ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026" ގެ ފ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ފ. ނިލަންދޫން ހޯދައިފިއެވެ.
ފ. އަތޮޅުގެ ކުޅުން ނިލަންދޫގައި ކުރިއަށްދިޔައިރު، މި އަތޮޅުން ޖުމްލަ 5 ރަށަކުން ވާދަކުރިއެވެ. އެއީ ނިލަންދޫގެ އިތުރުން ބިލެތްދޫ، ދަރަނބޫދޫ، ފީއަލި އަދި މަގޫދުއެވެ. ލީގު ބުރުގެ އެންމެ ކުރި ހޯދައިގެން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ނިލަންދޫ އާއި ދަރަނބޫދުއެވެ.
ފައިނަލް މެޗުގައި ތަފާތު ބޮޑު ކުޅުމެއް ދައްކައި، ނިލަންދޫން ޗެމްޕިއަންކަން ހޯދީ 12-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ދަރަނބޫދޫ ބަލިކުރުމަށްފަހުއެވެ. މި މެޗުގައި ނިލަންދޫގެ އަޙްމަދު ރިޒުވާން އިސްމާޢީލް ހެޓްރިކެއް ހެދިއިރު، އުލާން އާއި މޫސާ ޖަމާލް މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ.
މީގެއިތުރުން އަޙްމަދު ޢަލީ، އިޔާޒް އަޙްމަދު، އިސްމާޢީލް އަތީދު، މުޙައްމަދު ޝިމްރާން ޢަލީ އަދި އާދިލް ޢަލީ ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ދަރަނބޫދޫގެ ދެ ލަނޑު ޖަހައިދިނީ ޢަލީ ނަސީރު އާއި އަތޫފް އާދަމެވެ.
މުބާރާތުގެ ފ. އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ނިލަންދޫގެ މޫސާ ޖަމާލެވެ. އެންމެ މޮޅު ކޯޗަކަށް ނިލަންދޫގެ ފަރުހާދު އިސްމާޢީލް ހޮވުނުއިރު، ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމާއި ފެއާޕްލޭ ޓީމުގެ މަގާމު ހޯދީ މަގޫދޫއިންނެވެ.
މީގެއިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނިލަންދޫގެ މޫސާ ޖަމާލް އާއި އުލާން، ދަރަނބޫދޫގެ އަލީ ނަސީރު، އަދި މަގޫދޫގެ މާހިލް މިގުދާދު އާއި އިކުރާމް އަޙްމަދެވެ.
އެފްއޭއެމްގެ އައު ފުޓްބޯޅަ އޮނިގަނޑުގެ ދަށުން ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 59 ޓީމަކުން ވާދަކުރާއިރު، އަތޮޅު ބުރުގެ ކުޅުން 16 އަތޮޅެއްގައި ކުރިއަށްދެއެވެ. އެންމެ ޓީމެއް ބައިވެރިވުމުގެ ސަބަބުން މާފަންނު، ސ. ހިތަދޫ، ޏ. ފުވައްމުލައް، ށ. ކަނޑިތީމު އަދި ވ. ކެޔޮދޫ ވަނީ އަތޮޅު ޗެމްޕިއަނުންގެ ގޮތުގައި ސީދާ ޒޯން ބުރަށް ކޮލިފައިވެފައެވެ.
ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ޒޯން ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. ޒޯން ބުރުގެ އެންމެ މޮޅު ދެ ޓީމު ރީޖަން ޗެމްޕިއަންޝިޕަށް ދަތުރުކުރާއިރު، ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު ކޮލިފައިވާނީ ނެޝަނަލް ޗެމްޕިއަންޝިޕަށެވެ. އަދި ނެޝަނަލް ބުރުގައި ވާދަކުރާ ހަތަރު ޓީމަށް 2027 ވަނަ އަހަރުގެ މޯލްޑިވްސް ފުޓްސަލް ލީގުން ފުރުސަތު ލިބިގެންދާނެއެވެ.
މީގެ ކުރިން ނިމުނު އަތޮޅުތަކުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. ކަނޑިތީމު، ނ. މަގޫދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ހިންނަވަރު، އއ. މަތިވެރި، އދ. ދަނގެތި، ވ. ކެޔޮދޫ، ދ. މާއެނބޫދޫ އަދި ކ. ގާފަރެވެ.