އީތަން އާއި އިލާންގެ ލަނޑުން ބުރުނާއީ ބަލިކޮށް ރާއްޖެއަށް ރަނގަޅު ފެށުމެއް

އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެއާއި ބުރުނާއީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭއެފްސީ

އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމުން ފެށުން ރަނގަޅުކޮށް، ފުރަތަމަ މެޗުގައި 2-0 އިން ބުރުނާއީ ދާރުއްސަލާމް ބަލިކޮށްފިއެވެ.

ބޯ ވިއްސާރައިގައި މެޗު ފެށުނީއްސުރެ ރާއްޖޭގެ ޓީމުން ވަނީ ވަރުގަދައަށް އެޓޭކްކޮށް، މުޅި މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. ރާއްޖެއަށް މެޗުގެ ލީޑު ނަގައިދިނީ 18 ވަނަ މިނެޓުގައި އީތަން އިބްރާހިމް ޒަކީއެވެ. އޭރިއާ ބޭރުން އީތަން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބްރުނާއީގެ ކީޕަރު ސަފްވާން އަފްލީގެ އަތުގައި ޖެހިފައެވެ.

އޭގެ ފަހުން، ކެޕްޓަން މުހައްމަދު އިލާން އިމްރާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އަހުޒަމް ރަޝީދު (އަހު) ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކީޕަރު ސަފްވާން ވަނީ ދިފާއުކޮށްފައެވެ.

އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެއާއި ބުރުނާއީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭއެފްސީ

ނަމަވެސް، މެޗުގެ 31 ވަނަ މިނެޓުގައި ރާއްޖޭން ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މިއީ މެދުތެރެއިން އަހު ދިން ބޯޅައަކުން ނައްސާހު އިބްރާހިމް ނާސިރު ނަގައިދިން ހުރަހެއް، ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައިގެން ކެޕްޓަން އިލާން ކާމިޔާބުކުރި ރީތި ގޯލެކެވެ.

ދެވަނަ ހާފުގައިވެސް ރާއްޖެއިން އިތުރު ގޯލުތަކެއް ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން އަހު ފޮނުވާލި ދެ ހަމަލާއެއް ބްރުނާއީ ކީޕަރު މަތަކުރިއިރު، ބަދަލު ކުޅުންތެރިޔާ އައިދު މުހައްމަދު ޖަވީޒަށް އޭރިއާ ތެރެއިން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފަހުކޮޅު ބްރުނާއީއިން ކުރިއަށް ޖެހިގެން ކުޅެން މަސައްކަތްކުރި ނަމަވެސް، ރާއްޖޭގެ ގޯލަށް ސީދާވާގޮތަށް ނުރައްކާތެރި ހަމަލާއެއް އެޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ.

މި ކޮލިފައިންގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އާދިއްތަ ދުވަހު ރާއްޖެ ވާދަކުރާނީ މިޔަންމާއާއެވެ.

comment ކޮމެންޓް