ބޭރުގެ އަޑުތައް 50 ޕަސެންޓަށް މަޑުކޮށްދޭ އަދި ލައިވް ޓްރާންސްލޭޝަނާއެކު އެއާޕޮޑްސް 5 ނެރެފި

އެއާޕޮޑްސް 5 ގެ ބާޒާރަށް ނެރޭ ދެ މޮޑެލް ---

އެޕަލްގެ ޚާއްޞަ އިވެންޓުގައި އެ ކުންފުނީގެ އެންމެ މަޤުބޫލު އޯޑިއޯ ޑިވައިސްގެ އައު ޖީލު، 'އެއާޕޮޑްސް 5؛ ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

ކަންފަތަށް ފަސޭހަ އޯޕަން-އިޔާ ފަރުމާއަކަށް ބިނާކޮށް ނެރުނު މި އައު މޮޑެލްއަކީ މިހާތަނަށް އެންމެ ގިނަ ދުވަހަށް ބޭނުންކުރެވޭނެ ގޮތަށް ވަރުގަދަކޮށްފައިވާ އުފެއްދުމެކެވެ.

މީގެއިތުރުން، އެކި ބައްޓަމުގެ ކަންފަތްތަކަށް ސާފު އަދި ފުރިހަމަ އަޑު ފޯރުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދީފައިވާއިރު، މިއީ އޯޕަން-އިޔާ ޑިޒައިނެއްގައި މިހާތަނަށް ހިމެނުނު އެންމެ ވަރުގަދަ އެކްޓިވް ނޮއިސް ކެންސަލޭޝަން (އޭއެންސީ) ކަމަށް އެޕަލްއިން ބުނެއެވެ. މި އައު ޓެކްނޮލޮޖީގެ ސަބަބުން ކުރީގެ އެއާޕޮޑްސް 4 އާ އަޅާބަލާއިރު ބޭރުގެ އަޑުތައް 50 އިންސައްތަ އިތުރަށް މަޑުކޮށްދެއެވެ.

އައިފޯނުގައި ހިމެނޭ އެޕަލް އިންޓެލިޖެންސްގެ ފީޗާތައް ފަސޭހަކަމާއެކު ބޭނުންކުރެވޭ ގޮތަށް ގުޅުވާލާފައިވާ އެއާޕޮޑްސް 5 މެދުވެރިކޮށް، އަތްނުލައި "ހޭއި ސިރީ" ބޭނުންކުރުމުގެ އިތުރުން ވަގުތުން ވާހަކަތައް ތަރުޖަމާކޮށްދޭ ލައިވް ޓްރާންސްލޭޝަން ފަދަ ޒަމާނީ ޚިދުމަތްތައް ލިބިގެންދެއެވެ.

އެއާޕޮޑްސް 5 ބާޒާރަށް ނެރެނީ ދެ މޮޑެލްއެއްގައެވެ. އޭއެންސީ ފީޗާއާއެކު ހަތަރު ގަޑިއިރަށްވުރެ ގިނައިރު އަޑުއެހޭ އަދި ޗާޖިން ކޭހާއެކު ޖުމްލަ 20 ގަޑިއިރުގެ ޗާޖު ހިފަހައްޓާ އަސާސީ މޮޑެލްގެ އަގަކީ 129 އެމެރިކާ ޑޮލަރެވެ.

މީގެއިތުރުން، އިޔާފޯނުގެ ސްޓެމް މެދުވެރިކޮށް އަޑު ކޮންޓްރޯލް ކުރެވޭ ގޮތަށް އަދި އޭއެންސީއާއެކު ފަސް ގަޑިއިރަށް ބޭނުންކުރެވޭ ބެޓެރިއަކާއެކު ނެރުނު ދެވަނަ މޮޑެލްގެ އަގަކީ 149 އެމެރިކާ ޑޮލަރެވެ. މި މޮޑެލްގެ ކޭހަކީ އެޕަލް ވޮޗް އަދި ކީ ޗާޖަރުތަކުން ވަޔަލެސްކޮށް ޗާޖުކުރެވޭ ކޭހެކެވެ.

މި ދެ މޮޑެލްގެ ޕްރީ-އޯޑަރު މިއަދުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ފަށާފައިވާއިރު، ރަސްމީކޮށް ވިއްކަން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 18 ގައެވެ.

comment ކޮމެންޓް