ދެކުނުގެ ރަށެއްގައި އަންހެން ދަރިފުޅަށް ޖިންސީ ގޯނާކޮށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ދިނުމުގެ ތުހުމަތުގައި ބައްޕައަކު މިއަދު ހައްޔަރުކޮށްފިއެވެ.
މި ނިމުނު އޯގަސްޓު 31 ވަނަ ދުވަހު ރިޕޯޓުކުރި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ކުއްޖާގެ ބައްޕަކަން "ސަން"އަށް ވަނީ ކަށަވަރުކުރެވިފައެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ، އެ ކުއްޖާއަށް އަނިޔާކޮށްފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެއް ކަމަށެވެ.
"އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ އިތުރުން ޖިސްމާނީ އަނިޔާ އާއި ނަފްސާނީ އަނިޔާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2026 އޮގަސްޓް 31 ވަނަ ދުވަހު ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައި،" ފުލުހުން ބުންޏެވެ.
މި މައްސަލަ ހިނގައިގެން ސަމާލުކަމަށް އައިސްފައިވާއިރު، ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ކޯޓު އަމުރެއްގެ ދަށުން ވަނީ މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ވެސް ކުއްޖާގެ ބައްޕަ ކަމަށް ފުލުހުން ކަށަވަރުކޮށްދީފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މި މައްސަލަ ވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުލުހުންގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ޖިންސީ ކުށުގެ 174 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
އަދި ޔުނިސެފްގެ ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ ތިން އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކު ހަޔާތުގައި މަދުވެގެން އެއްފަހަރު ޖިންސީ ގޯނާއާ ކުރިމަތިލާންޖެހޭއިރު، ރާއްޖޭގެ ކުޑަކުދިންގެ ތެރެއިން 15 ޕަސެންޓު ކުދިންނަކީ މިފަދަ ގޯނާތަކުގެ ޝިކާރައަކަށް ވެފައިވާ ކުދިންނެވެ.