ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކޮށް ސަރުކާރުގެ ދަށަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން، ވެރިކަންކުރާ ޕީއެންސީގެ 47 މެންބަރުންގެ ވޯޓާއެކު ފާސްކުރި ބިލެކެވެ.
އިދިކޮޅު އެމްޑީޕީން މި ބިލާ ދެކޮޅަށް ވޯޓު ދީފައިވާއިރު، މި ބިލު ފާސްނުކުރުމަށާއި އަދި އޮތް ގޮތަށް ފާސްކުރުމަށް އެދި ހުށަހެޅި ޕެޓިޝަންތަކަށް ވެސް ރިއާޔަތްކޮށްފައެއް ނުވެއެވެ.
ތަސްދީގުކުރެއްވި ގާނޫނުގައިވާ ގޮތުން، ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތިސާސްގައިވާ ބިމެއް ވަކިކުރަން ވަޒީރުންގެ މަޖިލީހުން ނިންމުމުން އެ ތަނެއް ކައުންސިލުގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެއެވެ.
އަދި އެ ރަށެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް މިފަދަ ބިންތައް ސަރުކާރަށް ނެގޭނެއެވެ. ނަމަވެސް، އެ ބިމަކަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ކަމާގުޅުންހުރި ވުޒާރާއަކުން ބަދަލު ދޭންޖެހޭނެ ކަމަށް ބިލު ދިރާސާކުރި މަރުހަލާގައި ވަނީ ހިމަނާފައެވެ.
މީގެ އިތުރުން، ކައުންސިލް މެންބަރުންގެ ސުލޫކީ މިންގަނޑަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ރައްޔިތުންގެ ޖަމާއީ މަންފާއަށް ޓަކައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ކައުންސިލަރުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށާއި މަގުބޫލު ސަބަބެއް ނެތި އެފަދަ ކަންކަމަށް ހުރަސްއެޅުމާއި ހުއްޓުވަން ނިންމުންތައް ނިންމުން ވަނީ މަނާކޮށްފައެވެ.
ރައީސް އޮފީހުން ބުނީ މި އިސްލާހުގެ ސަބަބުން ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތައް ކަނޑައެޅުމުގެ އިޖުރާއަތު ހަރުދަނާވެގެންދާނެ ކަމަށެވެ.
އެހެންނަމަވެސް، މި ބަދަލުތަކާ ދެކޮޅު ފަރާތްތަކުންނާއި އިދިކޮޅުން މި ބިލު ސިފަކޮށްފައިވަނީ "ބިން ފޭރޭ ބިލު" ގެ ގޮތުގައެވެ. އަދި ރަށެއްގެ އިހުތިސާސަށް ބަދަލު ގެންނަނަމަ ރައްޔިތުންގެ ހިޔާލު ހޯދަން މަޖިލީހަށް ހުށަހެޅި އިސްލާހު ވެސް ބަލައިގެންފައެއް ނުވެއެވެ.