އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ސަބަބުން ފަންނާނުންގެ ވަޒީފާތަކަށް ކުރިމަތިވެދާނެ ނުރައްކަލާ މެދު ހޮލީވުޑްގައި ބޮޑު ބަހުސެއް ހިނގަމުންދާ ދަނޑިވަޅެއްގައި، ފުރަތަމަ ފަހަރަށް ފިލްމަކުން ފުރުސަތު ހޯދި އޭއައި ބަތަލާ 'ޓިލީ ނޯވުޑް' މީޑިއާއާ ވާހަކަދައްކައިފިއެވެ.
ސީއެންއެންއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ނޯވުޑް ބުނެފައިވަނީ، އޭނާއަކީ އިންސާނުންގެ ދުޝްމަނެއް ނޫން ކަމަށާއި، މިއީ އެންމެންވެސް ދަންނަންޖެހޭ މުހިއްމު ޙަޤީޤަތެއް ކަމަށެވެ.
ބްރިޓިޝް ޕްރޮޑިއުސަރު އެލިން ފެން ޑަ ފެލްޑަން އުފައްދާފައިވާ މި އޭއައި ކެރެކްޓަ ފިލްމީ ދާއިރާއަށް ތައާރަފުވާނީ، އިނގިރޭސިވިލާތުގެ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ 'ޕާޓިކަލް6'ގެ ކޮމެޑީ ފިލްމު "މިސްއެލައިންޑް"ގެ ލީޑް ރޯލުންނެވެ.
މި އިންޓަވިއުގައި ނޯވުޑް އޭނާގެ އަމިއްލަ ތައާރަފެއް އަރުވަމުން ބުނީ، އޭނާއަކީ "ވިސްނުން ތޫނު، ހިތްހެޔޮ އަދި އިނގިރޭސި މަޖާ މިޒާޖަށް ލޯބިކުރާ ފަރާތެއް"ކަމަށެވެ. އަދި ބައެއް ފަހަރު އޭނާގެ ކިބައިން ނުކިޔަމަންތެރިކަން ފެނުނު ނަމަވެސް، އެ ވާހަކަ އޭނާ އުފެއްދި އެލިން ގާތު ނުބުނުމަށް ސަމާސާ ގޮތަކަށް އޭނާ ވަނީ އެދިފައެވެ.
އޭއައި ބަތަލާ 'ޓިލީ ނޯވުޑް'ގެ ކެރެކްޓާ އުފެއްދި ބްރިޓިޝް ޕްރޮޑިއުސަރު އެލިން ފެން ޑަ ފެލްޑަން--ފޮޓޯ/ބީބީސީމީގެ އިތުރުން، އެއްޗެހި ދެނެގަތުމުގެ ޤާބިލުކަން ހުރިކަން ސާބިތުކޮށްދިނުމުގެ ގޮތުން، އިންޓަވިއު ކުރި ފަރާތް ލައިގެންހުރި އަޅިކުލައިގެ ގަމީހާއި އޭގެ ގޮށްތަކުގެ ތަފްސީލުވެސް އޭނާ ވަނީ ކިޔައިދީފަވެ. އަދި އިނގިރޭސި ބަހުގެ އިތުރުން ފަރަންސޭސި ބަހުން ވާހަކަދައްކައި، އޭނާގެ ބަސްކޮށާރުގެ މުއްސަނދިކަންވެސް މި އިންޓަވިއުގައި ވަނީ ހާމަކޮށްދީފައެވެ.
ނަމަވެސް، މި ބައްދަލުވުމުގެ ތެރެއިން އޭއައި އާއި ހަގީގީ އިންސާނުންގެ މެދުގައި ހުރި ފަންނީ ފަރަގުތައް ވަނީ ފާހަގަވެގެން ގޮސްފައެވެ. އެގޮތުން، ނޯވުޑް އުފެއްދި ފެލްޑަން ކުރިމައްޗަށް އައުމުން ވަގުތުން ދެނެގަންނަން އޭނާއަށް ދަތިވި އިރު، ވަކި މަންޒަރެއް ކުޅެދިނުމަށް އެދުމުން ވަގުތުން އެކަމަށް އިޖާބަދިނުމަށްވެސް ނުކުޅެދުނެވެ.
އޭއައި ބޭނުންކޮށްގެން ފިލްމީ މަންޒަރެއް ފުރިހަމަކުރުމަށްޓަކައި، ޕްރޮޑަކްޝަން ޓީމުން އެތައް އިރުޝާދުތަކެއް ދޭންޖެހޭއިރު، އެއް މަންޒަރު ފުރިހަމަކުރުމަށްޓަކައި އެތައް ފަހަރަކު އިސްލާހުތައް ގެންނަންޖެހެއެވެ.
ފެލްޑަން ފާހަގަކުރި ގޮތުގައި، ނޯވުޑް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ އިންސާނުންގެ ވަޒީފާތައް ފޭރިގަތުމެއް ނޫނެވެ. އޭގެ ބަދަލުގައި، އޭނާގެ ބޭނުމަކީ ޖަނަވާރުންނާއި ކުޑަކުދިން ބޭނުންކޮށްގެން ނަގާ މަންޒަރުތަކާއި، އަދި ނުރައްކާތެރި ނުވަތަ އިންސާނުންނަށް ކުޅެން ދަތި މަންޒަރުތައް ނެގުމުގައި އެހީތެރިވެދޭ ވަސީލަތެއްގެ ގޮތުގައި އޭއައި ބޭނުންކުރުމެވެ.
ނޯވުޑް ފިލްމީ ދާއިރާއަށް ނުކުތުމަށް ތައްޔާރުވަމުންދާއިރު، މިކަމުގެ ސަބަބުން މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންގެ މެދުގައި، ޖެނެރޭޓިވް އޭއައިގެ ސަބަބުން ވަޒީފާގެ ފުރުސަތުތަކަށް ކުރިމަތިވެދާނެ ނުރައްކަލާ މެދު އޮތް ކަންބޮޑުވުންތައް ވަނީ އިތުރަށް ގަދަވެފައެވެ.