ޑިއެގޯ ގާސިއާގައި އޮންނަ އިނގިރޭސިވިލާތުގެ އަސްކަރީ ބޭސް ދޫނުކުރާނެ ކަމަށާއި، ފޯކްލޭންޑް ޖަޒީރާގެ ރައްޔިތުން އިނގިރޭސި ރައްޔިތުންގެ ގޮތުގައި ތިބުމަށް އޮތް ހައްގު ހިމާޔަތްކުރުމުގައި ދެގޮތެއް ނުވާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެއެވެ.
ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމާ ގުޅޭގޮތުން ކުރިން ކުރެވުނު މަޝްވަރާތަކާއި، ފޯކްލޭންޑްގެ ސިޔާދަތީ ބާރާމެދު އެމެރިކާއިން ބައެއް ނިންމުންތައް މުރާޖާއާކޮށްފާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ބޮޑުވަޒީރު ބާންހަމް ވިދާޅުވީ، ޑިއެގޯ ގާސިއާގެ އަސްކަރީ ބޭސް އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުން ދޫކޮށްނުލާނެ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އެމެރިކާ ސަރުކާރާއެކު އިތުރު މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު މިހެން ބުނެފައި މިވަނީ، ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އިނގިރޭސިވިލާތާއެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ގައުމުގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވައި ދަޢުވަތު އަރުވާފައި ވަނިކޮށެވެ.
ރައީސް އޮފީހުން އިއްޔެ ބުނީ، ރައީސް މުޢިއްޒު ފޮނުއްވި ސިޓީފުޅުގައި، ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ޙަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމާމެދު ދިވެހިރާއްޖޭގެ ކަންބޮޑުވުންތައް ފާޅުކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކަށާއި، އެ ސަރަޙައްދުގެ ކަނޑުގެ މާޙައުލު ޙިމާޔަތްކުރުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައިފައިވާ ކަމަށެވެ.
އަދި ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ޓަކައި އިނގިރޭސިވިލާތާއެކު މާނަވީ މަޝްވަރާތަކެއް ކުރުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ނަމަވެސް ޗާގޯސް އާކިޕެލަގޯ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރާ ގުޅޭ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއް ކަމަށް އިނގިރޭސި ފޮރިން އޮފީހުން ވަނީ ބުނެފައެވެ.
އެމެރިކާގެ ރަސްމީ ހުއްދަ ނުލިބުމުގެ ސަބަބުން، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން އެ ގައުމުން މަޑުޖައްސާލައިފައިވާކަން ހާމަވެފައިވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ.
އެކަމާ ގުޅިގެން އޭރު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިނގިރޭސިވިލާތުގެ މި ނިންމުމަކީ ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.