މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގައި ފުރަތަމަ ފަހަރަށް އެއް މެޗެއްގައި ހަތަރު ލަނޑު ޖަހައި، އިންޓަ މައިއާމީ 7-1 އިން ސީއެފް މޮންޓްރިއާލް އަތުން މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އޮނެލް މެސީގެ މޮޅު ކުޅުމަށް އެ ޓީމުގެ ވަގުތީ ކޯޗު ގިލާމޯ ހޮޔޯސް ތައުރީފުކޮށްފިއެވެ.
މޮންޓްރިއާލް މެޗުގެ ކުރިން އިންޓަ މަޔާމީ އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް މޮޅެއް ނުލިބެއެވެ. މޮޅުނުވުމުގެ ސިލްސިލާއަށް ނިމުމެއް ގެނައި މި މެޗުގައި އުމުރުން 39 އަހަރުގެ މެސީ ވަނީ ހަތަރު ލަނޑު ޖެހުމުގެ އިތުރުން އެއް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
މި މެޗުގައި މެސީގެ ފުރަތަމަ ލަނޑުން މަޔާމީއަށް ކުރިހޯދައިދިންއިރު، ދެވަނަ ހާފުގެ 52 ވަނަ މިނެޓާއި 83 ވަނަ މިނެޓުގައި ހެޓްރިކް ފުރިހަމަކޮށް، މެޗުގެ އިތުރު ވަގުތުގައި ހިލޭ ޖެހުމަކުން މެސީ ވަނީ ޖުމްލަ ހަތަރު ލަނޑު މި މެޗުގައި ޖަހާފައެވެ. މިއީ އިންޓަ މަޔާމީގެ ތާރީހުގައި އެންމެ ތަފާތު ބޮޑު މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ.
"މެސީ ކުޅޭތަން ފެނުމުން އަހަރެން މިހުންނަނީ ބަސް ހުއްޓިފައި، އޭނަ އަބަދުވެސް ބަލާނެ ލަނޑުޖެހޭނެ ގޮތެއް ވޭތޯ، ނުވަތަ ފުރުސަތެއް ތަނަވަސްކުރެވޭތޯ، ދަނޑުމަތީގައި މެޗުގެ ކުޅުމުގެ ވައްޓަފާޅި ދިރާސާކޮށް ކޮންމެ މެޗެއްގައިވެސް މެސީ ތަފާތު ދެއްކުމަކީ އާދައިގެ ކަމެއްނޫން" ކޯޗު ބުންޏެވެ.
މޮންޓްރިއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ-- މި މެޗުގައި ޖެހި ލަނޑުތަކާއެކު މެސީ ވަނީ މި ސީޒަނުގެ އެމްއެލްއެސްގައި 18 ލަނޑު ޖަހައި، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރިއަށް ޖެހިލާފައެވެ.
2023 ވަނަ އަހަރުގެ ހޫނުމޫސުމުގައި އެމެރިކާގެ އިންޓަ މައިއާމީއާ ގުޅުނު ފަހުން މެސީ ވަނީ އެ ކްލަބުގެ ތާރީޚު މުޅިން ބަދަލުކޮށްލާފައެވެ. އެގޮތުން މަޔާމީއާ ގުޅުނުތާ ކުރު މުއްދަތެއްގެ ތެރޭގައި 2023 ވަނަ އަހަރުގެ 'ލީގްސް ކަޕް' ކާމިޔާބުކޮށްދީ، އެ ކްލަބުގެ ތާރީޚުގައި ފުރަތަމަ ތަށި ހޯދައިދިނެވެ.
އޭގެ ފަހުން 2024 ގެ އެމްއެލްއެސް ސަޕޯޓާސް ޝީލްޑް، 2025 ގެ އީސްޓަން ކޮންފަރެންސް ޗެމްޕިއަންކަން އަދި ކްލަބުގެ ފުރަތަމަ އެމްއެލްއެސް ކަޕް (2025) ކާމިޔާބުކުރުމުގައި މެސީ އިސް ދައުރެއް އަދާކުރިއެވެ.
މެސީއަކީ އެމްއެލްއެސްގެ ތާރީޚުގައި އެންމެ އަވަހަށް 100 ލަނޑާއި އެސިސްޓް ހަމަކުރި ކުޅުންތެރިޔާއެވެ. އެ ރެކޯޑު އޭނާ ހެދީ އެންމެ 64 މެޗުންނެވެ. މީގެ އިތުރުން ޖުމްލަ 87 ލަނޑާއެކު އިންޓަ މައިއާމީގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑުވެސް އޮތީ މެސީގެ އަތުގައެވެ.