އަމީތާބްއަށް 'ކޯން ބަނޭގާ ކްރޯޑްޕަތީ' ހޯސްޓްކުރުން 'ހިތްދަތި ތަޖުރިބާއަކަށް' ވެއްޖެ

އަމީތާބު 'ކޭބީސީ'ގެ ޝޯގައި--ފޮޓޯ/އިންޑިއާޓުޑޭ

ހިންދީ ސިނަމާގެ މެގަ ސްޓާ އަމީތާބް ބައްޗަން ހޯސްޓްކުރާ ކާމިޔާބު ގޭމް ޝޯ "ކޯން ބަނޭގާ ކްރޯޑްޕަތީ" (ކޭބީސީ) ހޯސްޓްކުރުމަކީ އޭނާގެ ނަފްސާނީ އަދި އިހުސާސީ ދުޅަހެޔޮކަމަށް ބޮޑު އަސަރެއް ކުރާ ކަމެއްގެ ގޮތުގައި އެކްޓަރު ސިފަކޮށްފިއެވެ.

އުމުރުން 83 އަހަރުގެ އެކްޓަރު އޭނާގެ އަމިއްލަ ބްލޮގްގައި ލިޔެފައިވާ ގޮތުގައި، ޝޯގައި ބައިވެރިވާ ބައެއް ބައިވެރިންގެ ދިރިއުޅުމުގެ ހިތާމަވެރި ވާހަކަތަކުގެ ސަބަބުން، ޝޯ ކުރިއަށް ގެންދިއުމަށް އޭނާއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެއެވެ.

"ބައެއް ބައިވެރިން އަންނަނީ އެމީހުންގެ ދިރިއުޅުމުގެ އެހާވެސް އަސަރުގަދަ އަދި ހިތާމަވެރި ވާހަކަތަކާއެކު. އެފަދަ ހާލަތްތަކުގައި އެމީހުންނާމެދު ކުރެވޭ އިހުސާސްތައް ކޮންޓްރޯލްކޮށް، ޝޯ ކުރިއަށް ގެންދިއުމަކީ ވަރަށް އުނދަގޫކަމެއް،" އަމީތާބް ލިޔެފައިވެއެވެ. އަދި އެފަދަ ވާހަކަތަކަކީ އަމީތާބަށް ވަރަށް ފުން އަސަރުތަކެއް ކުރުވާ ހިތްދަތި ތަޖުރިބާއެއްގެ ގޮތުގައި އެކްޓަރު ވަނީ ސިފަކޮށްފައެވެ.

އަމީތާބު 'ކޭބީސީ'ގެ ބައިވެރިޔަކާ އެކު--ފޮޓޯ/އިންޑިއާޓުޑޭ

ސޮނީ އެންޓަޓެއިންމަންޓްއިން މި އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ދައްކަން ފަށާފައިވާ ކޭބީސީގެ އާ ސީޒަން ކުރިއަށް ދަނީ "ސޯޗްނާ ޕަޅޭގާ" (ވިސްނަންޖެހޭނެ) މި ތީމަށެވެ. މި ސީޒަންގެ މައިގަނޑު ތީމް ބިނާވެފައިވަނީ މުހިއްމު ނިންމުންތައް ނިންމުމުގެ ކުރިން ވިސްނައި ފިކުރުކުރުމުގެ މުހިއްމުކަމުގެ މައްޗަށެވެ.

ކޭބީސީގެ ސީޒަން 17 އިފްތިތާހުކޮށްގެން ކުރިއަށްދާއިރު، އަމީތާބް ބައްޗަން އަކީ ޝޯގެ ބައިވެރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވައި، އެމީހުންގެ ދިރިއުޅުމުގެ ވާހަކަތައް އޮޅުންފިލުވުމަށް އިސްކަންދޭ ހޯސްޓެކެވެ. ނަމަވެސް، މިފަދަ އިހުސާސީ ވާހަކަތަކުގެ ސަބަބުން ސައިކޮލޮޖިކަލީ ކުރާ އަސަރުތަކާއެކު، އޭނާގެ ބްލޮގް ނިންމާލަމުން ލިޔެފައިވަނީ "މިހާރު ބޭނުންވަނީ އަރާމުކޮށްލަން" ކަމަށެވެ. އެހެންކަމުން މި ޝޯގެ ކުރިއަށްހުރި ސީޒަންތަކުން އަމީތާބް ފެނުމާމެދު ގިނަބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

"ކޯން ބަނޭގާ ކްރޯޑްޕަތީ" އަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ޝޯ "ހޫ ވޯންޓްސް ޓޫ ބީ އަ މިލިއަނަ؟"ގެ އަސްލަށް ބިނާކޮށް އިންޑިއާގައި ކުރިއަށްގެންދާ އެންމެ މަގުބޫލު ކުއިޒް ޝޯއެވެ. އާންމު މައުލޫމާތާއި ސަގާފީ އިލްމަށް އަހުލުވެރިކަން ބޮޑު މީހުންނަށް ބޮޑެތި ފައިސާގެ އިނާމުތައް ހޯދުމުގެ ފުރުސަތު މި ޝޯއިން ފަހިކޮށްދެއެވެ. ކޭބީސީއަކީ ހަމައެކަނި ފައިސާގެ އިނާމުތަކެއް ބަހާ ޝޯއެއް ނޫނެވެ. މިއީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ އަސަރުގަދަ ވާހަކަތަކާއި، އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަގުފަހިކޮށްދޭ، އިޖުތިމާއީ ގޮތުންވެސް ބޮޑު އަސަރެއް ފޯރުވައިދޭ މަގުބޫލު ޝޯއެކެވެ.

comment ކޮމެންޓް