އިންޑިއާގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް، ނަމަވެސް ތަފާސްހިސާބުތަކާ މެދު ސުވާލު އުފައްދައިފި

މެދުއިރުމަތީގެ ތެލުގެ މައްސަލަތަކާ ގުޅިގެން ދިމާވި ގޮންޖެހުންތަކާ އެކުވެސް، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާގެ އިގުތިސާދު 7.8 ޕަސެންޓުން ކުރިއަރައިފި ކަމަށް އެ ގައުމުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ނަތީޖާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމުގެ ހާލަތު ގޯސްވާނެ ކަމަށް ލަފާކުރި ފަރާތްތަކަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އިންޑިއާ އަނެއްކާވެސް ކުރިއަރައިފި ކަމަށެވެ. ނަމަވެސް، މި ތަފާސްހިސާބުތައް އާންމުކޮށްފައި މިވަނީ، އިމްތިހާނު ކަރުދާސްތައް ލީކުވުމުގެ މައްސަލަތަކާއި ޒުވާނުންގެ މެދުގައި ވަޒީފާނެތް މީހުންގެ ނިސްބަތް އިތުރުވަމުންދާތީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ޖޭޕީ މޯގަންގެ އިސް އިގުތިސާދީ މާހިރު ސައްޖިދު ޗިނޯއީ ވިދާޅުވި ގޮތުގައި، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އިންޑިއާގެ އިގުތިސާދަށް އައިސްފައިވާ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުން ދީފައިވާ މާލީ ލުއިތަކެވެ. މީގެ ތެރޭގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޓެކްސްއަށް ގެނައި ލުއިތަކާއި، ސެޕްޓެންބަރު މަހު ކޮންސަމްޕްޝަން ޓެކްސް ކުޑަކުރުމުގެ އިތުރުން، 2025 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އިންޓަރެސްޓް ރޭޓު 1.5 ޕަސެންޓަށް ދަށްކުރުން ހިމެނެއެވެ.

އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ޗިނޯއީ ފާހަގަކުރެއްވި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅީގެ މައްސަލަތަކާ ގުޅިގެން މެދުއިރުމަތިން ހަކަތަ ހޯދުމަށް ދިމާވި ދަތިތަކުން އަރައިގަތުމަށް އިންޑިއާއިން އަވަސް ފިޔަވަޅުތަކެއް އަޅައި، އެހެން ގައުމުތަކުން ހަކަތަ އެތެރެކުރަން ފެށުމަކީ އިގުތިސާދު ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރި މުޒާހަރާގެ ތެރެއިން: ޑިމާންޑް ކުރީ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް-- ފޮޓޯ: ރޮއިޓާސް

މީގެ އިތުރުން، އެމެރިކާ ޑޮލަރާ އަޅައިބަލާއިރު އިންޑިއާ ރުޕީސްގެ އަގު 15 ޕަސެންޓަށް ދަށްވުމުގެ ސަބަބުން، އެ ގައުމުގެ އެކްސްޕޯޓު ވަނީ 12 ޕަސެންޓަށް އިތުރުވެފައެވެ. ބޭންކް އޮފް ބަރޯޑާގެ އިސް އިގުތިސާދީ މާހިރު މަދަން ސަބްނާވިސް ބީބީސީއަށް މައުލޫމާތު ދެމުން ބުނީ، ޑޭޓާ ސެންޓަރުތަކާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުންފުނިތަކުގެ އިންވެސްޓްމަންޓްތައް އިތުރުވެފައިވާ ކަމަށެވެ. އަދި މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އިންވެސްޓްމަންޓްތައް ގާތްގަނޑަކަށް 12 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިގުތިސާދީ ކުރިއެރުމުގެ ނަންބަރުތައް ރަނގަޅުވި ނަމަވެސް، މިކަމާ ގުޅިގެން ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. އިދިކޮޅު ލީޑަރު ޖައިރާމް ރަމޭޝް ވިދާޅުވި ގޮތުގައި، މިއީ އިންޑިއާގެ ހަގީގީ އިގުތިސާދީ ހާލަތު ފޮރުވުމަށް ސަރުކާރުން ހަދާފައިވާ “ތަފާސްހިސާބުގެ އޮޅުވާލުންތަކެކެވެ”.

