ފާއިތުވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ދިވެހިރާއްޖެއިން މިވަނީ އިންތިހާއަށް ކަންބޮޑުވެ، ހިތާމަކުރަންޖެހޭ ފަދަ ޚަބަރުތަކެއް އަނެއްކާވެސް ފެންމަތިވެއެވެ. ނިމިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން އެންމެ 3 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރު ރެކޯޑުކުރި ކަމުގެ ތުހުމަތުގައި 28 އަހަރުގެ ބައްޕައަކު ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ފުލުހުން ކަށަވަރުކޮށްދިން ގޮތުގައި، 13 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާކުރި މައްސަލައެއްގައި 41 އަހަރުގެ ބައްޕައަކު ވަނީ ހައްޔަރުކުރެވިފައެވެ.
މި ދެ މައްސަލައަކީ ވެސް މިހާރު ތަހުގީގު ހިނގަމުންދާ މައްސަލަތަކެއް ނަމަވެސް، މިއިން ކޮންމެ ހާދިސާއަކުން އަޅުގަނޑުމެންނާ ކުރިމަތިކުރުވަނީ ޖިނާއީ އަދުލުގެ ނިޒާމަށްވުރެ މާ ފުޅާ، ފުން ސުވާލެކެވެ.
ކުއްޖަކު އެންމެ ބޮޑަށް އިތުބާރުކޮށް، ރައްކާތެރިކަމަށް އެދި ބަރޯސާވާ ފަރާތަކީ އެ ކުއްޖާއަށް އޮތް އެންމެ ބޮޑު ނުރައްކަލަށް ވެއްޖެނަމަ، އެ ކުއްޖާ އަމިއްލަ ނަފްސު ދިފާއުކުރާނީ ކިހިނެއް ހެއްޔެވެ؟
ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަޝްވަރާތަކާއި އިސްލާހީ މަސައްކަތްތައް ފަށަންވީ މި ހިސާބުންނެވެ.
ވަކިވަކި ފަރުދުންނަށްވުރެ ފުޅާ އިޖުތިމާއީ މައްސަލައެއް
ފާއިތުވި ހަމަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިތުބާރު ކުރެވޭ މަގާމުތަކުގައި ތިބި ފަރާތްތަކުން ކުޑަކުދިންނަށް ގޯނާކޮށްފައިވާ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މިސާލަކަށް ފާއިތުވި ޖޫން މަހު، މަގާމުގެ ނުފޫޒާއި އިތުބާރު ނަހަމަ ގޮތުގައި ބޭނުންކޮށް ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ އޮފިސަރަކު ވަނީ ހައްޔަރުކޮށް، ސަސްޕެންޑްކޮށްފައެވެ.
މީގެ އިތުރުން ޝަރުއީ މަރުހަލާގައި ހުރި މައްސަލަތަކަށް ބަލާއިރު، އާއިލާގެ ގާތް މީހުންނާއި، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ފަދަ ކުދިންނާ ގާތް ގުޅުން އޮންނަ ފަރާތްތައް މިފަދަ ކުށްތަކުގައި ހިމެނެއެވެ. މިކަމުން ދޭހަކޮށްދެނީ މި ނުރައްކަލަކީ ވަކި ވަޒީފާއަކަށް، ވަކި ފަންތިއަކަށް ނުވަތަ ވަކި ގިންތިއެއްގެ މީހަކަށް އެކަނި ޚާއްސަވެފައިވާ ކަމެއް ނޫން ކަމެވެ.
ރަސްމީ އިދާރާތަކުގެ ތަފާސްހިސާބުތަކުން ފެންނަނީ ނުހަނު ކަންބޮޑުވާންޖެހޭ މަންޒަރެކެވެ. މެއި މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް ރެކޯޑުކުރެވިފައިވާއިރު، އޭގެ ތެރޭގައި 19 އަންހެން ކުދިންނާއި 6 ފިރިހެން ކުދިން ހިމެނެއެވެ. މިއީ އެ މަހު ކުޑަކުދިންނަށް ލިބުނު އަނިޔާތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރެވުނު ބާވަތެވެ.
