ހައްދުންނައްޓައިފި، ހުއްޓުވައިދީ!

ސަން ފޮޓޯ / އިބްރާހީމް ނާއިޝް

ޤާނޫނެއް ނެތީއެއްނޫނެވެ. ޤާނޫނާއި ޤަވާއިދުތައް ހުރެމެ އެއަށް ޢަމަލުނުކުރުން އިންތިހާއަށް އާންމުވީއެވެ. މަގުމައްޗަށް ނުކުންނަ ކޮންމެ މީހަކަށް ވެސް މި ހަގީގަތް ސާފުކޮށް ފެންނާނެއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (ނަންބަރު: 2009/5) ގެ ދަށުން ހަދާފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ޢާންމު ގަވާއިދު (ނަންބަރު: 2021/R-131) ގެ 21 ވަނަ މާއްދާގައި، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމާ ބެހޭ ގިނަ ކަންތައްތަކެއް މަނާކޮށްފައިވެއެވެ. އޭގެތެރޭގައި، ޒިގްޒެގްކޮށް ބާރު ސްޕީޑްގައި ދުއްވުމާއި، ސައިލެންސަރުން އަޑުގަދަކޮށްގެން ދުއްވުމާއި، ބަންޕަރަށް މަޑުނުކޮށް ބާރު ސްޕީޑްގައި ދުއްވުމާއި، ހުއްދަނުނަގައި ރޭސްޖަހަމުން ދުއްވުމާއި ހުނަރު ދެއްކުމުގެގޮތުން ދުއްވުމާއި، ނުރައްކާތެރިކޮށް އޯވަރޓޭކްކުރުމާއި އަދި މަސްތުގެ ހާލަތުގައި ހުރެގެން ދުއްވުން ހިމެނެއެވެ.

ހަމަ މިއާއެކު، ދުއްވަމުން ފޯނާއި މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުން މި ގަވާއިދުގެ 13 ވަނަ މާއްދާއިން މަނާކުރެއެވެ.

އެހެންނަމަވެސް، މިބަޔާންކުރި ހުރިހާ ޢަމަލުތަކެއްހެން މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެ އެއީ އާދައިގެ ކަންކަމަށް ބަދަލުވެނިމިފައެވެ.

އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، ޤަވާއިދާ ޚިލާފުވާ މީހުންނާމެދު އެކަށީގެންވާ ގޮތުގައި ފިޔަވަޅު އަޅާ މަންޒަރު ރައްޔިތުންނަށް ނުފެންނަކަމެވެ. ހަމައެކަނި ޤާނޫނެއް ގެޒެޓުގައި ޝާއިޢުކޮށްލުމަކުން މީހުން ކުށްތަކާ ދުރެއް ނުކުރެވޭނެއެވެ.

ޤާނޫނާ ޚިލާފުވެއްޖެނަމަ ފިޔަވަޅު އަޅާނެކަން މަގުމަތި ބޭނުންކުރާ މީހުންނަށް ފެންނަ މިންވަރަށް ޤާނޫނު ތަންފީޒު ކުރެވެންޖެހޭނެއެވެ.

އެހެންނޫންނަމަ މިފަދަ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ތަކުރާރުވެ އޭގެ ސަބަބުން ޤާނޫނަށް އޮންނަ ބިރުވެތިކަން ކެނޑި، ޤާނޫނީ ނިޒާމުގެ ބާރާމެދު އާންމުންގެ އިތުބާރު ގެއްލިގެން ދިއުން އެކަށީގެންވެއެވެ.

މިހިސާބުން އުފެދޭ ސުވާލަކީ، ޤާނޫނުން ސަރީހަކޮށް މަނާކޮށްފައިވާ ޢަމަލުތައް މަގުމަތީގައި އާންމު ކަމަކަށް ވުމަށް ފުރުޞަތު ލިބުނީ ކީއްވެގެންހެއްޔެވެ؟ އަދި މިހާރު އޮތް އަދަބުދިނުމާއި ޤާނޫނު ތަންފީޒުކުރުމުގެ ނިޒާމަކީ މި ސަގާފަތް ބަދަލުކޮށްލެވޭހާ ވަރުގަދަ ނިޒާމެއްހެއްޔެވެ؟

މިކަމާ ގުޅޭގޮތުން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ފުރަތަމަ މައްސަލައަކީ ގަވާއިދު (ނަންބަރު: 2021/R-131) އާ ޚިލާފުވުމުން ދިނުމަށް ކަނޑައަޅާފައިވާ އަދަބެވެ. މަނާކުރެވިފައިވާ ކަމަކާ ޚިލާފުވުމުން ދެވޭ އަދަބަކީ ދުއްވާ މީހުން އެކަމަށް ޖެހިލުންވާ ފަދަ އަދަބަކަށް ނުވާނަމަ، އެ މަނާކުރުމުގެ އެއްވެސް ނަތީޖާއެއް ނުނުކުންނާނެއެވެ.

މިހާރު އޮތް ގަވާއިދުގެ ދަށުން، މީހެއްގެ ހަށިގަނޑަށް އަނިޔާއެއް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ފަދަ ނުރައްކާތެރި ނުވަތަ ފަރުވާކުޑަ ދުއްވުމަކަށް ފުރަތަމަ ފަހަރު ކުރަނީ 2،000 ރުފިޔާގެ ޖޫރިމަނާއެކެވެ. ދެވަނަ ފަހަރު 4،000 ރުފިޔާ އަދި އިތުރަށް ތަކުރާރުވާނަމަ 6،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު، ތަކުރާރުކޮށް ކުށްކުރާނަމަ އުޅަނދު ދުއްވުމުގެ ލައިސަންސްއާމެދު ފިޔަވަޅު އެޅެއެވެ. އަދި އުޅަނދު 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވެއެވެ.

