ފުރާވަރު އުމުރުގައި ފިލްމީ ދާއިރާއަށް ނުކުތުމަށްޓަކައި ކިޔެވުން މެދުކަނޑާލުމަކީ މިއަދު ނުހަނު ހިތާމަކުރާ ކަމެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާން ހާމަކޮށްފިއެވެ.
ހަނޫމާން ދާސްގެ ޔޫޓިއުބް ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން ކަރީނާ ބުނީ، އޭނާ ކިޔެވުން ހުއްޓާލީ ގްރޭޑް 11 ނިންމުމަށްފަހު ފިލްމީ ދާއިރާއިން ކުރިއަށްދިޔުމުގެ ބޭނުމުގައި ކަމަށެވެ. އަދި އޭރު ކިޔެވުމުގެ ފުރުސަތު އޮތް ނަމަވެސް، ފިލްމީ މަސައްކަތްތަކަށް އިސްކަންދެވުނީ އަމިއްލަ ނަން ސާބިތުކޮށްދިނުމުގެ ޝައުޤުވެރިކަން ހުރުމުން ކަމަށް އޭނާ ފާހަގަކުރިއެވެ.
"އަހަންނަށް ތައުލީމު ފުރިހަމައެއް ނުކުރެވުނު. އެއީ އަބަދުވެސް ހިތުގައި އޮންނަ ވަރަށް ބޮޑު ހިތާމައެއް. އެހެންކަމުން އަހަރެންގެ ދެ ފިރިހެން ކުދިން ކަމަށްވާ ތައިމޫރާއި ޖޭ، އެ ކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ ކުރިން ފުރަތަމަ ކިޔެވުން ފުރިހަމަކުރުމަށް އަބަދުވެސް ބާރުއަޅަން،" ކަރީނާ ބުންޏެވެ.

ކަރީނާ ކަޕޫރު ފިރިމީހާ ސައިފް އަލީ ޚާން އަދި ދެ ކުދިން ތައިމޫރު އާއި ޖޭއާ އެކު--ފޮޓޯ/މިޑްޑޭ
އަމިއްލަ ތަޖުރިބާގެ އަލީގައި، އިންޑިއާގައި އަންހެން ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށާއި ކުޑަކުދިންނަށް ފެންވަރު ރަނގަޅު ތައުލީމު ކަށަވަރުކޮށްދިނުމަށް ޔުނިސެފުން ކުރަމުންދާ މަސައްކަތްތަކުގައި އޭނާ ޚާއްސަ އިސްކަމެއް ދީގެން އަންނަނީ ބައިވެރިވަމުންނެވެ.
ކަރީނާއަކީ 2014 ވަނަ އަހަރުން ފެށިގެން ޔުނިސެފް އިންޑިއާގެ އެމްބެސެޑަރެއްގެ ގޮތުގައި މި ދާއިރާއިން އަޑުއުފުލަމުން އަންނަ ފަންނާނެކެވެ.
އުމުރުން އެންމެ 19 އަހަރުގައި، ޖޭޕީ ދައްތާގެ "ރެފިއުޖީ"އިން އަބީޝެކް ބައްޗަންއާ އެކު ފިލްމީ ދާއިރާއަށް ތައާރަފުވި ކަރީނާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މެގްނާ ގުލްޒާރު ޑައިރެކްޓްކޮށް، މި މަހުގެ 18ގައި ސިނަމާތަކަށް ގެންނަ ފިލްމު "ދާއިރާ"އިންނެވެ. މި ފިލްމުގައި ކަރީނާއާ އެކު ޕްރިތުވީރާޖް ސުކުމާރަން ވެސް މުހިންމު ރޯލަކުން ފެންނާނެއެވެ.