ކުރީގެ ފައިނޭންސް ސެކްރެޓަރީއަކު ވެސް ވަނީ މި ނަންބަރުތަކާ މެދު ސުވާލު އުފައްދަވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޖީޑީޕީގެ ނިސްބަތް މަތިވެފައިވަނީ ތަފާސްހިސާބު ހެދުމުގެ އުސޫލަށް ގެނައި ބަދަލުތަކަކާއި، މިދިޔަ އަހަރުގެ އެ މުއްދަތުގެ ނަންބަރުތައް ދަށްވުމުގެ ސަބަބުންނެވެ. ނަމަވެސް ސަރުކާރުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ވޯލްޑް ބޭންކުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ އެގްޒެކެޓިވް ޑިރެކްޓަރު ނީލްކާންތު މިޝްރާ ވިދާޅުވީ، ޖީޑީޕީ ހިސާބުކުރާ އާ އުސޫލުގެ ސަބަބުން ޑޭޓާތައް އިތުރަށް ސާފުވެ، އަންދާޒާތަކުގެ އިތުބާރު ބޮޑުވެފައިވާ ކަމަށެވެ. އެހެންނަމަވެސް، އިންޑިއާގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު ރަގުރާމް ރާޖަން ވަނީ، އިގުތިސާދު އެހާ ހަލުވިކޮށް ކުރިއަރާ ނަމަ، ވަޒީފާގެ ފުރުސަތުތައް އިތުރުނުވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފައެވެ. މީގެ އިތުރުން، ބޭރުގެ އިންވެސްޓްމަންޓްތައް ނާންނަ މައްސަލަ ވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ރަނގަޅު ނަތީޖާއާ އެކުވެސް، އިންޑިއާގެ ހިއްސާގެ ބާޒާރަށް މާ ބޮޑު ކުރިއެރުމެއް އައިސްފައެއް ނުވެއެވެ.

ކުރިއަށް އޮތް ތާނގައި އިގުތިސާދަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ. އެޗްއެސްބީސީން ލަފާކުރާ ގޮތުގައި، ދަރަނި ކުޑަކުރުމަށްޓަކައި ސަރުކާރުގެ ހަރަދުތައް ކުރިއަށް އޮތް މަސްތަކުގައި ކުޑަކުރާނެއެވެ. މީގެ އިތުރުން، ވިއްސާރަ މޫސުމުގައި ވާރޭވެހުނު މިންވަރު މަދުވުމާއި އެލްނީނޯގެ ސަބަބުން، އިންޑިއާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ބަރޯސާވާ ދަނޑުވެރިކަމުގެ ސިނާއަތަށް ވަނީ އަސަރުކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ބަލާއިރު، ވާރޭވެހުނު މިންވަރު ވަނީ އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ 13 ޕަސެންޓް ދަށްވެފައެވެ. ކެއާއެޖް ރޭޓިން އެޖެންސީން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މީގެ ސަބަބުން ދަނޑުވެރިކަމަށާއި ކާބޯތަކެތީގެ އަގުތަކަށް ނުރައްކާ އެބައޮތް ކަމަށެވެ. މުޅި ގައުމުގައި ހަކުރާއި ފިޔާގެ އަގު އުފުލިފައިވާއިރު، ޑިމާންޑާ އެއްވަރަށް ތަކެތި ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ހާއްސަ ރޭލުތަކެއް ބޭނުންކުރަމުންނެވެ.

އިންޑިއާގެ އިންފްލޭޝަން ރޭޓު މެއި މަހު 3.9 ޕަސެންޓަށް އަރާފައިވާއިރު، މިއީ ފާއިތުވި 15 މަސްދުވަހުގެ ތެރޭގައި އިންފްލޭޝަން އެންމެ މައްޗަށް ދިޔަ ފަހަރެވެ. ދުނިޔޭގެ އިގުތިސާދު މަޑުޖެހުމާއި، ހަކަތައިގެ އަގުތައް އުފުލުމުގެ ސަބަބުން، އިންޑިއާގެ އިގުތިސާދީ ކުރިއެރުން މިހާރު އޮތީ އެންމެ މަތީ ހަރުފަތުގައި ކަމަށް ބައެއް އިގުތިސާދީ މާހިރުން ލަފާކުރެއެވެ.

comment ކޮމެންޓް