ހދ. ކުޅުދުއްފުށީގައި މީގެ 12 އަހަރު ކުރިން ހިންގި މާރާމާރީއަކާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުނުވާ ކަމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކުޅުދުއްފުށީ، ކަރަންކާގެ، އަޙްމަދު އާދަމާއި އާނިރު، ފަހުދު މުޙައްމަދާއި، ބީޗްސައިޑް، ފަޟީލް ޢަލީ ވަޙީދާއި ޅޮސްމާގެ، ޢަލީ މާހިރުގެ މައްޗަށެވެ. އޭގެ ތެރެއިން އަޙްމަދު އާދަމްގެ މައްޗަށް ދައުލަތުން އުފުލީ ޣައިރު ޤާނޫނީ އެއްވުމެއްގައި ނުރައްކާތެރި ހަތިޔާރާއެކު ބާރު ދެއްކުމުގެ ދައުވާއެވެ. ދެން ތިބި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ޣައިރު ޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ދައުވާއެވެ.
މިއީ ސެޕްޓެމްބަރު 25، 2014 ގައި ކުޅުދުއްފުށީގައި ޙަސަން މުޙައްމަދު ކިޔާ މީހަކަށް ހަމަލާދީ، ބިއްލޫރި ފުޅިއަކުން ޖަހައި ބޯ ފަޅާލި ކަމަށް ބުނާ މައްސަލައެކެވެ. އަދި އޭނާ ޑޮކްޓަރަށް ދައްކަން އެހެން މީހަކާއެކު ސައިކަލުގައި ދަނިކޮށް، މަގުމަތިން ހުއްޓުވައި އަނިޔާކޮށް، އަޙްމަދު އާދަމް ޖީބުން ވަޅިއެއް ނަގައި ހަމަލާދޭން އުޅުނު ކަމަށްވެސް ދައުލަތުން ތުހުމަތުކުރިއެވެ.
މެޖިސްޓްރޭޓް ޙައްވާ އިބްރާހީމް ކުރެއްވި ހުކުމުގައިވާ ގޮތުން، މި މައްސަލައިގައި އަނިޔާވި ކަމަށް ބުނާ ދެ މީހުންނާއި ދައުލަތުން ހުށަހެޅި އެހެން ހެކިން ވެސް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ، ހާދިސާ ހިނގިތާ ގިނަ ދުވަސްވެފައިވާތީ މައްސަލައިގެ ތަފުސީލު ހަނދާން ނެތް ކަމަށެވެ. އަދި ދައުވާ ލިބޭ މީހުން މާރާމާރީ ހިންގި މަންޒަރު ދެކެފައިނުވާ ކަމަށްވެސް ހެކިން ވަނީ ބުނެފައެވެ.
އަނިޔާވި ދެ މީހުންގެ މެޑިކޯ ލީގަލް ރިޕޯޓުން އެ މީހުންނަށް އަނިޔާތަކެއް ލިބިފައިވާކަން އެނގެން އޮތް ނަމަވެސް، އެ އަނިޔާތަކަކީ ދައުވާލިބޭ ފަރާތްތަކުން ދިން އަނިޔާތަކެއްކަން ހެކިބަހުން ސާބިތެއް ނުކުރެވުނެވެ.
އެހެންކަމުން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދައުވާ ސާބިތުނުވާތީ، ކޯޓުން ވަނީ މި ހަތަރު މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައި ހުކުމްކޮށްފައެވެ.