ގަވާއިދާ އެގޮތަށް އެންމެ ރަނގަޅަށް އަމަލުކުރާ ފަރާތްތަކުގެ އަގު ވަޒަންކުރަން ފުލުހުންގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ފުހުންގެ ދުވަހުންގެ ދުވަހުގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން... ފޮޓޯ/ ސަން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކޮށް، އެކަންކަމުގައި އެންމެ ފުރިހަމައަށް އެހީތެރިވެދޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ ހަރަކާތެއް މާލޭގައި މިއަދު ހަވީރު ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ފާހަގަކުރި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން މާލޭ ޕޮލިހުން ހިންގި މި ހަރަކާތަކީ ފުލުހުންނާއި ފުލުހުންގެ އާއިލާތައް އަދި ފުލުހުން ޚިދުމަތް ފޯރުކޮށްދޭ މުޖުތަމައާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ތަންފީޒީ މުއައްސަސާއެއްގެ ހައިސިއްޔަތުން ފުލުހުންގެ މި ހަރަކާތް ކުރިއަށް ގެންދިޔައީ އާންމު ޔުނިފޯމުގެ ބަދަލުގައި ޓީޝާޓުގައެވެ. މި އިވެންޓުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް ހިތްވަރުދީ އަގުވަޒަންކުރުންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި ރައްޔިތުންގެ ތެރެއިން 99 އިންސައްތަ މީހުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކޮށް، އެކަންކަމަށް ފުރިހަމަ އެއްބާރުލުން ދެމުންގެންދެއެވެ. އެހެންކަމުން އެ ފަރާތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ކާޑު ބެހުމުގެ އިތުރުން، ޗެކްކުރުމަށްފަހު ގަވާއިދާ އެއްގޮތަށް ހުންނަ ސައިކަލުތަކަށް ހެލްމެޓް ދިނުމާއި، ގަވާއިދާ އެއްގޮތަށް އުޅަނދު ޕާކުކުރާ ފަރާތްތަކުގެ އަގުވަޒަންކުރުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ފުހުންގެ ދުވަހުންގެ ދުވަހުގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން... ފޮޓޯ/ ސަން

މީގެ އިތުރުން ގޭބިސީތަކުގެ ބެލްކަނީގައި ގަސްމުށި ނުބެހެއްޓުމާއި، ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓުތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ފުރިހަމައަށް އަޅާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުން ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔައެވެ.

މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ފުލުހުން ގްރޫޕްތަކަށް ބެހިގެން ހަރަކާތްތެރިވެފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދާއި، ޖުމްހޫރީ މައިދާން ސަރަހައްދާއި، ކުޑަކުދިންގެ ބަގީޗާ ސަރަހައްދުގެ އިތުރުން މާލޭގައި އެންމެ މީހުން ގިނައިން އެއްވާ ސަރަހައްދުތަކުގައެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން އަދިވެސް ގިނަ ހަރަކާތްތަކެއް ރާވައިފައިވާ ކަމަށް އެ ޚިދުމަތުން ބުނެއެވެ.

އެގޮތުން ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން، މާލޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާލޭގައި ބާއްވާ ކުޑަކުދިންގެ ހަވީރު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ސޯޝަލް ސެންޓަރު ސަރަހައްދުގައެވެ.

ފުލުހުން ވަނީ ހޮނިހިރު ދުވަހު ހަވީރު ބާއްވާ ކުޑަކުދިންގެ ހަވީރުގައި ވީހާ ވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވެ، މި އުފާވެރި މުނާސަބަތުގައި ބައިވެރިވުމަށް އެދި ދައުވަތުވެސް ދީފައެވެ.

މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ "ޕޮލިސް ފެމިލީ ނައިޓް" ވެސް އެ ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ނައިޓުގައި މަގުބޫލު ސަގާފީ ނެށުންތެރިޔާ ބާރަށު ޝިޔާމްގެ ފޯރިގަދަ ހުށަހެޅުންތަކެއް ފެނިގެންދާނެެކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

comment ކޮމެންޓް