ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މޭޔަރު ސައުދު އަލީގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ދެހާސް ސައްވީސް ވަނަ އަހަރުން ފެށިގެން ފުލުހުން ތަހުގީގު ކުރި މައްސަލައަކީ, ތިނަދޫ ކައުންސިލުން އެ ރަށަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކަށް އެ ރަށުގެ އާބާދީއާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
އެ މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ވަނީ އެ ސިޓީގެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. އަދި ފުލުހުން ވަނީ އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު ހާމަކޮށްފައެވެ.
ޕީޖީ އޮފީހުން މިހާރު ވަނީ އެ މައްސަލައިގައި ސައުދުގެ މައްޗަށް ދެ ދައުވާއެއްކޮށްފައެވެ. އެއީ:
- އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުން
އެ ދައުވާކުރީ، ލޯކަލް ގަވަމަންޓު އޮތޯރިޓީއާ ހިއްސާކުރި އާބާދީ ލިސްޓުގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މަޢުލޫމާތާއި، އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައި، ގދ. ތިނަދޫގެ އާބާދީއަކީ 10,150 މީހުންކަމަށް ބުނެ، ޞައްޙަނޫން ލިސްޓެއް އެ އޮތޯރިޓީއާ ހިއްސާކޮށްފައިވުމުގެ ތުހުމަތުގައެއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ. - ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުން
އެ ދައުވާކުރީ، ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެ ކައުންސިލުން ދައުލަތުގެ އިދާރާތަކަށް ހުށަހެޅި އާބާދީ ލިސްޓުތަށް ހިއްސާކުރުމަށް ފުލުހުން އެދުމުން، ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައިނުވާކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތަށް ދޮގު މަޢުލޫމާތު ދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ.
ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ 2024 ވަނަ އަހަރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށާއި އެލްޖީއޭއަށް ވެސް ހުށަހަޅުއްވައިފައެވެ. މެންބަރު ސައުދުﷲ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ތިނަދޫގެ އާބާދީގައި 10،150 މީހުން ހަމަވާ ކަމަށް ބުނަނީ އޮޅުވާލައިގެން ކަމަށެވެ.
އެކަން އެގޮތަށް ކުރީ ތިނަދުއަށް އިންތިޚާބުވި ކައުންސިލަރުން މޭޔަރުންނަށް ވުމުގެ ބޭނުމުގައާއި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތިނަދޫ ސިޓީއަކަށް ހައްދަވާނެ ކަމަށް ވައުދުވެވަޑައިގެންނެވިފައި އޮތުމުގެ ސަބަބުން ކަމަށް މެންބަރު ސައުދުﷲ ތުހުމަތުކުރައްވާފައިވެއެވެ.
ތިނަދޫ ސިޓީއަކަށް ހަދާފައިވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި ކުރީގެ ރައީސް ޞާލިޙު، 2023 ވަނަ އަހަރުގެ އޮގަސްޓް 30 ގައެވެ. އޭގެ ފަހުން، މިހާރުގެ ސަރުކާރުން ވެސް ވަނީ އެކަން އެގޮތަށް ބާއްވަން ނިންމައިފައެވެ.