ހައިވޭގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 21:13 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއް ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސިނަމާލެ ބްރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އިތުރުވަމުންދާތީ މަގުމަތީގެ ރައްކާތެރިކަމާމެދު ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ.
މިގޮތުން އެކްސިޑެންޓުތައް އިތުރުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމާއި، ގަވާއިދާ ޚިލާފަށް އޯވަޓޭކްކުރުމާއި، ދުއްވަމުން ފޯނު ބޭނުންކުރުން ފަދަ ސަމާލުކަން ކުޑަ އަމަލުތަކުގެ އިތުރުން މޫސުމީ ގޮތުން ވާރޭވެހި ފެން ހެދި، މަގުމަތި ކަހާގޮތްވުން ފަދަ ކަންކަން ހިމެނެއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ދިވެހި ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އޭގެ ތެރޭގައި ޓްރެފިކް އެންހާންސްމަންޓް ޕްލޭން ތަންފީޒުކޮށް ޕެޓްރޯލްކުރުން އިތުރުކުރުމާއި، ޗެކްޕޮއިންޓްތައް ބަހައްޓައިގެން ގަވާއިދާ ހިލާފުވާ ފަރާތްތައް ދެނެގަތުމާއި، ސްޕީޑް ކެމެރާ އަދި ސްޕީޑް ގަން ބޭނުންކޮށްގެން ސްޕީޑް ކޮންޓްރޯލްކުރުން ހިމެނެއެވެ.
މީގެ އިތުރުން އަމަލުކުރަން ޖެހޭ ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ހިންގުން ވެސް ހިމެނެއެވެ.