އެސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން މިއަދު އިސްތިއުފާދީފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ ދާނިޝް އިސްތިއުފާ ދެއްވިކަން "ސަން" އަށް ކަށަވަރު ކޮށްދީފައެވެ.
ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ހާމައެއް ނުކުރެއެވެ.
ދާނިޝްއަކީ ފަތުރުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު އަމީންގެ ދަރިފުޅެވެ.
ދާނިޝްގެ އިސްތިއުފާ ކަށަވަރުކޮށްދެމުން އެސްޓީއޯއިން ސޯޝަލް މީޑިއާގައި ވަނީ، ކުންފުނީގެ ބޯޑުގައި އޭނާ ހޭދަކުރި މުއްދަތުގައި ކޮށްދިން ހިދުމަތްތަކަށާއި ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން، ބޯޑުން ހުސްވި މަގާމަށް އާ މެންބަރަކު އައްޔަންކުރުމުގެ މަސައްކަތް، ކަމާބެހޭ ގާނޫނުތަކާއި ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.