ޑްރޯން ހަމަލާތަކެއް އެރުމުން، ސައުދީގެ މުހިންމު ތެޔޮ ހޮޅިއެއް ބަންދުކުރަން ޖެހިއްޖެ

ހަމަލާ އަމާޒުވި ކަމަށް ބެލެވޭ ސަރަހައްދު: ސެޓެލައިޓް މަންޒަރުތަކުން ދައްކާ ގޮތުގައި، ހަމަލާ ދިން ވަގުތު ތެޔޮ ހޮޅި އޮންނަ ސަރަހައްދުން ކަޅު ދުން އަރައިފައިވޭ -- ފޮޓޯ/ އޭއެފްޕީ

އިރާގުގެ ސަރަހައްދުން ފޮނުވާލި ޑްރޯން ހަމަލާތަކަކާ ގުޅިގެން، ސައުދީ އަރަބިއްޔާގެ އިރުމަތިން ހުޅަނގަށް ގުޅިފައިވާ މައި ތެޔޮ ހޮޅި ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ހަކަތައާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ތެޔޮ ހޮޅި ބަންދުކުރީ، ބުރާސްފަތި ދުވަހުގެ ހެނދުނު ރިޔާޒާއި މަދީނާ ސަރަހައްދަށް އަމާޒުކޮށް ދިން ހަމަލާތަކުގައި މީހުންނަށް އަނިޔާވެ، ތަކެއްޗަށް ގެއްލުންވުމާ ގުޅިގެންނެވެ.

އިއްޔެ ސައުދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ނަމަވެސް އިރާގުގެ ބޮޑުވަޒީރުގެ އެދިވަޑައިގަތުމަކަށް، ބަދަލުހިފުމުގެ ގޮތުން މިވަގުތު އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ. އަދި އަމިއްލަ ސިޔާދަތާއި ސަލާމަތްތެރިކަން ރައްކާތެރިކުރުމަށާއި މުހިންމު އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގެ ހައްގު އޮންނާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ.

ކޮޕަނިކަސް ސެންޓިނެލްގެ ސެޓެލައިޓް މަންޒަރުތަކުން ދައްކާ ގޮތުގައި، ހަމަލާ ދިން ވަގުތު، މަދީނާއާ ކައިރިން ތެޔޮ ހޮޅި އޮންނަ ސަރަހައްދުން ކަޅު ދުން އަރައިފައިވެއެވެ.

މިކަމާ ގުޅިގެން އިރާގުގެ ބޮޑުވަޒީރު އަލީ އަލް ޒައިދީ ވަނީ، ސައުދީއަށް ހަމަލާދިން ޑްރޯންތައް ފޮނުވާލާފައިވަނީ އިރާގުގެ ދެކުނުގައި އޮންނަ މައިސާން ޕްރޮވިންސުންކަން ތަހުގީގަށް ކަށަވަރުވުމާއެކު، އެ ޕްރޮވިންސްގެ އަސްކަރީ އޮޕަރޭޝަންތަކާ ހަވާލުވެ ހުންނެވި ކޮމާންޑަރު މިއަދު މަގާމުން ވަކިކުރައްވައިފައެވެ. އަދި މައިސާން އޮޕަރޭޝަންސް ކޮމާންޑް އިތުރަށް ތަހުގީގުކުރުމަށް ޚާއްސަ ކައުންސިލެއް އެކުލަވާލުމަށް ވެސް ބޮޑުވަޒީރު ވަނީ އަންގަވައިފައެވެ.

އިރާގުގެ ހަތިޔާރުއެޅި ފައުޖުތަކުގެ ތަރުޖަމާނު ސަބާހް އަލް ނުއުމާން ވިދާޅުވި ގޮތުގައި، އިރާގުން މި ހަމަލާ ކުށްވެރިކުރެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރޫއަރާ ފަދަ އެއްވެސް އަމަލެއް ބަލައިނުގަންނާނެ ކަމަށާއި، ސައުދީން ކެތްތެރިކަން އިސްކުރުމަށް ނިންމި ނިންމުމަށް އިރާގުން މަރުހަބާ ކިޔާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް މުހައްމަދު އަލް ބުދައިވީ ވަނީ، މިއީ ނުރައްކާތެރި ހަމަލާއެއް ކަމަށާއި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް ވިދާޅުވެފައެވެ. އަދި އިރާގުގެ ސަރަހައްދު ބޭނުންކޮށްގެން މިފަދަ ހަމަލާތައް ދިނުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އޭނާ ވަނީ އެ ގައުމަށް ގޮވާލައްވައިފައެވެ.

މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ޖީސީސީގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދުވާލެއްގެ މައްޗަށް ހަތް މިލިއަން ފީފާގެ ތެޔޮ އުފުލުމުގެ ގާބިލުކަން ލިބިފައިވާ، 1،200 ކިލޯމީޓަރު ދިގު މި ތެޔޮ ހޮޅިއަކީ، އީރާނުން ހޯރުމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާތީ، އެ މަގު ބޭނުންކުރުމުގެ ބަދަލުގައި ރަތް ކަނޑަށް ތެޔޮ ބޭރުކުރުމަށް ސައުދީން ބޭނުންކުރާ މުހިންމު މަގެކެވެ. މި ހަމަލާ ދީފައިވާއިރު، ޔަމަނުގެ ހޫޘީން ވަނީ އިއްޔެ ރަތް ކަނޑުގެ އައްސޭރިފަށުގެ ބޮޑު ބައެއްގެ ކޮންޓްރޯލް ނަގައި، ސްޓްރެޓީޖިކް ގޮތުން މުހިންމު ތިން ރަށެއް ހިފައިފައެވެ.

https://sun.mv/227185

މީގެ ސަބަބުން ޔޫރަޕާއި އޭޝިއާ ގުޅުވައިދޭ ކަނޑުގެ މަގުގައި އެ މީހުންގެ ބާރުގަދަކޮށް، ސަރަހައްދީ ކަނޑުގެ ސަލާމަތާ މެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.

މިއީ ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އަރައިފައިވާ ދަނޑިވަޅެއް ކަމުން، މި މައްސަލައާއެކު ތެލުގެ އަގު އިތުރަށް އުފުލުމުގެ ފުރުސަތު އެބައޮތެވެ.

comment ކޮމެންޓް