ދެކުނުގެ ރަށެއްގައި ދިވެއްސަކު، އޭނާގެ އެއްބަނޑު އެއްބަފާ މީހަކަށް ހަމަލާދީ އަނިޔާކުރި މައްސަލައެއްގައި އެއް މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް މެޖިސްޓްރޭޓް ކޯޓަކުން ހުކުމްކޮށްފިއެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، މ މި ހާދިސާ ހިންގާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު 11:00 ހާއިރުއެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، ދައުވާ ލިބުނު މީހާވަނީ އޭނާގެ އެއްބަނޑު އެއްބަފާ މީހާއަށް ހަމަލާދީ އަނިޔާކޮށްފައެވެ.
މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާލިބޭ ފަރާތުން ވަނީ އަމިއްލަ އިޚްތިޔާރުގައި ކުށަށް އިއުތިރާފުވެފައެވެ.
އަނިޔާއެއް ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށްވީ ނަމަވެސް، އިބްތިދާއީ މަރުހަލާގައި ދައުވާ ލިބުނު މީހާ ކުށަށް އިއުތިރާފުވެފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ ދަށުން އަދަބުގެ ދަރަޖަ ވަނީ ކުޑަކޮށްދީފައެވެ.
އެހެންކަމުން، މި މައްސަލައިގައި މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ އެއް މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު ހުކުމްކޮށްފައެވެ.