ދައްކާލުމަށް ބޭއްވި އިވެންޓުގެ ވީޑިއޯ ޕްރެޒެންޓޭޝަން ފެށިގެން އައީވެސް ވަރަށް ތަފާތު ގޮތަކަށެވެ. އެގޮތުން ވީޑިއޯ ފެށުމާއެކު އެންމެ ފުރަތަމަ ސްކްރީނުން ފެނިގެންދިޔައީ ޓިމް ކުކްއެވެ. އޭނާ ވީޑިއޯ ފެށެންވީ ގޮތް ކިޔައިދެމުން ދަނިކޮށް، ކުއްލިއަކަށް އޭނާ އެތަނަށް އެކަށީގެންނުވާކަން ދޭހަވާފަދަ ގޮތަކަށް ވާހަކަދެއްކުމަށްފަހު، އާ ސީއީއޯ ޖޯން ޓާނަސްއަށް އިޝާރާތްކޮށް އެއީ އިވެންޓް ފަށަންވީ ފަރާތްކަމަށް ބުނެ، ރަމްޒީ ގޮތުން ކުންފުނީގެ ހިންގުން އާ ސީއީއޯއާ ވަނީ ހަވާލުކޮށްފައެވެ.

އާ އައިފޯންތައް ނެރުމުގެ ޒިންމާއާ ޓިމް ކުކް ދުރަށްޖެހިވަޑައިގަތް ނަމަވެސް، ވާދަވެރި ސެމްސަންގުން އަދިވެސް އޭނާއަށް ޖޯކުޖެހުން ހުއްޓާނުލާކަން މިވަނީ ހާމަވެފައެވެ.

comment ކޮމެންޓް