ދެވަނަ ދަރިފުޅަކަށް އިންތިޒާރުކުރަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް، އެ މީހުންގެ އަލަތު ދަރިފުޅު ދުއާއާއެކު ނަގާފައިވާ މެޓަނިޓީ ފޮޓޯޝޫޓުގެ ކަޅާއި ހުދުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފިއެވެ.
މި ފޮޓޯތަކާއެކު އެ ދެމަފިރިން ކުރި ޕޯސްޓުގައި ބުނެފައިވަނީ، ދަރިފުޅު ދުއާ އަދި އެ މީހުންގެ ހިތްތައް ވަނީ ލޯބިން ފުރިފައިކަމަށެވެ. އަދި ހަމައެއާއެކު އެ އާއިލާއަށް ހެޔޮއެދޭ އެންމެހައި ފަރާތްތަކުން ކޮށްދެމުންދާ ހެޔޮދުޢާތަކާއި ދެމުން އަންނަ ލޯތްބަށް ހިތުގެ އަޑިން ޝުކުރުވެރިވާ ކަމަށް މި ޕޯސްޓުގައި ބުނެފައިވެއެވެ.
އިންޑިއާގެ އެންމެ މަގުބޫލު ފިލްމީ ތަރިން ކަމަށްވާ ރަންވީރު އާއި ދީޕިކާ ގުޅިގެން ސޯޝަލް މީޑިއާގައި ޢާންމުކުރި ފޮޓޯތަކުން ފެންނަނީ، ދީޕިކާ ބަނޑުބޮޑުވެފައިވާ މަންޒަރާއި، ރަންވީރާއެކު ދަރިފުޅަށް ލޯބިދޭ އުފާވެރި މަންޒަރުތަކެވެ. އެގޮތުން ރަންވީރު ދަރިފުޅު އުރާލައިގެން ހުންނަ ފޮޓޯތަކާއި، ދެމަފިރިންގެ މެދުގައިވާ ގާތްކަން ރަމްޒުކޮށްދޭ ފޮޓޯތައް ހިމެނެއެވެ.
ދީޕިކާ އާއި ރަންވީރު ދަރިފުޅު ދުއާއާ އެކު--ފޮޓޯ/ފޭސްބުކްދީޕިކާ އާއި ރަންވީރުގެ ލޯބީގެ ގުޅުން ފެށުނީ 2013 ވަނަ އަހަރު ނުކުތް ފިލްމު 'ގޯލިޔޯން ކީ ރަސްލީލާ ރާމް-ލީލާ'ގެ ސެޓުންނެވެ. އެއަށްފަހު، 14 ނޮވެމްބަރު 2018ގައި އިޓަލީގެ ލޭކް ކޯމޯގައި ކައިވެނިކުރިއިރު، އެމީހުންގެ އަލަތު ދަރިފުޅު ދުއާ އުފަންވެފައިވަނީ އަށެއް ސެޕްޓެމްބަރު 2024ގައެވެ.
މަންމައަކަށް ވުމަށްފަހު، މަސައްކަތުގެ ވަގުތު ދުވާލަކު ހަތެއް ނުވަތަ އަށް ގަޑިއިރަށް ކުރުކޮށްދިނުމަށް ދީޕިކާ އެދުމާ ގުޅިގެން، އޭނާގެ މަސައްކަތުގެ އަޚްލާޤާ މެދު ފިލްމީ ދާއިރާގެ އިތުރުން މީޑިއާގައި ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފައެވެ.
ޚަބަރުތައް ބުނާގޮތުން، މަސައްކަތުގެ ވަގުތު ކުރުކުރުމަށް އެދުމުގެ ސަބަބުން ދީޕިކާއަށް ވަނީ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު 'ސްޕިރިޓް' ކުޅެން ލިބުނު ފުރުސަތު ގެއްލިފައެވެ. އަދި ވައިޖަޔަންތީ މޫވީސްއިން މިދިޔަ ސެޕްޓެމްބަރުގައި ހާމަކުރި ގޮތުގައި، ޑައިރެކްޓަރު ނާގް އަޝްވިންގެ 'ކަލްކީ'ގެ ދެވަނަ ބައިން ދީޕިކާ ވަނީ އުނިކޮށްފައެވެ. އެއީ ފުރަތަމަ ބައިގެ މަސައްކަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރި ނަމަވެސް، ފިލްމު އުފެއްދި ޓީމާއެކު އެކަށީގެންވާ ގުޅުމެއް ދަމަހައްޓާފައި ނުވާތީ ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވެއެވެ.
ދީޕިކާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، ޝާހްރުކް ޚާނާ އެކު ކުޅޭ ފިލްމު 'ކިންގް' އަދި ޑައިރެކްޓަރު އެޓްލީގެ ކުރިއަށް އޮތް ފިލްމު 'ރާކާ' ހިމެނެއެވެ.