ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޒެންޑޭއާ މިހާރު ހުރީ ސޯޝަލް މީޑިއާގެ ވަސީލަތްތަކާ ދުރުގައި ކަމަށް ބަތަލާގެ މަންމަ ކްލެއަ ސްޓޯމަ ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޒެންޑޭއާގެ 30 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އޭނާގެ މަންމަ ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައެވެ.
"ސްޕައިޑަރ-މޭން" އަދި "ޑޫން" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެން ގޮސްފައިވާ ޒެންޑޭއާގެ އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުން، އޭނާގެ ކުޑައިރުގެ ފޮޓޯއަކާ އެކު މަންމަ ސްޓޯމަ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ 30 ވަނަ އުފަންދުވަހުގެ ތަހުނިޔާ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވި ނަމަވެސް، ދަރިފުޅު މިހާރު ސޯޝަލް މީޑިއާ ބޭނުންނުކުރާތީ އެ ޕޯސްޓު ނުފެންނާނެކަން އެނގޭ ކަމަށެވެ.
ޒެންޑޭއާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި 177 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ނަމަވެސް، ވޭތުވެދިޔަ މަސްތަކުގައި އޭނާ އެއްވެސް ޕޯސްޓެއް ހިއްސާކޮށްފައެއް ނުވެއެވެ. އެންމެ ފަހުން އޭނާ ހިއްސާކޮށްފައިވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހު އާންމުކުރި "ޑޫން: ޕާޓް ތްރީ"ގެ ޓްރެއިލާއެވެ. އާންމުގޮތެއްގައި އޭނާގެ ސޯޝަލް މީޑިއާ ބޭނުންކުރަނީ ފިލްމުތައް ޕްރޮމޯޓުކުރުމަށާއި، ރަސްމީ ހަފުލާތަކުގެ ފޮޓޯތައް ހިއްސާކުރުމަށެވެ.

ޒެންޑޭއާ ފިރިމީހާ ޓޮމް ހޮލެންޑާ އެކު--ފޮޓޯ/ޕީޕްލް
ފާއިތުވި އަހަރަކީ ޒެންޑޭއާގެ މަސައްކަތްތަކުގައި ވަރަށް އަވަދިނެތި އުޅުނު ބާރުބޮޑު އަހަރެކެވެ. އެގޮތުން "ދަ ޑްރާމާ"، "ސްޕައިޑަ-މޭން: ބްރޭންޑް ނިއު ޑޭ" އަދި "ދަ އޮޑިސީ" ފަދަ މަޝްރޫއުތަކުގައި އޭނާ ވަނީ މަސައްކަތްކޮށްފައެވެ.
މީގެތެރެއިން ބައެއް ފިލްމުތަކުގައި އޭނާގެ ފިރިމީހާ މަޝްހޫރު އެކްޓަރު ޓޮމް ހޮލަންޑްވެސް ބައިވެރިވެއެވެ. މީގެއިތުރުން "ޔޫފޯރިއާ"ގެ ފަހު ސީޒަން މިއަހަރު ގެނެސްދިނުމަށް ތައްޔާރުވަމުން އަންނައިރު، "ޑޫން: ޕާޓް ތްރީ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުއެވެ.
މަސައްކަތުގެ ބުރަކަން ބޮޑުވުމާ ގުޅިގެން، ކުޑަ ދުވަސްކޮޅަކަށް އާންމުންގެ ލޯތަކާ ދުރަށް ޖެހިލަން ބޭނުންވާކަމަށް މީގެކުރިން ދިން އިންޓަވިއުއެއްގައި ޒެންޑޭއާ ވަނީ ބުނެފައެވެ. ނަމަވެސް، މަސައްކަތާ ދުރުގައި މާ ގިނަ ދުވަހު ނުހުރެވޭނެ ކަމަށާއި، ބްރޭކެއް ނަގާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފޫހިވެ، އަލުން އެނބުރި މަސައްކަތަށް ނުކުންނަން ބޭނުންވާނެ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.