މާވެލް ސިނަމެޓިކް ޔުނިވާސްގެ "ހަލްކް"ގެ ރޯލުން މަގުބޫލުކަން ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މާކް ރަފެލޯއަށް ކުރެވޭ އެންޓި-ސެމިޓިކް (ޔަހޫދީންނާ ދެކޮޅު) ތުހުމަތުތަކުން އޭނާ ދިފާއުކޮށް، މީޑިއާ އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ 180 އަށްވުރެ ގިނަ ޔަހޫދީ ފަންނާނުން ބަޔާނެއް ނެރެފިއެވެ.
މި މައްސަލަ ހޫނުވީ ޕެރަމައުންޓް ސްކައިޑާންސް އާއި ވޯނާ ބްރަދާސް ޑިސްކަވަރީ އެއްކޮށްލުމަށް ކުރެވެމުންދާ މަޝްވަރާތަކާ ގުޅުވައިގެން، ސޯޝަލް މީޑިއާގައި ރަފެލޯ ހިއްސާކުރި ޕޯސްޓަކާ ގުޅިގެންނެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ދެ ކުންފުނި އެއްކޮށްލުމާ ދެކޮޅު ހަދާ ކަމަށެވެ. އަދި ޕެރަމައުންޓްގެ ސީއީއޯ ޑޭވިޑް އެލިސަންގެ ޔަހޫދީ އާއިލާއިން އޮރެކަލް ކުންފުނި މެދުވެރިކޮށް، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް ވާގިވެރިވާ ކަމަށް ރަފެލޯ ވަނީ ތުހުމަތުކޮށްފައެވެ.

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މާކް ރަފެލޯ--ފޮޓޯ/ފޭސްބުކް
މީގެއިތުރުން، އޮރެކަލްގެ ކުރީގެ ސީއީއޯ އަދި ޕެރަމައުންޓް ބޯޑުގެ މެންބަރު ސަފްރާ ކެޓްޒް، ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތަކަށް ތާއީދުކޮށް އުފާފާޅުކުރާ ކަމަށް ބުނާ ވީޑިއޯއެއް ވެސް ރަފެލޯ ވަނީ އާންމުކޮށްފައެވެ.
އަދި ޣައްޒާގައި ހިންގާ އުދުވާނުގައި އެ ކުންފުނީގެ ޓެކްނޮލޮޖީ ބޭނުންކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް، ކެޓްޒްގެ ތަރުޖަމާނު މިކަން ދޮގުކުރަމުން ބުނެފައިވަނީ، އެ ޓެކްނޮލޮޖީއަކީ 2023 އޮކްޓޯބަރު 27ގައި ހަމާސްއިން ހައްޔަރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ބޭނުންކުރި ވަސީލަތެއް ކަމަށެވެ.
ރަފެލޯގެ މި ވާހަކަތަކާ ގުޅިގެން ޕެރަމައުންޓްގެ ތަރުޖަމާނަކާއި ހޮލީވުޑްގެ ގާތްގަނޑަކަށް 1،000އެއްހާ މީހުން ވަނީ، އޭނާ ޔަހޫދީންނާ މެދު ނަފުރަތު އުފައްދައި ނުރައްކާތެރި ފިކުރުތަކެއް ފަތުރަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރެއަށް މިފަދަ ސިޔާސީ މައްސަލަތައް ވައްދައިގެން ނުވާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުންޏެވެ.
މި ތުހުމަތުތައް ދޮގުކުރަމުން ރަފެލޯ ބުނީ، އޭނާއަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް އަދި ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ.
މި މައްސަލައިގައި ރަފެލޯގެ ދިފާއުގައި 180 އަށްވުރެ ގިނަ ޔަހޫދީ ފަންނާނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރަފެލޯއަށް ކުރަމުންދާ ތުހުމަތުތަކަކީ އޭނާގެ އަގު ވައްޓާލުމަށް ހިންގާ ސިޔާސީ ކެމްޕޭނެއް ކަމަށެވެ. އަދި އިސްރާއީލުން ޣައްޒާގައި ހިންގާ ލާއިންސާނީ އުދުވާނާއި ހޮލީވުޑްގެ ވިޔަފާރިތަކާ ދެމެދު އޮތް ގުޅުންތަކާމެދު ސުވާލު އުފެއްދުމަކީ، ޔަހޫދީންނާ ދެކޮޅުވުން ނޫން ކަމަށާއި އެއީ ކޮންމެހެން ފާހަގަކުރަންޖެހޭ މުހިންމު ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
މި ބަޔާނުގައި ސޮއިކުރި ފާހަގަކޮށްލެވޭ ފަންނާނުންގެ ތެރޭގައި މަޝްހޫރު އެކްޓަރު ވަކީން ފީނިކްސް، "ދަ ޒޯން އޮފް އިންޓްރެސްޓް"ގެ ޑިރެކްޓަރު ޖޯނަތަން ގްލޭޒާ، އެކްޓްރެސް ރޮސާނާ އާކުއެޓް، ސްކްރީން ރައިޓަރު ޓޯނީ ކުޝްނާ އަދި "ޔަންގް ޝެލްޑަން"ގެ އެކްޓަރު ވޮލަސް ޝޯން ހިމެނެއެވެ.
މީގެއިތުރުން، އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ޑައިރެކްޓަރު ކެނެތު ލޮނާގަން، މަޝްހޫރު ބަތަލާ ޖޭން ފޮންޑާ އަދި އެކްޓަރު ޖޯން ކުސެކް ފަދަ ހޮލީވުޑްގެ އިސް ތަރިން ވެސް ވަނީ ރަފެލޯގެ ހައްގުގައި އަޑުއުފުލައި، އޭނާއަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފައެވެ.