ޖިންސީ ފުރައްސާރައިގެ ތުހުމަތެއްގައި ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް ބަދަލުގެ ގޮތުގައި ހަ މަސްދުވަހުގެ މުސާރަ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި އަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއިދުކޮށްފިއެވެ.
މި މައްސަލައަކީ ވިލާ އެއާގެ ގްރައުންޑް އޮޕަރޭޝަންސް އެސިސްޓެންޓެއްގެ މަޤާމުގައި ހުރި މުވައްޒަފަކު، މާލޭ ލައުންޖުގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ 2023 މާރިޗު 8 ގައި އޭނާ ވަޒީފާއިން ވަކިކުރުމުން ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި އެ މުވައްޒަފު ވަޒީފާއިން ވަކިކުރީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމެއްނެތި ކަމަށްވާތީ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި މަހަކު 10,200 ރުފިޔާގެ ރޭޓުން ހަ މަސްދުވަހުގެ މުސާރަ އޭނާއަށް ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވިލާ އެއާގެ މައްޗަށް އަމުރުކުރިއެވެ. ޓްރައިބިއުނަލްގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ވިލާ އެއާއިން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ހައިކޯޓުންވެސް ވިލާ އެއާއަށްވީ ނާކާމިޔާބެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުން ޙުކުމް ކުރައްވާފައިވަނީ ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކުރާނެ ޤާނޫނީ ތަނެއް ނެތް ކަމަށެވެ. ހައިކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވާ މައިގަނޑު ނުކުތާތަކަކީ ޖިންސީ ފުރައްސާރައިގެ ޢަމަލެއް އެ މުވައްޒަފު ހިންގިކަން މަދަނީ މިންގަނޑުން ސާބިތުވާވަރަށް ކުންފުނީގެ ތަޙުޤީޤު ރިޕޯޓުގައި ހެއްކާއި ޤަރީނާ ނެތްކަމާއި މީގެ ކުރިން އެ މުވައްޒަފަށް ދީފައިވާ އިންޒާރަކަށް ބަލައި ފިޔަވަޅު އެޅޭނީ، މި މައްސަލައިގައި ކުރެވުނު ތުހުމަތު ސާބިތުވާނަމަ ކަމަށްވާއިރު، މި ހާދިސާގައި އެފަދަ ކަމެއް ސާބިތުވެފައި ނުވާކަމެވެ.
އަދި އޭގެ އިތުރުން މުވައްޒަފު ވަކިކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ވިލާ އެއާއިން ފުރިހަމަކޮށްފައި ނުވާކަން ހައިކޯޓުގެ ފަނޑިޔާރުން ފާހަގަ ކުރިއެވެ.
އެހެންކަމުން، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި އަދި ފަނޑިޔާރު ޢަބްދުالله ޖަމީލް މޫސާ އާއި ފަނޑިޔާރު އިސްމާޢީލް ޝަފީޢު އިއްތިފާޤުވެވަޑައިގެންނެވި މި ޙުކުމުގައި ވަނީ ޓްރައިބިއުނަލްގެ ނިންމުމަށް ތާއިދުކޮށްފައެވެ.