ހަމައެއާއެކު، "ޗައިލްޑް ހެލްޕްލައިން 1412" އަށް އެ މަހު 1،300 އަށްވުރެ ގިނަ ކޯލު ލިބިފައިވެއެވެ. މިއީ ހަމައެކަނި ރަސްމީ ނިޒާމާ ހަމައަށް ވާސިލުވެވުނު މިންވަރެވެ؛ ހަގީގީ މައްސަލައިގެ ފުރިހަމަ ތަސްވީރެއް ނޫނެވެ. މި އަދަދުތަކުގެ ފަހަތުގައި ހާމަނުވެ ހުރި ކަންތައްތައް މާ ގިނައެވެ.
ބިރުވެރިކަމުގެ ސަބަބުން ހިމޭނުން ތިބެންޖެހުނު ކުދިންނާއި، ކަމެއް ފާހަގަވި ނަމަވެސް ފިޔަވަޅު ނޭޅުނު މީހުންނާއި، އަދި ހަދާނެ ގޮތް ހުސްވެފައިވާ އެތައް އާއިލާއެއް މި މުޖުތަމައުގައި އެބަތިއްބެވެ. އެންމެ ރައްކާތެރި ކަމަށް ހީކުރާ މާހައުލުގައި، ބިރުވެރިކަމާއެކު ދިރިއުޅެމުންދާ ކުދިންގެ ވާހަކަ މި ތަފާސްހިސާބުތަކުން އަދިވެސް ފެންނާކަށް ނެތެވެ.
ގޭތެރެއަކީ އަމިއްލަ ޒާތުގައި ރައްކާތެރި ތަނަކަށް ނުވާ ހިނދު
ޔުނިސެފް ގެ ރިޕޯޓުތަކުން ފާހަގަކޮށްފައިވާ ގޮތުގައި، ކުޑަކުދިންނަށް ކުރެވޭ ގިނަ އަނިޔާތައް ހިނގަނީ އެކުދިންނަށް އެންމެ ރައްކާތެރިކަން ލިބެންޖެހޭ ގޭތެރެއާއި ސްކޫލްތަކާއި އަދި އެކުދިން ދިރިއުޅޭ މާހައުލުގައެވެ. ގިނަ ފަހަރަށް އަނިޔާ ލިބެނީ އެކުދިން އެންމެ ބޮޑަށް އިތުބާރުކުރާ އަދި އެމީހުންގެ އަޅާލުމަށް ބަރޯސާވާ މީހުންގެ ފަރާތުންނެވެ. އެހެންކަމުން، ކުދިންގެ ރައްކާތެރިކަމާ މެދު އަޅުގަނޑުމެން ވިސްނާ ވިސްނުން ބަދަލުކުރަން މަޖުބޫރުވެއެވެ.
ޒަމާނުއްސުރެ އަޅުގަނޑުމެން ދަސްކޮށްދެނީ ނުދަންނަ މީހުންގެ ކިބައިން ރައްކާތެރިވުމަށެވެ. ނަމަވެސް، ނުރައްކާ ކުރިމަތިވަނީ ދަންނަ، އަދި އެންމެ ގާތް ފަރާތްތަކުން ކަމަށްވާނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ކާންދީ، ނިންދަވައި، ތަރުބިއްޔަތުކުރާ މީހާއަކީ އަނިޔާވެރިޔާއަށް ވެއްޖެނަމަ، ތުއްތު ކުއްޖަކު އެކަން ދެނެގަންނާނީ އަދި އެކަމާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟
މިފަދަ ނާޒުކު ހާލަތްތަކުން އަރައިގަތުމުގެ ބުރަ ކުޑަކުދިންގެ ކޮނޑުގައި އެޅިގެން ނުވާނެއެވެ. ކުއްޖަކު އެކަމާ ދެކޮޅަށް ވާހަކަދެއްކުމަށް ބޭނުންވާ ހިތްވަރު ނެރުމުގެ ކުރިން، ބޮޑެތި މީހުން އެކުދިންނަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހެއެވެ. އާއިލީ ގުޅުމަކީ ނުވަތަ އިޖުތިމާއީ ގަދަރަކީ ކުއްޖަކަށް އަނިޔާއެއް ނުލިބޭނެ ކަމުގެ ފުރިހަމަ ގެރެންޓީއެއް ނޫންކަން ގަބޫލުކޮށް، އުނދަގޫ ސުވާލުތަކާ ކުރިމަތިލާން އަޅުގަނޑުމެން ކެރެންވާނެއެވެ.
