ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ ދިވެހި ފިލްމު "ދެވި"ގެ ނޭޝަންވައިޑް ތިއޭޓްރިކަލް އެގްޒިބިޝަން ޕާޓްނަރެއްގެ ގޮތުގައި އައިލެންޑް ސިނަމާ ހަމަޖައްސައިފިއެވެ.
އައިލެންޑް ސިނަމާއަކީ ދިވެހި ފިލްމުތައް ރާއްޖޭގެ އެކި ރަށްރަށާއި، ރިސޯޓްތަކުގެ އިތުރުން ރާއްޖޭން ބޭރުގެ އެކި ހިސާބުތަކުގައި ސްކްރީން ކުރަމުންދާ، ބެލުންތެރިންނާއި ޕްރޮޑިއުސަރުންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ޓީމެކެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށްވެސް ގިނަ ދިވެހި ފިލްމުތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅުވާފައިވާއިރު، މީގެ ކުރިން އައިލެންޑް ސިނަމާއިން ވަނީ އެއްފަހަރާ 54 ޝޯ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުވައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
އައިލެންޑް ސިނަމާއިން މައުލޫމާތު ދިން ގޮތުގައި "ދެވި" ފިލްމު ރަށްރަށުގައާއި ރިސޯޓްތަކުގައި ސްކްރީން ކުރުމަށް ބޭނުންވާ ފަރާތްތަކުން 7779621 ނުވަތަ 9111164 އަށް ވައިބާ މެދުވެރިކޮށް މެސެޖުކޮށް އެކަމުގެ އިންތިޒާމުތައް ކުރިއަށް ގެންދެވޭނެއެވެ.
ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކުޅަދާނަ އެކްޓްރެސް މަރްޔަމް އައްޒަ ޕްރޮޑިއުސަރެއްގެ ގޮތުގައި ނުކުންނަ ފުރަތަމަ ފިލްމު "ދެވި"ގެ ޓިކެޓް ހަލުވިކަމާއިއެކު ވިކެމުންދާއިރު، މިއީ އައްޒަގެ ކާމިޔާބު ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭނެ މައިލްސްޓޯނަކަށް ވާނެ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

އައްޒަ ޑަބަލް ރޯލަކުން ފެންނަ މި ފިލްމުގެ ޓްރެއިލާއިން، ބިރުވެރިކަމާއެކު ލޯބީގެ މަންޒަރުތަކެއް ވެސް ފެނެއެވެ. އައްޒަގެ ތަފާތު މޮޅު އެކްޓިންއެއް ޓްރެއިލާއިން ފެންނައިރު، ފިލްމުގައި ހިމެނޭ މައިގަނޑު ތަރިންގެ ހުނަރުވެރިކަން ޓްރެއިލާއިން ވަރަށް ފުރިހަމައަށް ފެނެއެވެ.
އެ ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ފެޝަން ޑިޒައިނަރު ހުސެން ހާޒިމް (ސޭންޑީ)އެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ ސޭންޑީ އާއި ޝަހުދާއި ދެމީހުން ގުޅިގެންނެވެ. ފިލްމުގެ ވާހަކައިގައި ދައްކުވައިދެނީ އައްޒަގެ އާއިލާއަށް ދިމާވާ ރޫޙާނީ ނުރައްކާތެރި ކަންތައްތަކަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކެކެވެ.
ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން ވަނީ، ޓެކްނިކަލް ގޮތުން ބަލާއިރު މިއީ ދިވެހި ސިނަމާގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް ބުނެއެވެ. ވަކިން ޚާއްސަކޮށް ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އަދި ވީއެފްއެކްސް މަސައްކަތްތަކަކީ ވަރަށް ފެންވަރު ރަނގަޅު މަސައްކަތްތަކެއްކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ފިލްމުގެ އެކްޝަން މަންޒަރުތައް ފުރިހަމަކުރުމުގައި އެމްއެންޑީއެފްގެ އެސްއޯޖީ (ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް) ޓީމުގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮތުމުން، މިއީ ބެލުންތެރިންނަށް މުޅިން އާ އަދި ޝައުގުވެރި ތަޖުރިބާއަކަށް ވެގެންދާނޭ ކަމެއްކަމަށް "ދެވި"ގެ ޕްރޮޑަކްޝަން ހައުސްއިން ވަނީ ބުނެއެވެ.
މިމަހުގެ 26ގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ނަން ރަސްމީކޮށް އިއުލާންކޮށް، ޓައިޓަލް ވީޑިއޯއަށް ލިބުނު ބޮޑު ތަރުހީބާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މި ފިލްމަށް އިންތިޒާރުކުރަމުންދާކަން ހާމަކޮށްފައެވެ.