އިންޑޮނީޝިއާގެ ސުމަތުރާއިން އަރަމުންދާ ދުމުގެ އަސަރުކޮށް، ސިންގަޕޫރުގެ މެދުތެރެއާއި ހުޅަނގު ސަރަހައްދުތަކުގެ ވައިގެ ނުސާފުމިން ސިއްހަތަށް ގެއްލުންވާ މިންވަރަށް މިއަދު މައްޗަށް ހިނގައްޖެއެވެ.
ސިންގަޕޫރުގެ ނޭޝަނަލް އެންވަޔަރަންމަންޓް އޭޖެންސީ (އެންއީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު މެންދުރު 1:00 ގައި މެދުތެރޭ ސަރަހައްދުގެ 24 ގަޑިއިރުގެ ޕޮލިއުޓަންޓް ސްޓޭންޑަޑްސް އިންޑެކްސް (ޕީއެސްއައި) ހުރީ 118 ގައެވެ. އަދި ހުޅަނގު ސަރަހައްދުގައި މި އަދަދު 110 ގައި ހުރިއިރު، އެ ގައުމުގެ އެހެން ސަރަހައްދުތަކުގެ ވައިގެ ސާފުމިން ހުރީ މެދުމިނެއްގައެވެ.
އެންއީއޭއިން ބުނި ގޮތުގައި، ވަގުތުން ވަގުތަށް ވައިގެ ސާފުމިން ދެނެގަތުމަށް ބޭނުންކުރާ އެއް ގަޑިއިރުގެ ޕީއެމް2.5 ގެ މިންވަރު ވެސް މެންދުރު 1:00 ގައި މެދުތެރެއާއި ހުޅަނގު ސަރަހައްދުގައި ވަނީ މައްޗަށް ގޮސްފައެވެ. ޕީއެމް2.5 އަކީ ވައިގެ ތެރޭގައި ހިމެނޭ 2.5 މައިކްރޯމީޓަރަށް ވުރެ ކުދި ޕާޓިކަލްތަކެކެވެ. ދުމުގެ ސަބަބުން ވައި ނުސާފުވާއިރު އެންމެ ގިނައިން ހުންނަނީ މި މާއްދާއެވެ. ޕީއެމް2.5 ގެ މިންވަރު 56 އާއި 150 އާ ދެމެދުގައި ހުރުމުން އެއީ މައްޗަށް ގޮސްފައިވާ މިންވަރެއް ކަމަށް ބަލާއިރު، 151 އާއި 250 އާ ދެމެދުގައި ހުރުމުން އެއީ މަތީ މިންވަރެއް ކަމަށް ކަނޑައަޅައެވެ.
މިއާއެކު، ބޭރުގައި އުޅޭއިރު ސަމާލުވުމަށް އެ އިދާރާއިން ވަނީ އިރުޝާދުދީފައެވެ. އެގޮތުން، ވައި ނުސާފުވެފައިވާ ވަގުތުތަކުގައި އާންމުން ބޭރުގައި ހަރަކާތްތެރިވާ މިންވަރު މަދުކުރުމަށާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންގެ އިތުރުން ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުން ބޭރުގައި އުޅުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ކުރިއަށް އޮތް ދުވަހަށް ބޭރުގެ ހަރަކާތްތައް ރާވާއިރު 24 ގަޑިއިރުގެ ޕީއެސްއައި ލަފާކުރާ ގޮތާއި ސިއްހީ އިރުޝާދުތަކަށް ބެލުމަށް ވެސް އެދިފައިވެއެވެ.
ސިންގަޕޫރަށް މި ދުމުގެ އަސަރު ކުރަމުންދަނީ އިންޑޮނީޝިއާގެ ސުމަތުރާއާއި ކަލިމަންޓަންގެ ދެކުނުގެ ސަރަހައްދުތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުންނެވެ. އެންއީއޭއިން ބުނި ގޮތުގައި، ސުމަތުރާގެ ދެކުނުން އަރަމުންދާ ބޯ ދުންގަނޑު މިހާރު ދަނީ މެލޭޝިއާއާއި ސިންގަޕޫރާ ދިމާއަށް ފެތުރެމުންނެވެ. މީގެ އިތުރުން ޖާވާއާއި ސުލަވެސީ ފަދަ ރަށްތަކުން ވެސް އަލިފާނުގެ ހާދިސާތައް ރިޕޯޓުކޮށްފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.
އިރުދެކުނު އޭޝިއާގެ ދެކުނުގެ ގިނަ ސަރަހައްދުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހޫނުގަދަވެ، ވާރޭ ނުވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެންއީއޭއިން ބުނެފައިވެއެވެ. ނަމަވެސް، ސުމަތުރާގެ އުތުރާއި ބޯނިއޯގެ އިތުރުން މެލޭޝިއާގެ ބައެއް ސަރަހައްދުތަކަށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެން ސަރަހައްދުތަކަށް މޫސުން ގޯސްނުވާނެތީ، އަލިފާނުގެ ހާދިސާތައް އިތުރުވެ، ސަރަހައްދީ ގައުމުތަކަށް ދުމުގެ އަސަރުކުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ސިންގަޕޫރުގައި ވައިގެ ސާފުމިން މިންކުރާ ޕީއެސްއައި ހިސާބުކުރަނީ ވައި ނުސާފުކުރާ ހަ މާއްދާއަކަށް ބިނާކޮށެވެ. އޭގެ ތެރޭގައި ޕީއެމް2.5، ޕީއެމް10، އޯޒޯން، ސަލްފާ ޑައިއޮކްސައިޑް، ނައިޓްރޮޖެން ޑައިއޮކްސައިޑް އަދި ކާބަން މޮނޮކްސައިޑް ހިމެނެއެވެ. ޕީއެސްއައި 101 އާއި 200 އާ ދެމެދަށް ގޮސްފިނަމަ ބަލަނީ އެއީ ސިއްހަތަށް ގެއްލުންވާ މިންވަރެއްގެ ގޮތުގައެވެ. އަދި 200 އާއި 300 އާ ދެމެދަށް ގޮސްފިނަމަ އެއީ ވަރަށް ބޮޑަށް ނުރައްކާތެރި މިންވަރެއް ކަމަށާއި، 300 އަށް ވުރެ މައްޗަށް ދިއުމުން އެއީ ފުރާނައަށް ނުރައްކާވާ މިންވަރެއް ކަމަށް ކަނޑައަޅައެވެ.