ހިމޭންކަމުގެ ފަރުދާ ކަނޑުވާލުން
މިކަމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހިމޭންކަމެވެ. އާންމުކޮށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ކަމެއް ގޯސްކޮށް ހިނގާނަމަ ކުއްޖާ އެވާހަކަ ހިއްސާކުރާނެ ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެފަދަ ވާހަކައެއް ހާމަކުރުމަކީ ބިރާއި ލަދާއި އެވާހަކަ ދެއްކުމުން ދެން ވެދާނެ ގޮތަކާމެދު އުފެދޭ ޝައްކުތަކާ ގުޅިފައިވާ ވަރަށް އުނދަގޫ ކަމެކެވެ. އަނިޔާއަކީ ގޯހެއްކަން އެނގުމާއި އެކަން ހާމަކުރަން ކެރުމަކީ މުޅިން ތަފާތު ދެ ކަމެކެވެ.
ޔުނިސެފް އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ގުޅިގެން ކުރިއަށްގެންދިޔަ "އުދުހިލަން – އުފާވެރި، ރައްކާތެރި މުޖުތަމައަކަށް" ކެމްޕޭނުގެ ތެރެއިން ހާމަވެފައިވާ ގޮތުގައި، ކުދިން އެހީތެރިކަމަށް އެދުމުގައި އިތުބާރާއި އާއިލީ ގުޅުމާއި މުއައްސަސާތަކުގެ ހަރުދަނާކަން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.
ކުދިން ވާހަކަ ހިއްސާކުރާނީ އެކުދިންގެ އަޑުއަހާނެ ކަމާއި ކުށްވެރިނުކުރާނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ. އެހެންކަމުން، ކުޑަކުދިން ރައްކާތެރިކުރުމަކީ އެކުދިންގެ ނަފްސާނީ ހަމަޖެހުމާވެސް ގުޅިފައިވާ ޒިންމާއެކެވެ.
ޑިޖިޓަލް މާހައުލުގެ ނުރައްކާތައް
މި ޒަމާނުގައި ރައްކާތެރިކަމުގެ ގޮންޖެހުން ވަނީ ޑިޖިޓަލް ދުނިޔެއަށްވެސް ފުޅާވެފައެވެ. ކުދިން ޓެކްނޮލޮޖީއަށް އަހުލުވެރިވާ މިންވަރު އިތުރުވަމުންދާއިރު، އޮންލައިން މާހައުލުގައި އެކުދިން ރައްކާތެރިކުރުމަށް ހުރި ނިޒާމުތައް ހަރުދަނާކުރަންޖެހެއެވެ. އޮޅުވާލައިގެން ގާތްކަން އުފެއްދުން (ނުވަތަ ގްރޫމިންގް)، ބިރުދެއްކުމާއި ބްލެކްމެއިލްކުރުން، ފުރައްސާރަކުރުން އަދި އޭއައި ބޭނުންކޮށްގެން ފޮޓޯއާއި ވީޑިއޯ ބަދަލުކޮށްގެން ކުރާ ގޯނާތަކަކީ މިއަދު އޮތް ވަރަށް ބޮޑު ބިރެކެވެ.
މީގެ މާނައަކީ ކުއްޖަކު ގޭތެރޭގައި، ލޯމަތީގައި ހުރުމަކުން އެކަނި ފުރިހަމަ ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމެވެ. ބެލެނިވެރިންނާއި، އަޅާލާ ފަރާތްތަކުން ޑިޖިޓަލް ދުނިޔޭގެ ނުރައްކާތަކާއި، އޮންލައިން ގުޅުންތަކުގެ ތެރެއިން ފެންނަ އިންޒާރުގެ ނިޝާންތަކަށް ފާރަވެރިވާންޖެހެއެވެ. އަދި ހަރުކަށި ފިޔަވަޅުތަކުގެ ބަދަލުގައި، އޮންލައިންކޮށް ދިމާވާ ކަންކަމާ ގުޅޭގޮތުން ކުދިންނާ ވާހަކަދެއްކޭނެ ރައްކާތެރި މާހައުލެއް ގޭތެރޭގައި ގާއިމުކުރަންޖެހެއެވެ.
