ޙަލާލް ފަތުރުވެރިކަން ފުޅާކުރުމާ ގުޅޭ ގޮތުން، ރައީސާއި އިސްލާމިކް ޗޭމްބާ އޮފް ކޮމާސްގެ މަޝްވަރާތަކެއް

ރައީސާއި އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް: ޙަލާލް ޓޫރިޒަމް ތަރައްގީ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ޙަލާލް ފަތުރުވެރިކަން ފުޅާ ކުރުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު، އިސްލާމިކް ޗޭމްބާ އޮފް ކޮމާސް އެންޑް ޑިވެލޮޕްމެންޓް (އައިސީސީޑީ)އާ މިއަދު މަޝްވަރާކުރައްވައިފިއެވެ.

އައިސީސީޑީއަކީ މުސްލިމުންގެ އާބާދީ ބޮޑު ގައުމުތައް ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އާ ގުޅުން އޮންނަ އަދި އެފަދަ ގައުމުތަކުގައި އިގުތިސާދީ ތަރައްގީގެ ފުރުސަތުތައް ފަހިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޔޫސުފް ޙަސަން ޚަލާވީ މިއަދު މިއަދު ވަނީ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމެއްގައި ދެ ބޭފުޅުން ވަނީ އިސްލާމީ އިގުތިސާދީ ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ގާބިލުކަން އިތުރުކުރުމާއި، އިންވެސްޓްކުރުމާއި، ހަލާލް ފަތުރުވެރިކަން ފަދަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް އެ އޮފީހުން ހާމަކުރިއެވެ.

ރައީސާއި އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް: ރައީސަށް ވަނީ، އަތުލިޔުމުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުޞްޙަފެއް ހަދިޔާކުރައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

އެ ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް ވަނީ، އަތުލިޔުމުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުޞްޙަފެއް ރައީސަށް ހަދިޔާކުރައްވައިފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ރައީސް ވަނީ ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކޮށް، އެ ދާއިރާ އެހެން ހަރުފަތަކަށް ގެންދަން އިންވެސްޓަރުންނަށް ގިނަ ލުއިތަކަކާ އެކު އެ ކަމަށް ޚާއްސަ ރަށްތަކެއް ދޫކުރަން ނިންމަވާފައިވާކަން އިއުލާންކުރައްވައިފައެވެ.

އެއަށްފަހު، ޖުމުލަ 18 ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން މިދިޔަ ނޮވެންބަރު މަހު އިއުލާންކުރިއިރު އޭގެ ތެރޭގައި ހަލާލް ޓޫރިޒަމް ތަރައްގީކުރަން ހުޅުވާލި ފަސް ރަށެއް ހިމެނުނެވެ. އެގޮތުން، ހަލާލު ޓުއަރިޒަމަށް ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން، ހުޅުވާލީ ހއ. ބިނާފުއްޓާއި އެ އަތޮޅު ކަނޑާލިފިނޮޅާއި ހދ. މަކުނުދޫ ފަރު އެކަކާއި ށ. ފުށިފަރާއި ލ. ފޮނަގާދޫގައެވެ.

comment ކޮމެންޓް