މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލުމުގެ ސުންގަޑި، ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން އެ ބޭންކުން އިތުރުކޮށްފިއެވެ.
މީގެ ކުރިން އިއްޔެގެ ނިޔަލަށް ހަމަވާ ގޮތަށް އޮތް އެ ފުރުސަތު، މިހާރު ވަނީ މި މަހުގެ 14ވާ ހޯމަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް އިތުރުކޮށްދީފައެވެ.
އެ ބޭންކުން ބުނީ މިއީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، މި ދާއިރާގައި ފާހަގަކޮށްލެވޭ ރަށު ފެންވަރުގެ ޚިދުމަތްތެރިންނާއި، ގެސްޓްހައުސްތަކުގެ އިތުރުން ރަށްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޚާއްސަ އެވޯޑެއް ކަމަށެވެ.
މި އެވޯޑުގައި ޖުމްލަ ތިން ކެޓަގަރީއަކުން 20 އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ ތެރޭގައި ދެ ޓިއާއަކަށް ބަހާލައިގެން ގެސްޓްހައުސްތަކަށް ދެވޭ 16 އެވޯޑާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނަށް ދެވޭ އިންޑިވިޖުއަލް ތިން އެވޯޑުގެ އިތުރުން "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް"ގެ ގޮތުގައި އެންމެ ފާހަގަކޮށްލެވޭ ރަށަށް ދެވޭ އެވޯޑެއް ހިމެނެއެވެ.
ގެސްޓްހައުސް އެސޯސިއޭޝަނުން އެންޑޯސްކޮށްފައިވާ މި އެވޯޑުގެ އިވެލުއޭޝަން ކަންކަން މިނިވަންކަމާއެކު ކުރިއަށްގެންދާނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީގެ ފަރާތުން ކަމަށް އެމްއައިބީއިން ވަނީ ބުނެފައެވެ.
އެހެންކަމުން މި އެވޯޑަށް ޝަރުތުހަމަވާ ފަރާތްތަކުން މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 23:59 ގެ ކުރިން ބޭނުންވާ ލިޔެކިޔުންތަކާއެކު އެޕްލިކޭޝަން ހުށަހެޅުމަށް އެމްއައިބީއިން ވަނީ އިލްތިމާސްކޮށްފައެވެ.