އިޖާބަދިނުމުގެ އިތުރުން ދުރާލާ ރައްކާތެރިވުން އިސްކުރުން
ދިވެހިރާއްޖޭގައި ގާނޫނީ އޮނިގަނޑުތަކާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ މުއައްސަސާތަކާއި، 1412 ފަދަ އެހީތެރިކަން ފޯރުކޮށްދޭ ޚިދުމަތްތައް އެބަހުއްޓެވެ. ތަހުގީގުކުރުމާއި، އަދަބުދިނުމާއި، އަނިޔާ ލިބޭ ކުދިންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން މުހިންމު ކަންކަމެވެ.
ނަމަވެސް، މި ނިޒާމުތައް ގިނަ ފަހަރަށް ހަރަކާތްތެރިވަނީ އަނިޔާއެއް ލިބި، ކަމެއް ހިނގާ ނިމޭ ފަހުންނެވެ. އަޅުގަނޑުމެންގެ ގައުމީ އަމާޒަކަށް ވާންވީ ހަމައެކަނި އަނިޔާއަށް ފަހު އަޅާ ފިޔަވަޅުތައް ހަރުދަނާކުރުމެއް ނޫނެވެ. އަނިޔާ ހުއްޓުވުމާއި ދުރާލާ ރައްކާތެރިވުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމެވެ.
ހަގީގީ ރައްކާތެރިކަން ފެށެނީ ފުލުހުންގެ ތަހުގީގަކަށްވުރެ މާ ކުރިންނެވެ. އެއީ އަމިއްލަ ހަށިގަނޑުގެ ރައްކާތެރިކަމާއި އިންތަކާ ބެހޭގޮތުން ލަދެއްނެތި ކުދިންނާ ވާހަކަދައްކަން ފަށާ ހިސާބުންނެވެ. ނުތަނަވަސްކަން އުފެދޭ އެއްވެސް ކަމެއް ހިނގައިފިނަމަ، އެ ވާހަކަ އިތުބާރުކުރެވޭ ބޮޑު މީހަކާ ހިއްސާކުރަންޖެހޭނެކަން ކުދިންނަށް ދަސްކޮށްދެވުމުންނެވެ. އަދި ބޮޑެތި މީހުންނަކީ ގްރޫމިންގް އަދި ނަހަމަ އުޅުންތަކުގެ ނިޝާންތައް ދެނެގަންނަން އެނގޭ ބަޔަކަށް ވެގެންނެވެ.
ކޮންމެ ފަރުދެއްގެ ޒިންމާއެއް
ކުދިންގެ ރައްކާތެރިކަން ބިނާވެފައިވަނީ މުޖުތަމައުގެ ހުރިހާ އެންމެންގެ ހޭލުންތެރިކަމުގެ މައްޗަށެވެ. ޓީޗަރުން، ޑޮކްޓަރުން، ކައުންސިލަރުން، އަދި އާއިލާގެ މެންބަރުންވެސް ކުއްޖެއްގެ ކިބައިން ފެންނަ އާދަޔާޚިލާފު ބަދަލުތަކަށް ސަމާލުވާންޖެހެއެވެ. އަދި ކުއްޖަކު ކަމެއް ހާމަކޮށްފިނަމަ، އެކަން ގަބޫލުކޮށް، އޯގާތެރިކަމާއެކު އަޑުއަހައި، ފަންނީ އިދާރާތަކުގެ އެހީ ހޯދަން ފަސްޖެހިގެން ނުވާނެއެވެ.
