އެ މަނިކުފާނަށް ތާއިދުކުރާ މީހުން މަދުނޫން ނަމަވެސް، ހުންނެވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލު ވެރިކަމަށް ގެންނަވަން ތާއިދުކުރައްވައިގެން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގުރާމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމަށް ގެނައުމަށް ތާއިދުކުރާ މީހުން މަދެއް ނޫން ކަމަށެވެ.
އެކަމަކު، އެ މަނިކުފާނު ހުންނެވީ، ފައްޔާޒު ވެރިކަމަށް ގެނައުމަށް ތާއިދުކުރައްވައިގެން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް މުޙައްމަދު ޞާލިހު ވެރިކަމަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާނަަމަ ވެސް، އިންތިޚާބު ކަރުދާހުގައި ނަޝީދުގެ ނަން އޮންނާނެތޯ ސުވާލުކުރުމުން ވެސް އެ މަނިކުފާނު ވިދާޅުވީ، އެ މަގާމަށް ޞާލިހު ވާދަކުރައްވަންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.
ކޮންމެ ބޭފުޅަކު [ވެރިކަމުގެ ޓިކެޓަށް] ކުރިމަތިލި ނަމަވެސް އަޅުގަނޑު ހުންނަ ގޮތުގައި އަޅުގަނޑު ހުންނާނީ. ނޫން، އަޅުގަނޑު މި ހުރީ ފައްޔާޒަށް ތާއިދުކޮށްގެން
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ނަޝީދު އެފަދައިން ވިދާޅުވީ ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ނަޝީދު ވާދަކުރައްވަން ގިނަ މެންބަރުން ގޮވާލާ ކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
މީގެ ކުރިން އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ވެސް ރައްދުކުރެއްވި ނަޝީދާއި ފައްޔާޒު އެކުގައި މަސައްކަތްކުރައްވާތާ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައެވެ.
https://twitter.com/sunbrk/status/2097004561265512783
އެ ދެ ބޭފުޅުން ވަނީ، 'ބޮޑު ބަދަލު'ގެ ނަމުގައި ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގިނަ ބަދަލުތަކެއް ވެސް ހުށަހަޅުއްވައިފައެވެ.
އޭގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއް ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ. އަދި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާ ގުޅޭ ގޮތުން ވެސް ގިނަ ބަދަލުތަކެއް ވަނީ ހުށަހަޅާފައެވެ.
އެކަން އިއުލާނުކުރެއްވި ދުވަހު ފައްޔާޒް ވެރިކަމަށް ގެންނަން ތާއީދުކުރައްވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ޕާޓީގެ ރިޔާސީ ޓިކެޓަށް ފައްޔާޒު އެންޑޯސްކުރައްވައިފައެވެ.
ފައްޔާޒުގެ އިތުރުން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ހިމެނޭ ކަމަށް އަޑު ފެތުރިފައިވެއެވެ.