ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، ވީޑިއޯ ނެގުމުގެ މައްސަލައިގައި މަންމަގެ ބައިވެރިވުން އޮތްތޯ ބަލަނީ

ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން: ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، ވީޑިއޯ ނެގުމުގައި މަންމަގެ ބައިވެރިވުން އޮތްތޯ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން އެންމެ ތިން އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައިވާއިރު، އެ މައްސަލައިގައި މަންމަގެ ބައިވެރިވުން އޮތްތޯ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން އިއްޔެ ވަނީ، ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަމަ އެ ދުވަހު ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން "ސަން" އަށް ކަށަވަރުކޮށްދިން ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ ކުއްޖާގެ ބައްޕައެވެ.

އެއަށްފަހު މިއަދު ފުލުހުން ވަނީ، އެ މައްސަލައިގައި މަންމައަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، މައްސަލައިގައި އޭނާގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ އާއި ބައިވެރިވުން އޮތީ ކިހާ މިންވަރަކަށްތޯ ތަހުގީގު ތެރެއިން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

މީގެ އިތުރުން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ހެލްތު މިނިސްޓްރީއާއި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ހާލަތު ބަލަމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އަދި ކުއްޖާގެ ރައްކާތެރިކަމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އިހުމާލުވުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. މިއީ އިޖުތިމާއީ ގޮތުން ކަންބޮޑުވާންޖެހޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ ބޮޑު މައްސަލައެކެވެ.

comment ކޮމެންޓް