ތިނަދޫގެ މޭޔަރު ސަޢުދު ޢަލީގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާތަކެއް ކަމަށް ވިދާޅުވެ، އެ ދައުވާތައް އަނބުރާ ގެންދަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު މިރޭ ގޮވައިލައްވައިފިއެވެ.
ތިނަދޫ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ސަޢުދުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައެވެ.
ނަޝީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ސަޢުދުގެ މައްޗަށް ސަރުކާރުން ކޮށްފައިވަނީ ސިޔާސީ ދައުވާތަކެއް ކަމަށް ތުހުމަތުކުރައްވައިފައެވެ.
އެ ދައުވާތައް އަނބުރާ ގެންދިއުމަށް ނަޝީދު ވަނީ ގޮވައިލައްވައިފައެވެ.
https://x.com/MohamedNasheed/status/2094834324038361329
"އިންތިޚާބީ ކައުންސިލުތަކަށް ޖަލުގެ ބިރު ދެއްކުން ބަލައެއް ނުގަނެވޭނެ،" ނަޝީދު ލިޔުއްވައިފައިވެއެވެ.
ދެހާސް ސައުވީސް ވަނަ އަހަރުން ފެށިގެން ފުލުހުން ތަހުގީގު ކުރި މައްސަލައަކީ ތިނަދޫ ކައުންސިލުން އެ ރަށަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކަށް އެ ރަށުގެ އާބާދީއާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
އެ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ސަޢުދު މިދިޔަ ޖުލައި މަހުގެ 10ވަނަ ދުވަހު ވަނީ އެ ސިޓީގެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި ފުލުހުން ވަނީ އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލުގެ އޮފީހަށް ފޮނުވައިފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު ހާމަކޮށްފައެވެ.
ސަޢުދުގެ މައްޗަށް ކުރި ދައުވާތަކަކީ:
- އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުން: އެ ދައުވާކުރީ އެލްޖީއޭއާ ހިއްސާކުރި އާބާދީ ލިސްޓުގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މަޢުލޫމާތާ އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައި ތިނަދޫގެ އާބާދީއަކީ 10,150 މީހުންކަމަށް ބުނެ، ސައްހަނޫން ލިސްޓެއް އެ އިދާރާއާ ހިއްސާކުރި ކަމުގެ ތުހުމަތުގައެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ.
- ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުން :އެ ދައުވާކުރީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެ ކައުންސިލުން ދައުލަތުގެ އިދާރާތަކަށް ހުށަހެޅި އާބާދީ ލިސްޓުތަށް ހިއްސާކުރުމަށް ފުލުހުން އެދުމުން، ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައިނުވާކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތަށް ދޮގު މަޢުލޫމާތު ދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ.
ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސަޢުދުﷲ ޙިލްމީ ވަނީ 2024 ވަނަ އަހަރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށާއި އެލްޖީއޭއަށް ވެސް ހުށަހަޅުއްވައިފައެވެ. ސަޢުދުﷲ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ތިނަދޫގެ އާބާދީގައި 10،150 މީހުން ހަމަވާ ކަމަށް ބުނަނީ އޮޅުވާލައިގެން ކަމަށެވެ.
އެކަން އެގޮތަށް ކުރީ ތިނަދުއަށް އިންތިޚާބުވި ކައުންސިލަރުން މޭޔަރުންނަށް ވުމުގެ ބޭނުމުގައާއި، އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތިނަދޫ ސިޓީއަކަށް ހައްދަވާނެ ކަމަށް ވައުދުވެވަޑައިގެންނެވިފައި އޮތުމުގެ ސަބަބުން ކަމަށް މެންބަރު ސަޢުދުﷲ ތުހުމަތުކުރައްވައިފައި ވެއެވެ.
ތިނަދޫ ސިޓީއަކަށް ހަދާފައިވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންތެރޭގައި ކުރީގެ ޞާލިޙު، 2023ވަނަ އަހަރުގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހެވެ. އޭގެ ފަހުން، މިހާރުގެ ސަރުކާރުން ވެސް ވަނީ އެކަން އެގޮތަށް ބާއްވަން ނިންމައިފައެވެ.