މިފެންނަނީ އަނެއްކާވެސް އަތޮޅުވެރިކަމުގެ ނިޒާމު ގެނެސް، މާޒީގެ ތެރެއަށް ގައުމު ވައްޓާލާ ތަން: މޭޔަރު ޢާޒިމް

މާލޭގެ މޭޔަރު އާދަމް ޢާޒިމް: ލާމަރުކަޒީ ނިޒާމު ފުނޑާލަން ސަރުކާރުން މަސައްކަތްކުރާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި --- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

“ސަރުކާރުގެ ޚިދުމާތު މަރުކަޒު”ގެ ނަމުގައި އެކި އަތޮޅުތަކުގައި އަތޮޅު އޮފީސް ހަދަން ސަރުކާރުން ނިންމި ނިންމުމުން ދައްކުވައިދެނީ ރައްޔިތުންނަށް ބާރުތައް ދިނުމުގެ ބަދަލުގައި އަތޮޅު އޮފީސްތަކާއި އަތޮޅުވެރިންގެ ނިޒާމު އަނބުރާ ގެނެސް، ގައުމު އެތައް އަހަރެއް ފަހަތަށް ވައްޓާލަން މަސައްކަތްކުރާ މަންޒަރުކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅުވައިގެން ކުރެއްވި ޕޯސްޓެއްގައި މޭޔަރު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަމުންދަނީ މިފަދަ ކަންކަމުގެ ތެރެއިން ކައުންސިލްތަކުގެ ބާރު ކަނޑުވާލައި މައި ސަރުކާރުގެ މުށުތެރެއަށް ހުރިހާ ބާރެއް އަލުން ޖަމާކުރުމަށް ކަމަށެވެ. އަދި، ރައްޔިތުން ވޯޓުދީގެން އިންތިޚާބުކޮށްފައިވާ ކައުންސިލްތަކުގެ ދައުރު ހަނިކޮށް، ސިޔާސީ ގޮތުން ނުފޫޒު ފޯރުވަން ކުރާ މިފަދަ ކަންކަމަކަށް ޖާގައެއް ނުދެވޭނެކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންނަށް ބާރުތައް ދިނުމުގެ ބަދަލުގައި އަތޮޅު އޮފީސްތަކާއި އަތޮޅުވެރިންގެ ނިޒާމު އަނބުރާ ގެނެސް، އެތައް އަހަރެއް ފަހަތަށް ގައުމު ވައްޓާލަން ކަމަށެވެ. އަދި މިއީ ލާމަރުކަޒީ ހަގީގީ ރޫހާ މުޅިން ޚިލާފު، ޑިމޮކްރަސީގެ އަގުތައް ވެއްޔާ މޮޑެލުމެއްގެ ގޮތުގައި މޭޔަރު ސިފަކުރެއްވިއެވެ.

"ސަރުކާރުގެ ޚިދުމާތު މަރުކަޒު"ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވަނީ އިއްޔެއެވެ.

ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފައްތަވާފައިވާ އަތޮޅުތައް:

ހއ. އަތޮޅު– ހދ. އަތޮޅު– ށ. އަތޮޅު- ނ. އަތޮޅު- ރ. އަތޮޅު- ބ. އަތޮޅު- ޅ. އަތޮޅު- ކ. އަތޮޅު
-އއ. އަތޮޅު – އދ. އަތޮޅު – ވ. އަތޮޅު– މ. އަތޮޅު– ފ. އަތޮޅު – ދ. އަތޮޅު – ތ. އަތޮޅު–ލ. އަތޮޅު – ގއ. އަތޮޅު – ގދ. އަތޮޅު

މި މަރުކަޒުތައް އުފެއްދުމުގެ ބޭނުމަކީ، ގައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިންޓަގްރޭޓަޑް ސާވިސް ސެންޓަރުތަކެއް މެދުވެރިކޮށް، އިދާރީ ދާއިރާތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް ސަރުކާރުން ބުނެއެވެ.

މޭޔަރު ޢާޒިމްގެ ޕޯސްޓުގައި ވަނީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލައި، މާޒީގެ އަނދިރި ދުވަސްތަކަށް ގައުމު ގެންދިއުމަށް ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

comment ކޮމެންޓް