ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި ވެއްޓިފައިވާ ގެއެއްގެ ތެރޭގައި ތާށިވެފައި އޮތް އުމުރުން ދުވަސްވީ އަންހެނަކު، 10 ދުވަސް ފަހުން ދިރިހުއްޓާ ސަލާމަތްކޮށްފިއެވެ.
ބެޓްރާވަތީ އަވަށުގައި ހިނގި މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ ޗަންދިކާ ކުމާރީ ޝްރެސްތާ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ފެނިފައިވަނީ ކިސަޑާއި ފެނުގެ ތެރޭގައި އުފެދިފައިވާ ވައި ވަންނަ ކުޑަ ޖާގައެއްގެ ތެރޭގައި އޮއްވައެވެ.
ޗަންދިކާ މަރުވެއްޖެ ކަމަށް ބަލައި، އޭނާގެ އާއިލާއިން ވަނީ 11 ދުވަހުގެ މަރުގެ ރަސްމިއްޔާތުތައް ވެސް ފަށާފައެވެ.
ފުލުހުންގެ އޮފިސަރު މަހެންދުރަ ދަރްނާލް ވިދާޅުވި ގޮތުގައި، ޗަންދިކާ ދިރިއުޅުނު ހަތަރު ބުރީގެ ގެ ފެންގަނޑާ އެކު އޮޔާގޮސް، ތާށިވެފައިވަނީ ކިސަޑުގަނޑެއްގެ ތެރޭގައެވެ. އަދި އެ ސަރަހައްދު ބަލަމުން ދަނިކޮށް މީހަކު ސަލާމަތްކުރުމަށް އެދި ގޮވާ އަޑު އިވުނީ ކަމަށް އޭނާ ވިދާޅުވިއެވެ. ހޮނިހިރު ދުވަހު 45 މިނެޓުގެ އޮޕަރޭޝަނަކަށް ފަހު ޗަންދިކާ ސަލާމަތްކޮށް، މިހާރު ވަނީ އަސްކަރީ ހޮސްޕިޓަލަކަށް ފޮނުވާފައެވެ.
ބެޓްރާވަތީއަކީ މި ފެންބޮޑުވުމުގައި އެންމެ ބޮޑަށް ގެއްލުންވި އެއް ސަރަހައްދެވެ. އެ އަވަށުގެ މާރުކޭޓާއި ހަތަރު ބުރިއަށް ނަގާފައިވާ ގިނަ ދިރިއުޅޭ ގެތައް ވަނީ ކޮންކްރީޓު ފަދައިން ހަރުވެފައިވާ ހުދު ކުލައިގެ ކިސަޑުގެ ދަށުވެފައެވެ. މީހުން ސަލާމަތްކުރާ ޓީމުތަކުން ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ހޯދުމަށް ކަށިގަނޑު ފުމެމުން، އިމާރާތްތަކުގެ ބާގަވަތްތަކުގެ ތެރެއަށް ވަދެ ބަލަމުންނެވެ.
ފުލުހުންގެ އޮފިސަރު ދަރްނާލް ވިދާޅުވި ގޮތުގައި، މީގެ ފަސް ދުވަސް ކުރިން އެ އަވަށުގެ މާރުކޭޓު ސަރަހައްދުގައި ހުރި ކުޑަ ފިހާރައެއްގެ ތެރެއިން 24 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އެ ހަށިގަނޑުތައް ފެނުނުއިރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
މީގެ 11 ދުވަސް ކުރިން ގްލޭޝިއާއެއް ވެއްޓުމުގެ ސަބަބުން ނޭޕާލަށް ކުރިމަތިވި މި ކާރިސާގައި މުޅި ގައުމުން 1،300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ގާތްގަނޑަކަށް 5،000 މީހުން އަދިވެސް ނުފެނެއެވެ. ރަސުވާ ޑިސްޓްރިކްޓުން އޮޔާގޮސްފައިވާ އެތައް ސަތޭކަ ހަށިގަނޑެއް ކޯރުތަކުގެ އައްސޭރިފަށަށް ލައްގަމުންދާއިރު، އެތައް މޭލެއް ދުރުގައި އޮންނަ ޗިޓްވާންގައި ކާކުކަން ނޭނގޭ ގިނަ އަދަދެއްގެ ހަށިގަނޑުތައް ވަނީ ވަޅުލާފައެވެ.
އުންމީދު ކުޑަވަމުން ދިޔަ ނަމަވެސް، ކިސަޑުގެ ދަށުގައާއި ބިންގަރާސްތަކުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ނޭޕާލުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. ހުކުރު ދުވަހުން ފެށިގެން ބިންގަރާސްތަކުގެ ތެރެއިން ތިން މީހަކު ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި 900 އަށް ވުރެ ގިނަ މީހުން ތާށިވެފައިވާ ކަމަށް ބެލެވޭ ޓްރިޝޫލީ ކޯރު ކައިރިން ސަލާމަތްކުރި ޗައިނާގެ ރައްޔިތަކާއި، މަންމައާ ހަވާލުކުރެވުނު އުމުރުން އަށް އަހަރުގެ ކުއްޖަކު ހިމެނެއެވެ.