އޭއައިގެ ސަބަބުން ފިލްމީ ދާއިރާއަށް ވަންނަން އޮތް އެންމެ ފަސޭހަ މަގު ބަންދުވަނީ؟

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ސީޖީއައި (ސީޖީއައި)ގެ ކުރިއެރުމާއެކު، ސިނަމާއަށް ވަންނަން އޮތް އެންމެ ފަސޭހަ މަގު މިހާރު ގިނަބަޔަކަށް ވަނީ ބަންދުވެފައި--ފޮޓޯ/އިންޑިއާޓުޑޭ

ހިންދީ ސިނަމާގެ ތާރީޚަށް ބަލާއިރު، މިއަދު ބޮލީވުޑްގައި ފާހަގަކޮށްލެވޭ ގިނަ ތަރިންނަކީ ކެރިއަރުގެ ކުރީކޮޅު ފިލްމުތަކުގެ "ބެކްގްރައުންޑް" ނުވަތަ ކްރައުޑް ސީންތަކުން ފުރުސަތު ހޯދައިގެން ކުރިއަށްދިޔަ ފަންނާނުންނެވެ.

މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ މަންދާކިނީ، މިތުން ޗަކްރަބޯތީ، ނަވާޒުއްދީން ސިއްދީގީ އަދި ޕަންކަޖް ތްރިޕާތީ ފަދަ މަޝްހޫރު ފަންނާނުންނަކީ ވެސް ކުދިކުދި ރޯލުތަކުން މަސައްކަތް ފަށައި އިންޑަސްޓްރީގެ އެންމެ އުހަށް ދަތުރުކުރި ތަރިންނެވެ. ނަމަވެސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ސީޖީއައި (ސީޖީއައި)ގެ ކުރިއެރުމާއެކު، ސިނަމާއަށް ވަންނަން އޮތް މި އެންމެ ފަސޭހަ މަގު މިހާރު މިވަނީ ހަނިވާން ފަށާފައެވެ.

މިހާރުގެ ބޮޑު ބަޖެޓު ފިލްމުތަކުގައި ގިނަ އަދަދެއްގެ "ޖޫނިއަ އާޓިސްޓުން" ނުވަތަ އެކްސްޓްރާސް ބޭނުންކުރުމުގެ ބަދަލުގައި، އޭއައި މެދުވެރިކޮށް އެ މަންޒަރުތައް އުފެއްދުން ވަނީ އާންމުވެފައެވެ. "ސްކޮޑް ވީއެފްއެކްސް"ގެ ހެޑް އަކިލޭޝް ޖައިން ފާހަގަކުރި ގޮތުގައި، 100 އަށްވުރެ ގިނަ މީހުން ބޭނުންވާ ބޮޑެތި މަންޒަރުތަކުގައި މިހާރު 80 އިންސައްތަ މީހުންނަކީ ޑިޖިޓަލްކޮށް އުފައްދާ މީހުންނެވެ. ރިއަލްކޮށް ބޭނުންކުރަނީ އެންމެ 20 އިންސައްތަ އާޓިސްޓުންނެވެ.

މި ބަދަލު އަވަސްވުމުގެ މައިގަނޑު ސަބަބަކީ ޚަރަދު ކުޑަކުރުމެވެ. އެގޮތުން 200 އާއި 500އާ ދެމެދުގެ ޖޫނިއަ އާޓިސްޓުންނަށް ދޭންޖެހޭ އުޖޫރައާއި، އެމީހުންގެ ކެއިންބުއިމާއި، ހުރުމާއި އަދި ކޮސްޓިއުމްގެ ޚަރަދުތަކާ އަޅާބަލާއިރު އޭއައި ބޭނުންކުރުމުން ކުރަންޖެހޭ ޚަރަދު ބޮޑުތަނުން ކުޑަ ކަމަށް އަކިލޭޝް ޖައިން ވަނީ ބުނެފައެވެ.

ބޮލީވުޑްގެ ފިލްމެއްގައި އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ މަންޒަރެއް--ފޮޓޯ/އިންޑިއާޓުޑޭ

ބޮލީވުޑްގެ ޒުވާން އެކްޓަރު މިހީރު އަހޫޖާ ބުނި ގޮތުގައި، އޭއައިއަށް އިންސާނުންގެ އިހުސާސްތަކާއި ޖަޒުބާތުތައް ފުރިހަމައަށް ދެއްކުމުގެ ގާބިލުކަމެއް ނުލިބޭނެއެވެ. ނަމަވެސް، ކެމެރާއާ ދުރުގައި ތިބޭ ކްރައުޑް އާޓިސްޓުންގެ ވަޒީފާތަކަށް މީގެއިން ކުރާ ނޭދެވޭ އަސަރު ބޮޑެވެ. މިކަމާ ގުޅޭގޮތުން ވީއެފްއެކްސް އެކްސްޕާޓުން ބުނާ ގޮތުގައި ކެމެރާއާ ކައިރި މަންޒަރުތަކަށް އަދިވެސް ބޭނުންކުރަނީ ހަގީގީ އިންސާނުންނެވެ. އެހެންނަމަވެސް ދުރު މަންޒަރުތަކުގައި އޭއައި ބޭނުންކޮށްގެން މީހުން ގިނަކުރުން އިތުރުވެފައިވާކަމަށް އެމީހުން ފާހަގަކުރެއެވެ. އަދި ހަމައެއާއެކު 3ޑީ ސްކޭނިންގްއަށް މަދު އާޓިސްޓުންކޮޅެއް ސްކޭންކުރުމަށްފަހު، އެމީހުންގެ ޑިޖިޓަލް ކޮޕީތައް ހަދައިގެން އެއްފަހަރާ އެތައް ހާސް ބަޔަކު އުފައްދާކަމަށް ވެސް ވީއެފްއެކްސް އެކްސްޕާޓުން އިއްތިފާގުވެއެވެ.

ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފަ ނޯލަން ފަދަ ކުޅަދާނަ ފިލްމު އުފެއްދުންތެރިންގެ ފިލްމުތަކުގައި އަދިވެސް ހަގީގީ އާޓިސްޓުން ބޭނުންކުރި ނަމަވެސް، ބޮލީވުޑްގެ މިސްރާބު ހުރީ އޭއައިއާ ދިމާއަށެވެ.

މިއީ ފިލްމީ ދާއިރާގެ ވަސީލަތްތައް ނުވަތަ "ޓެކްނޮލޮޖީ" ކުރިއެރުވުމަށް ލިބޭ ފުރުސަތަކަށް ވީނަމަވެސް، މުމްބާއީއަށް އެކްޓަރަކަށް ވުމުގެ ހުވަފެނުގައި އަންނަ އެތައް ހާސް ޒުވާނުންނަށް، އެމީހުންގެ ފުރަތަމަ ފުރުސަތު ލިބުމަށް އޮތް މަގު ބަންދުވެގެންދާނެ ކަމެކެވެ. ސިނަމާގެ މަންޒަރުތައް ބޮޑުވަމުންދާއިރު، އާ ފަންނާނުންނަށް ވަދެވެން އޮތް "ދޮރާށި" މިވަނީ ކުޑަވާން ފަށާފައެވެ.

comment ކޮމެންޓް