ކެމެރާގެ ކުރިމަތީގައި ގިނަ ވަގުތު މަސައްކަތް ކުރުމަށްވުރެ ބޮޑަށް އަލަތު ދަރިފުޅު ރާހާއާ އެކު ވަގުތު ހޭދަކުރަން މާ ބޭނުންވާ ކަމަށާއި އެއީ ހިތަށް އެންމެ ބޮޑު އުފާވެރިކަން ގެނެސްދޭ ކަންތައްތައް ކަމަށް ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ބުނެފިއެވެ.
މަޝްހޫރު ޓައިމް މަޖައްލާގެ އެންމެ ފުރަތަމަ 'ޓައިމް100 ނެކްސްޓް އިންޑިއާ' ލިސްޓުގެ ކަވަރުގައި ހިމެނި، އެ މަޖައްލާއަށް ދިން ޚާއްޞަ ބަސްދީގަތުމެއްގައި އާލިއާ ވަނީ ދަރިފުޅު ރާހާ ލިބުމަށްފަހު އޭނާގެ ދިރިއުޅުމުގައި އިސްކަންދޭ ކަންކަމަށް އައި ބޮޑު ބަދަލު ތަފްސީލުކޮށްދީފައެވެ.
ދިރިއުޅުމުގައި އެންމެ ބޮޑަށް އިސްކަންދޭ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަމުން އާލިއާ ބުނީ، އޭނާ ބޭނުންވަނީ ފިލްމީ މަސައްކަތުގައި ދެމިހުރުމާއެކު، އާއިލާއަށް ވެސް ފުރިހަމައަށް ވަގުތު ހުސްކުރުމަށް ކަމަށެވެ. އެގޮތުން، ވިހެއުމަށްފަހު އަލުން އާ ފިލްމެއްގެ މަސައްކަތް ފެށުމަށް ނިންމި ދުވަހު ވެސް، މަހެއްގެ މައްޗަށް މަސައްކަތް ކުރެވޭނެ ވަކި އަދަދެއްގެ ދުވަސްތަކެއް އޭނާ ކަނޑައެޅިކަން އާލިއާ ފާހަގަކުރިއެވެ.
ނަމަވެސް، ޝޫޓިންގް ކުރިއަށްދާ ދުވަހެއްގައި ލޮކޭޝަން ބަދަލުކުރަންޖެހި ފިލްމު ސެޓަށް އަންނަ ކުއްލި ބަދަލުތަކާ އެކު ޚާއްޞަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމަކަށް ލުއިދީގެން މަސައްކަތް ކުރަން ތައްޔާރަށް ހުންނަ ކަމަށް އޭނާ ބުންޏެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އެފަދަ ކަންކަން ހަމަޖެހިފައި އޮންނަންވާނީ އޮމާންކަމާއެކު ކުރިއަށްދާނެ ހަރުދަނާ ނިޒާމެއްގެ ތެރެއިންނެވެ.
އާލިއާ އާއި ރަންބީރު، ދަރިފުޅު ރާހާގެ ހަތަރު ވަނަ އުފަންދުވަހު-- ފޮޓޯ/ މިޑްޑޭމަސައްކަތުގެ ވަގުތުތައް ވަކި ތަރުތީބަކަށް ބަހާލުމުގެ ސަބަބުން އޭނާގެ ފަންނީ މަސައްކަތްތައް ކުރިއަށްވުރެ މާ ބޮޑަށް ހަރުދަނާވެ، ނަތީޖާ ރަނގަޅުވެފައިވާ ކަމަށް އާލިއާ ދެކެއެވެ. ރަނގަޅަށް ރާވާލެވިފައިވާ ތާވަލެއް އޮތުމުން، ގަޑިއަށް ސެޓަށް ގޮސް، ގަޑިއަށް މަސައްކަތް ނިންމާލުމަށްފަހު، އެ ދުވަހެއްގެ މަސައްކަތް އެންމެ ފުރިހަމައަށް ނިންމާލެވޭކަން އޭނާ ފާހަގަކުރިއެވެ.
މި އިންތިޒާމުގެ ސަބަބުން އަމިއްލަ ނަފްސަށް އަރާމުކުރާނެ ވަގުތު ލިބި، މަންމައެއްގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމުގެ ފުރުޞަތު ފަހިވާ ކަމަށް އާލިއާ ބުންޏެވެ. އޭނާ ސިފަކުރި ގޮތުގައި މަންމައެއްގެ ޒިންމާ އަދާކުރުމަކީ އޭނާގެ ދިރިއުޅުމުގައި އެންމެ އިސްކަންދޭ ކަންތަކެވެ.
އެކްޓް ކުރުމާއި ކެމެރާގެ ކުރިމަތީގައި ހުރުމަކީ އަބަދުވެސް އޭނާ ނުހަނު ލޯބިކުރާ ކަމެއް ނަމަވެސް، މަންމައަކަށްވުމާ އެކު ދިރިއުޅުމުގައި އެންމެ މުހިންމު ކަންކަމާ މެދު ދެކޭގޮތް ބަދަލުވެފައިވާ ކަމަށް އާލިއާ އެއްބަސްވިއެވެ.
"ކެމެރާގެ ކުރިމަތީގައި ހުރުމަކީ އަހަރެން އަބަދުވެސް ލޯބިކުރާ ކަމެއް. އެކަމަކު އެއަށްވުރެ ބޮޑަށް އަހަރެން ލޯބިވަނީ އަހަރެންގެ ދަރިފުޅުގެ ކުރިމަތީގައި ހުންނަން،" އާލިއާ ބުންޏެވެ.
އާލިއާ އާއި އޭނާގެ ފިރިމީހާ، މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރަށް ދަރިފުޅު ރާހާ ލިބިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މަންމައަކަށް ވުމަށްފަހު ވެސް އާލިއާ އަންނަނީ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުން، އާއިލާއަށް ވަގުތު ދިނުމުގެ މުހިންމުކަމާ ބެހޭގޮތުން ފާޅުގައި އަޑުއުފުލަމުންނެވެ. އާލިއާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން ގެނެސްދިން ފިލްމު "އަލްފާ"އިންނެވެ.