ބައެއް ހާލަތްތަކުގައި، ކުއްޖަކު ރައްކާތެރިކުރުމަށްޓަކައި އަޅުގަނޑުމެން އިހުތިރާމްކުރާ، ދަންނަ، ނުވަތަ އާއިލާގެ މީހަކާ ކުރިމަތިލާން ޖެހިދާނެއެވެ. އާއިލާގެ އަބުރާއި އިއްޒަތް ސަލާމަތްކުރުމަށްޓަކައި ކުއްޖެއްގެ ރައްކާތެރިކަން ގުރުބާންކުރުމަކީ އަޅުގަނޑުމެންގެ ދީނުގައި އަންގަވާފައިވާގޮތާ ފުށުއަރާކަމެކެވެ. ކުއްޖެއްގެ މަސްލަހަތާއި ރައްކާތެރިކަން އަބަދުވެސް އޮންނަންވާނީ އެހެން ހުރިހާ ކަމަކަށްވުރެ އިސްކޮށެވެ.
ލޯބި ވާންޖެހޭނީ ރައްކާތެރިކަމުގެ އަމަލަކަށް
ދަރިން ދެކެ ލޯބިވުމަކީ ހަމައެކަނި އަޅާލުމާއި ތަކެތި ހޯދައިދިނުމެއް ނޫނެވެ. ލޯބިވާންވާނީ އަމަލީގޮތުން ރައްކާތެރިކަން ކަށަވަރުކޮށްދޭ ގޮތެއްގެ މައްޗަށެވެ. ކުއްޖާގެ ވާހަކަތައް އަޑުއަހައި، އިންތަކަށް އިހުތިރާމްކޮށް، އަދި ކަންބޮޑުވުންތަކަށް ސީރިއަސްކޮށް އަޅާލުމަކީ ހަގީގީ ލޯތްބެވެ. އާއިލީ ސިއްރެއް ހިފެހެއްޓުމަށްޓަކައި ކުއްޖާގެ ނަފްސު އަނިޔާއަށް ދޫކޮށްލުމަކީ ލޯތްބެއް ނޫނެވެ.
ދަރިންނަށް ހަގީގަތުގައި ލޯބިދޭ މުޖުތަމައެއްގެ ފެންވަރު ވަޒަންކުރެވޭނީ، ހަމައެކަނި އަނިޔާވެރިޔާއަށް ދެވޭ އަދަބަކުން ނޫނެވެ. އެއީ ކުއްޖާއަށް އަނިޔާ ލިބުމުގެ ކުރިން ރައްކާތެރިކަން ފޯރުކޮށްދެވުނު މިންވަރާއި، އެކުދިންގެ އަޑު އިއްވުމަށް ފަހިކޮށްދެވުނު މާހައުލުގެ މައްޗަށް ބިނާކޮށެވެ.
ކޮންމެ ނަމްބަރަކީ ކުއްޖެއްގެ މުސްތަގުބަލު
ތަފާސްހިސާބުތަކުން ފެންނަ ކޮންމެ އަދަދަކީ ހަމައެކަނި ހިސާބު އަކުރެއް ނޫނެވެ. އެއީ މައުސޫމު ކުއްޖެއްގެ ދިރިއުޅުމާއި ނަފްސާނީ ހަމަޖެހުމާއި ބައްޓަންވަމުން އަންނަ މުސްތަގުބަލެވެ.
އަނިޔާއިން ސަލާމަތްވުމަށްޓަކައި ތުއްތު ކުއްޖަކު ހިތްވަރުގަދަވާކަށް ނުޖެހެއެވެ. އެކުދިންނަށްޓަކައި ފުރަތަމަ ހިތްވަރުގަދަވާންޖެހޭ ބަޔަކީ ބޮޑެތި މީހުންނެވެ. ޒިންމާ އުފުލަންޖެހޭ ބަޔަކީވެސް އަޅުގަނޑުމެންނެވެ.
ހަމައެކަނި "ވަރަށް ލޯބިވޭ" އޭ ބުނުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ ދަރިންނަށް ރައްކާތެރިކަމުގެ ފުރިހަމަ އިހުސާސް ލިބިދޭ ފަދަ އަމާން މުޖުތަމައެއް ބިނާކުރުމަކީ އަޅުގަނޑުމްނަށްއޮތް އެންމެއިސް އެއްވާޖިބެވެ.