ބުޅާ ގެންގުޅެން ''ކެޓް އައިލެންޑް''އެއް ތަރައްގީކުރަނީ

ބުޅަލެއް މަގުމަތީގައި: ބުޅާ ގެންގުޅުމަށް ޚާއްސަކޮށްގެން "ކެޓް އައިލެންޑް" ތަރައްގީކުރަން ވަނީ އިއުލާންކޮށްފައި --- ސަންފޮޓޯ/ ފަޔާޒު މޫސާ

ބުޅާ ގެންގުޅުމަށް ޚާއްޞަކޮށްގެން "ކެޓް އައިލެންޑް"އެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ބުޅާ ގެންގުޅުމަށް ރަށެއް ތަރައްގީ ކުރުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށްވާތީ އެ މަސައްކަތަށް ޝައުގުވެރިވާ ބަޔަކު ހޯދި ކަމަށެވެ. އެގޮތުން އެ ރަށް ތަރައްގީ ކުރުމަށް ބޭރުގެ ބަޔަކު ހިމެނޭހެން ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަރުޙަލާ ކަމަށެވެ.

"އިންޓަނޭޝަނަލް ޕާޓީއަކުން ޕްރޮޕޯސްކޮށްފައި އޮތް ޕްރޮޕޯސަލްއެއް. އަޅުގަނޑުމެން މި އުންމީދުކުރަނީ ބުޅާ ނުވަތަ ޕެޓް ކޮމިއުނިޓީއަށް ވަރަށް އުފާވެރި ޚަބަރެއްގެ ގޮތުގައި އެ މަޝްރޫއު ވަރަށް ކާމިޔާބު މަޝްރޫއަކަށް ވެގެން ދާނެ ކަމަށް،" ވަޒީރު ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭ ފަދަ ގައުމެއްގައި އެފަދަ ރަށެއް، ޒަމާނީ ފެސިލިޓީތަކާއެކު ހިންގިއްޖެނަމަ އެއީ ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ލިބޭނެ ކަމެއް ކަމަށެވެ.

މާލެ ސަރަޙައްދުގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ ސަބަބުން އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް އެބައޮތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ "އޮޅުހިޔާ" ގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ.

މި ވަގުތު އެ މަރުކަޒުގައި 280 ބުޅާ ބަލަހައްޓަމުން އަންނައިރު، އެ ތަން ފުޅާ ކުރުމުން 500 އެއްހާ ބުޅާ ގެންގުޅެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ގާއިމްކުރި "އޮޅުހިޔާ" ފެސިލިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައި ދެއްވީ ނޮވެންބަރު 2، 2024ގައެވެ.

އެ ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއަކާއި އެ ބުޅާތައް އުޅޭނެ ސަރަހައްދެއް ވަނީ ގާއިމުކޮށްފައެވެ.

comment ކޮމެންޓް