ހަތަރު ލައްކަ ރުފިޔާއަށް މީހަކަށް ގޯއްޗެއް ވިއްކަން ނިންމާފައިވަނީ 23 އަހަރުވީ މައްސަލައެއްގެ ހައްލުގެ ގޮތުގައި ކަމަށާއި ނަމަވެސް މިނިސްޓްރީގެ އެ ނިންމުމުގައި ގޯހެއް އުޅޭނަމަ އެ ކަން ކަށަވަރުކުރުމަށް އެ މުއާމަލާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ނިންމައިފައިވާނެ ކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވާން ފެށި އެ މިނިސްޓްރީގެ އިންޓާނަލް މެމޯއަކީ 22 ޑިސެންބަރު 2003 ގައި އޭރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިންގި "ރަށުތެރެއިން ވިއްކާ 56 ގޯތި" ސްކީމުގެ ދަށުން ހުޅުމާލެ ފޭސް އެކަކުން ގޯތި ލިބުނު އަޙްމަދު ޒާހިރުގެ މައްސަލައާ ގުޅޭ ލިޔުމެއް ކަމަށެވެ.
ރަސްމީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އޭރު އެފަރާތަށް ކަނޑައެޅިފައިވަނީ 904 އަކަފޫޓުގެ ބިމެއް ކަމަށާއި، އޭގެ އަގަކީ 339,000 ރުފިޔާކަމަށް މިނިސްޓްރީން ބުންޏެވެ. އެހެން ނަމަވެސް، ވޭތުވެދިޔަ 23 އަހަރު ދުވަހުގެ ތެރޭގައި ތަފާތު ސަރުކާރުތަކުގައި އެ ގޯތި ހަވާލުކޮށްދިނުމަށް އެދި ތަކުރާރުކޮށް ހުށަހަޅާފައިވީ ނަމަވެސް، މިއަދާ ހަމައަށް ވެސް އެ ބިން ހަވާލުކުރެވިފައިނުވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ހައުސިން މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ސަރުކާރުން މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ނިންމީ އެ ފަރާތުގެ ދިރިއުޅުމުގެ ހާލަތަށް ބަލައި، މީގެ 23 އަހަރު ކުރިން އެއްބަސްވެފައިވާ ވިޔަފާރި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެގޮތުން އަޙްމަދު ޒާހިރަށް ވިއްކުމަށް ނިންމާފައިވާ ބިމަކީ، ކުރީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" ގެ ދަށުން ދޫކުރި ބިންތަކުގެ ތެރެއިން، ޝަރުތު ހަމަނުވާ ފަރާތަކަށް ދީފައިވާތީ އެއްބަސްވުން ބާތިލުކުރުމަށްފަހު ހުސްކޮށް އޮތް ބިމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި އެ ބިން އޭނާއަށް ވިއްކަން ނިންމީ، ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން އޭނާއަށް ލިބިފައިވާ ޕްލޮޓްގެ އެންމެހައި ހައްގުތައް ދޫކޮށްލަން އެއްބަސްވުމުން ކަމަށް ވެސް ވެއެވެ.
ބޯހިޔާވަހިކަމުގެ މައްސަލަތަކަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ނާޒުކު މައްސަލައަކަށް ވާތީ، މި ނިންމުމުގައި އެއްވެސް އުސޫލަކާ ޚިލާފު ކަމެއް ހިނގާފައިވޭތޯ ބަލައިދިނުމަށް އެދި، މިނިސްޓްރީގެ އިސްނެގުމުގެ މަތިން މި މައްސަލަ މިހާރު ވަނީ އޭސީސީއަށް ހުށަހެޅުމަށް ނިންމާފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާނީ އޭސީސީގެ ބަހެއް ހޯދައި، ގާނޫނީ ލަފާ ލިބުމަށްފަހުގައި ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގެ ބިންތަކަކީ އަގު ބޮޑު ބިންތަކެއް ކަމަށްވާއިރު އެއް ހާސް އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއްގެ އަގު މިލިއަނުން މައްޗަށް އަރާނެއެވެ. ވިޔަފާރި އުސޫލުން ދޫކުރާ އެޕާޓްމަންޓުތަކާއި ސޯޝަލް ހައުސިން ފްލެޓުތަކުގެ އަގު ވެސް ދެ މިލިއަން ރުފިޔާއަށްވުރެ މައްޗެވެ.
ހެޔޮ އަގެއްގައި ހުޅުމާލެއިން ބިމެއް ވިއްކުމުގެ މި މުއާމަލާތާއެކު އާންމުންގެ ތެރޭ ނުތަނަވަސްކަން އުފެދިފައިވާއިރު، މިފަދަ ބަދަލުތައް ދިނުމަކީ ކޯޓުތަކުގެ ތެރެއިން ކަނޑައަޅާ ގޮތެއްގެ މަތީން ނިންމަންޖެހޭ ކަންތައްތަކެއް ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް އެކަން ފާހަގަކުރެއްވިއެވެ.