ސަންޕޯލް: 47 ޕަސެންޓް މީހުން ބުނަނީ ޑޮލަރު މައްސަލަ ހައްލު ވާނީ ދައުލަތުގެ ޚަރަދު ކުޑަކޮށްގެން ކަމަށް

ޑޮލަރު އޭޓީއެމްއަށް މީހަކު ޑޮލަރުތަކެއް ޖަމާކުރަނީ --- (ފޮޓޯ/އެމްއައިބީ)

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ ދައުލަތުގެ ޚަރަދު ކުޑަކުރުން ކަމަށް، ސަން އޮންލައިނުން ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ ޕޯލްގެ ނަތީޖާއިން ދައްކައިފިއެވެ.

މި ސެޕްޓެންބަރު މަހުގެ އެއްވަނަ ދުވަހު މި ނޫހުން ފެށި މި ޕޯލްގައި އާންމުންގެ ގިނަ ބަޔަކު ވަނީ ޑޮލަރުގެ ތަދުމިނަށް އޮތް ހައްލާ ގުޅޭގޮތުން އެ މީހުން ދެކޭ ގޮތް ހާމަކޮށް، ވޯޓުލާފައެވެ.

"ޑޮލަރު ލިބުން ދަތިވުމަށް އޮތް ހައްލަކީ ކޮބާ؟" މި ސުވާލުގެ މައްޗަށް ކުރިއަށްގެންދިޔަ ޕޯލްގައި ޖަވާބު ދިނުމަށް ހަތަރު އިހުތިޔާރެއް ދީފައިވެއެވެ. ޕޯލްގެ ނަތީޖާ ދައްކާ ގޮތުން، ވޯޓުލީ މީހުންގެ ތެރެއިން 47.3 ޕަސެންޓް މީހުން ބުނެފައިވަނީ އެންމެ ރަނގަޅު ހައްލަކީ ދައުލަތުގެ ޚަރަދު ކުޑަކުރުން ކަމަށެވެ. މީގެ އިތުރުން، 33.1 ޕަސެންޓް މީހުން ބުނެފައިވަނީ ރިސޯޓުތަކަށް ލިބޭ އާމްދަނީ މާރުކުރަން މަޖުބޫރުކުރުމަކީ އޮތް ހައްލު ކަމަށެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ހައްލު ކަމަށް 16.4 ޕަސެންޓް މީހުން ވޯޓު ދީފައިވާއިރު، އެހެނިހެން ކަންކަން ހައްލެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ 3.2 ޕަސެންޓް މީހުންނެވެ.

https://www.sun.mv/polls

މި ޕޯލަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި، ގިނަ އަދަދެއްގެ ބަޔަކު ވަނީ ވޯޓުލާފައެވެ. މިއީ އާންމުންގެ ހިޔާލު ހޯދުމަށްޓަކައި ކޮންމެ ހަފުތާއަކު އެއްފަހަރު ސަން އިން ކުރިއަށްގެންދަން ފަށާފައިވާ ސިލްސިލާ ޕޯލެކެވެ.

މި ހަފުތާއަށް ކަނޑައަޅާފައިވާ އާ ޕޯލްގައި އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ، ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުންދާ އުސޫލާ މެދު އާންމުން ދެކޭ ގޮތަކާ ގުޅޭގޮތުންނެވެ. މި ޕޯލްގައި ވެސް ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ހިޔާލު ފާޅުކުރުމަށް އެދެމެވެ.

comment ކޮމެންޓް