ނަމަވެސް، ވަކި އަދަބެއް ކަނޑައެޅިފައިނުވާ ކަމެއް މި ގަވާއިދާ ޚިލާފަށް ކޮށްފިނަމަ، ޢާންމު އަދަބަކީ އެންމެ 750 ރުފިޔާއިން ޖޫރިމަނާކުރުމެވެ. ސުވާލަކީ މުޖުތަމަޢުގައި އަށަގަނެ އާންމުވެފައިވާ މިފަދަ އާދަތައް ބަދަލުކުރުމަށް މި އަދަބުތައް ފުދޭހެއްޔެވެ؟

މި މައްސަލައަކީ ހަމައެކަނި ޖޫރިމަނާ ބޮޑުކޮށްގެން ޙައްލުކުރެވޭނެ މައްސަލައެއް ނޫންކަން ވެސް ދަންނާންޖެހެއެވެ. ކުށް ކުރަނިކޮށް އަތުލައިގަނެވޭނެ ކަމުގެ ޔަޤީންކަން ނެތިއްޔާ، ޤަވާއިދުގައި ކިތަންމެ ބޮޑު އަދަބެއް ލިޔެފައި އޮތަސް، އޭގެ އަސަރެއް ނުކުރާނެއެވެ. ކުށް މަދުކުރުން ބިނާވެގެންވަނީ ޤާނޫނު ތަންފީޒުކުރުމުގެ ޔަޤީންކަމާއި ހަމަހަމަކަމުގެ މައްޗަށް ވެސް މެއެވެ.

ދުއްވަމުން ފޯނު ބޭނުންކުރުމާއި، ނުރައްކާތެރިކޮށް އޯވަޓޭކްކުރުމާއި، ބާރަށް ދުއްވުމާއި ނުވަތަ މަނާކުރެވިފައިވާ އެހެނިހެން ޢަމަލުތައް ކުރާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ "ބިރުވެރިކަން" މީސްތަކުންގެ ހިތަކުގައި ނުވާނަމަ، ކިތަންމެ މޮޅު ގަވާއިދެއް އޮތަސް ކުރާނެ ފައިދާއެއް ނޯންނާނެއެވެ.

މަގުމަތީގެ ސަލާމަތްކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ކުރާންވީ ކަމަކީ ބޭރުގެ ފަރާތްތަކާ ގުޅިގެން ދިރާސާ ކުރުމެއްނޫނެވެ. އަދި އެކަމަށް ޚާއްސަކޮށްގެން "އިތުރު" އޮފީސްތަކާއި މުއައްސަސާތައް ހެދުމެއް ވެސް ނޫނެވެ.

އިދާރާތަކާއި ޤާނޫނާއި ގަވާއިދުތައް ފުދި އިތުރުވާ ވަރަށް މި ޤައުމުގައި އެބަހުއްޓެވެ. މަދުވެގެން މިއުޅެނީ އިޚްލާޞްތެރި ވެރީންނާއި ޒިންމާދާރު މުވައްޒަފުންނެވެ. "ކުރަނީ"، "ފަށަނީ" ގެ އަންބާގައި ތިއްބާ ކިތައް ފުރާނަ ގެއްލިއްޖެހެއްޔެވެ؟ ކިތައް މީހުން ނުކުޅެދޭ ހާލަތަށް ގޮސް ކިތައް ކުދީން ޔަތީމު ވެއްޖެހެއްޔެވެ؟

އެކަމަށް ބޭނުންޖެހޭނަމަ، ޤާނޫނުގައި ހުރި އުނިކަން ފިލުވައި ސާފުކޮށް ކުށްތައް ކަނޑައަޅަންވީނޫންހެއްޔެވެ؟ ވަކި މީހަކަށް ބެލުމެއްނެތި ހަމަހަމަކަމާއެކު ޤާނޫނުތައް ތަންފީޒުކުރަންވީނޫންހެއްޔެވެ؟ ކުށް ތަކުރާރުކުރާ މީހުންނަށް ދެވޭ އަދަބުތައް ބޮޑުކޮށް، އެކަށީގެންވާ ޙާލަތްތަކުގައި ލައިސަންސާ މެދު ހަރުކަށި ފިޔަވަޅުތަކެއް ނޭޅޭންވީ ކީއްވެގެންހެއްޔެވެ؟ އަދި މަގުމަތީގައި ފުލުހަކު ސީދާ ކޮޅަށް ހުރެގެން ނޫނަސް، ޤަވާއިދާ ޚިލާފުވާ މީހުން އަތުލައިގަނެވޭނެ ޒަމާނީ ވަސީލަތްތައް ޤާއިމުކޮށް، އެކަންކަން ޢަމަލީ މައިދާނުގައި ނުދެއްކޭންވީ ކީއްވެގެންހެއްޔެވެ؟ ހެޔޮ ނިޔަތެއް އަދި އިޚްލާޞްތެރިކަމެއް ހުރިނަމަ، މި ކަންކަން ނުކުރެވޭންވީ އެއްވެސް ސަބަބެއް ނޯންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް