ރަސްމާލެ ތަރައްގީ ކުރުމަށް ޔޫއޭއީގެ މަޝްހޫރު ކުންފުނި "އީގަލް ހިލްސް" އާ ހަވާލުކޮށްގެން ހިންގަން އުޅޭ ބިޔަ މަޝްރޫއާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އާ ދެމެދު ސޯޝަލް މީޑިއާގައި ބަހުގެ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
މި މައްސަލައިގައި ކުރީގެ ރައީސް ޔާމީން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އީގަލް ހިލްސް ކުންފުންޏަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ތާއީދު ގެއްލި އަޚްލާގީ ގޮތުން ބަނގުރޫޓުވެފައިވާ ސަރުކާރެއްގެ ފައިދާ ނަގަން އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސައްތައިން ސައްތަ މުސްލިމް، ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ގައުމެއްގައި ޔަހޫދީންގެ ވަޒަންވެރިވުމެއް ގާއިމުކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއު ހުއްޓާލުމަށް އެ ކުންފުންޏަށް ވަނީ ގޮވާލައްވާފައެވެ. މީގެއިތުރުން، އެ މަޝްރޫއާ މެދު ދިވެހިންގެ އޮތީ ނަފްރަތު ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
https://x.com/prz_ymn/status/2109196415993843782
ޔާމީންގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން، ކުރިން އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަން ހަނދާންކޮށްދެއްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ސައުދީގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވަން އޭރު އެމްޑީޕީން ކުރި މަސައްކަތާއި، މިއަދު ރަސްމާލޭގެ މަޝްރޫއަށް ހުރަސްއަޅަން ޔާމީން އިސްވެ ހުންނަވައިގެން އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.
"އޭރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގެ ދަހިވެތި ކަމުގައި ގައުމާ ރައްޔިތުންނަށް ޣައްދާރުވީ ކަމަށް. މިއަދު ހަމަ އެ ދަހިވެތިކަމުގައި އެ މަނިކުފާނަށް އެ ޣައްދާރުވެވެނީ ގައުމާ ރައްޔިތުންނަށް ނޫންތޯ؟ ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭ ކަމެއް، ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގިވަޑައި ނުގަންނަވާ ހިސާބަށް ދިޔައީތޯ؟" އަބްދުއްރަހީމް ސުވާލު އުފެއްދެވިއެވެ.
https://x.com/banafsaa/status/2109216186525274519
މީގެ އިތުރުން، ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާނެ ބައެއް ނޫން ކަމަށާއި، ގައުމާ މެދު ވިސްނައި ރަނގަޅާއި ނުބައި ވަކިކުރަން ދަންނަ ތަޞައްރުފު ފުދިފައިވާ ބައެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރަސްމާލެ މަޝްރޫއު ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާނެ ކަމަށާއި، އެ މަޝްރޫއު ނުހުއްޓުވޭނެ ކަމުގެ ޔަގީންކަން ވެސް އަބްދުއްރަހީމް ދެއްވިއެވެ.
އަބްދުއްރަހީމްގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވީ، ދިވެހިން ބޭނުންވަނީ ހަމަޖެހުމާއި، ރައްކާތެރިކަމާއި ތަރައްގީ ކަމަށާއި، އަބަދުވެސް އެންމެ އިސްވާނީ ގައުމު ކަމަށެވެ.