ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ޝައޯމީން ތަފާތު ތިން މޮޑެލްއެއްގެ އައު ޕަވާ ބޭންކު ބާޒާރަށް ތައާރަފުކޮށްފިއެވެ. މި ޕަވަބޭންކްތަކަކީ ފޯނުގެ ފަހަތުގައި ތަތްކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ ވަރަށް ތުނި މެގްނެޓިކް އުފެއްދުންތަކެކެވެ.
މި އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ޝައޯމީ އަލްޓްރާތިން މެގްނެޓިކް ޕަވާ ބޭންކް 5000 15ވޮޓް އާއި، ޝައޯމީ މެގްނެޓިކް ޕަވާ ބޭންކް 10000 45ވޮޓް އަދި ޝައޯމީ ޕަވާ ބޭންކް 20000 165ވޮޓް އެވެ.
މި ތިން މޮޑެލްގެ ތެރެއިން ޝައޯމީ އަލްޓްރާތިން މެގްނެޓިކް ޕަވާ ބޭންކަކީ 5000 މިލިއެމްޕެއާ އަވާގެ ބެޓެރީއެއް އެކުލެވިގެންވާ، ފޯނުގެ ފަހަތުގައި ދަމާބާރާއެކު ހަރުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. ބޯމިނުގައި އެންމެ 6 މިލިމީޓަރު އަދި ބަރުދަނުގައި 98 ގްރާމް ހުންނަ މި ޕަވާ ބޭންކަކީ 15 ވޮޓާ ހަމައަށް ވަޔަލެސްކޮށް ޗާޖުކޮށްދޭ އެއްޗެކެވެ. އަދި ކޭބަލް ގުޅައިގެން އެއް ޑިވައިސް ޗާޖުކުރާނަމަ 22.5 ވޮޓްގެ ސްޕީޑް ލިބޭއިރު، އެއްފަހަރާ ދެ ޑިވައިސް ޗާޖުކުރާނަމަ 7.5 ވޮޓްގެ އައުޓްޕުޓެއް ފޯރުކޮށްދެއެވެ.
ތަފާތު ތިން ކުލައަކުން މި ޕަވަ ބޭންކްތައް ލިބޭނެ ---ޝައޯމީ މެގްނެޓިކް ޕަވާ ބޭންކް 10000 އަކީ 10000 މިލިއެމްޕެއާ އަވާގެ ކެޕޭސިޓީއާއެކު ކިއުއައި 2.2 ވަޔަލެސް ޗާޖިން ޓެކްނޮލޮޖީ ސަޕޯޓްކުރާ، 25 ވޮޓާ ހަމައަށް ވަޔަލެސް ފާސްޓް ޗާޖިން ފޯރުކޮށްދޭ މޮޑެލްއެކެވެ. ފޯނުގައި ވަރުގަދައަށް ތަތްކޮށްފައި ބެހެއްޓުމަށް 13 ނިއުޓަންގެ ދަމާބާރު ހިމަނާފައިވާ މި ޕަވާ ބޭންކުގައި އިންޓަގްރޭޓެޑް ޓައިޕް-ސީ ކޭބަލެއް މެދުވެރިކޮށް 45 ވޮޓާ ހަމައަށް ވަޔަޑް ޗާޖިން ލިބޭނެއެވެ. މީގެ އިތުރުން މިއީ ކިއުސީ 2.0، ޕީޑީ އަދި ޕީޕީއެސް ފަދަ ޗާޖިން ޕްރޮޓޮކޯލްތަކަށް ސަޕޯޓްކުރާ އެއްޗެކެވެ.
އެންމެ ބޮޑު ކެޕޭސިޓީ އަދި އެންމެ ބާރުގަދަ ސްޕީޑް ހިމެނޭ ޝައޯމީ ޕަވާ ބޭންކް 20000 ގައި ހިމެނެނީ 20000 މިލިއެމްޕެއާ އަވާގެ ބެޓެރީއެކެވެ. މި ޕަވާ ބޭންކުން ޖުމްލަ 165 ވޮޓްގެ އައުޓްޕުޓެއް ލިބޭއިރު، މީގެ ފުރަތަމަ ޔޫއެސްބީ ޓައިޕް-ސީ ޕޯޓުން އަދި ބިލްޓް-އިން ޓައިޕް-ސީ ކޭބަލުން 120 ވޮޓާ ހަމައަށް ފާސްޓް ޗާޖުކޮށްދެއެވެ. ދެވަނަ ޓައިޕް-ސީ ޕޯޓުން 45 ވޮޓް ފޯރުކޮށްދޭއިރު، ޔޫއެސްބީ ޓައިޕް-އޭ ޕޯޓަކާއި ބެޓެރީގެ މައުލޫމާތު ދައްކައިދޭ ކަލާ ޑިސްޕްލޭއެއްވެސް މީގައި ހިމެނެއެވެ. އަދި ކިއުސީ 3.5، ޕީޑީ 3.0، ޕީޕީއެސް، ބީސީ 1.2 އަދި އެޕަލް 2.4އޭ ޕްރޮޓޮކޯލްތަކަށް މި ޑިވައިސް ސަޕޯޓްކުރެއެވެ.
އަގުތަކަށް ބަލާއިރު، ޝައޯމީ އަލްޓްރާތިން މެގްނެޓިކް ޕަވާ ބޭންކް 5000 ވިއްކުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 68 އެމެރިކާ ޑޮލަރަށެވެ. ނަމަވެސް ތައާރަފުކުރުމުގެ ގޮތުން ޚާއްސަ އަގެއްގެ ގޮތުގައި ގާތްގަނޑަކަށް 63 ޑޮލަރަށް މިއުފެއްދުން ލިބޭނެ ކަމަށް ޝައޯމީން ބުނެއެވެ.
ގްރެފައިޓް ބްލެކް، ގްލޭޝިއާ ސިލްވާ އަދި ރޭޑިއަންޓް އޮރެންޖް ކުލައިގައި ލިބެން ހުންނަ މި މޮޑެލް އާއި، ގާތްގަނޑަކަށް 57 ޑޮލަރަށް ވިއްކާ ޝައޯމީ ޕަވާ ބޭންކް 20000 ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުއެވެ.
ކަޅު އަދި ހުދު ކުލައިން ލިބެން ހުންނަ ޝައޯމީ މެގްނެޓިކް ޕަވާ ބޭންކް 10000 ވިއްކުމަށް ހަމަޖެހިފައިވާ ރީޓެއިލް އަގަކީ ގާތްގަނޑަކަށް 46 ޑޮލަރު ކަމުގައި ވިޔަސް، ލޯންޗް އޮފާއެއްގެ ގޮތުގައި ގާތްގަނޑަކަށް 42 ޑޮލަރަށް މި ޕަވާ ބޭންކް ލިބޭނެއެވެ. މި މޮޑެލް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 15 ގައެވެ.
މި ހުރިހާ ޕަވާ ބޭންކުތައްވެސް އެމެޒޯން، ފްލިޕްކާޓް، ޝައޯމީގެ ރަސްމީ އޮންލައިން އަދި އޮފްލައިން ފިހާރަތަކުގެ އިތުރުން ސްވިގީ އިންސްޓާމާޓް، ބްލިންކިޓް އަދި ޒެޕްޓޯ މެދުވެރިކޮށް ގަންނަން ލިބޭނެއެވެ.