ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ އަގުބޮޑު ނިޢުމަތްކަމަށްވާ އިސްލާމްދީނުގެ ހިދާޔަތުގައި މި ޤައުމު ދެމި އޮންނަތާ ނުވަސަތޭކަ އަހަރު ފުރުނީއެވެ. ޔަޤީނުން ވެސް މިއީ އިއްތިފާޤަކުން ވީ ކަމެއްނޫނެވެ. މި ދިގު މާޒީގައި ބޭރާއި އެތެރެއިން އައި އެކިއެކި ގޮންޖެހުންތަކާއި ނުފޫޒުތަކުގެ ކުރިމަތީގައި ސާބިތުވެ، އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެއަށް އޮވެވުނީ - މާތްﷲ ގެ ވާގިފުޅާއެކު - ދިވެހި ރައްޔިތުން އެގޮތް ބޭނުންވެ، އެ ގޮތުގައި ސާބިތުވެ ތިބުމުންނެވެ. ނަމަވެސް، މާޒީގައި މި ނިޢުމަތް ރައްކާތެރި ކުރެވުނު ގޮތާއި، ބަވަނަވެފައިވާ މި ޒަމާނުގައި މި ނިޢުމަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރާންޖެހޭ މަސައްކަތް ވަރަށް ތަފާތެވެ.
އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ސާބިތުވެ ތިބުމާއެކު، އަންނާން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު މިދީން ފޯރުކޮށްދިނުމަށް ޓަކައި ފުންކޮށް ވިސްނާންޖެހޭ ތިން ކަމަކަށް މި ލިޔުމުގައި ބަލައިލާނަމެވެ. އެއީ ޑިޖިޓަލް ވަސީލަތްތަކުގެ ނުފޫޒާމެދު ހޭވެރިވުމާއި، އިސްލާމީ ޢިލްމީ އަސާސްތައް ނެގެހެއްޓުމާއި، އަދި އިޖުތިމާޢީ-އިޤްތިޞާދީ ދިރިއުޅުމުގައި އިސްލާމީ އަޚްލާޤު ޢަމަލީގޮތުން ދެއްކުމެވެ.
ޑިޖިޓަލް ވަސީލަތްތަކުގެ ނުފޫޒާމެދު ހޭވެރިވުން
މާޒީގައި ކުދީންގެ ދީނީ ތަރުބިއްޔަތު މައިގަނޑުގޮތެއްގައި ބިނާވެފައި އޮތީ ޢާއިލާއާއި މިސްކިތާއި މަދުރަސާއާއި އަދި މުޖުތަމަޢުގެ މައްޗަށެވެ. މިއީ މިހާރު ވެސް އަދި ފަހުން ވެސް މުހިންމު މުއައްސަސާތަކެވެ. ނަމަވެސް، ކުދިންގެ ފިކުރާއި އުޅުން ބައްޓަންކުރުމުގެ މުޠުލަޤު ބާރު މިހާރު އެ މުއައްސަސާތަކަށް އެކަނި މިލްކުވެގެންނެއް ނުވެއެވެ. މިއަދުގެ ޒުވާނުން އުޅެމުންދަނީ މީސްމީޑިއާއާއި ގޭމިންގއާއި އިންފްލުއެންސަރުންނާއި އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޑިޖިޓަލް ދުނިޔެއެއްގައެވެ.
ޑިޖިޓަލް މަންސަތައް ބޭނުންކުރާ ފުރާވަރުގެ ކުދިންނަށް އަމާޒުކޮށްގެން ހެދިފައިވާ ދިރާސާތަކުން ދައްކާގޮތުގައި، މީސްމީޑިއާއާއި ކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ތަރައްޤީއާ ދެމެދު ވަރަށް ނާޒުކު ގުޅުމެއް އޮވެއެވެ (ޝޭންކްލެމަން އަދި އެހެންބޭފުޅުން 2021). ވުމާއެކު، ދަރީން ޑިޖިޓަލް ދުނިޔެއާ ވަކިނުކޮށް، އެ ދުނިޔެއިން ކުރިމަތިވާ އެކަށީގެންނުވާ ނުފޫޒުތައް ދެނެގަނެ، ޞައްޙަ ގޮތުގައި އެއާ މުޢާމަލާތްކުރާން އެނގޭނެހެން ކުދިންގެ ވިސްނުމާއި އަޚްލާގާއި ޢަމަލުތައް ބައްޓަންކުރުން ލާޒިމެވެ.
އެހެންކަމުން، ހަމައެކަނި އެކަށީގެންނުވާ ކޮންޓެންޓު މަނާކޮށްގެން ތިބުމުގެ ބަދަލުގައި، "އިސްލާމީ ޑިޖިޓަލް ތަރުބިޔަތު" އަށް ބޭނުންވެއެވެ. މިއީ ގޭތެރޭގެ ތަރުބިޔަތާއި މަދުރަސާތަކުގެ މަންހަޖާއި އަދި އިޖުތިމާޢީ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކުގެ ތެރެއިން ޢަމަލީ ސިފަ ގެންނާންޖެހޭ ކަންކަމެވެ.
މި ތަރުބިޔަތުގެ އެންމެ އަސާސީ ބިންގަލަކީ، އިންސާނާ ދުނިޔެއަށް ފޮނުއްވި ޙަޤީޤީ މަޤްޞަދަކީ ކޮބައިކަން ދަރީންނަށް ސާފުކޮށް ބުނެދީ، އެ ކުދިންގެ ހިތްތަކުގައި އެ ޢަޤީދާ ވަރުގަދަކުރުމެވެ. އެއާއެކު، އެކަނި އިނދެ ސްކްރީން ބޭނުންކުރާ އިރު އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމަށް ޓަކައި، އަލްމުރާޤަބާ (ހުރިހާ ހިނދެއްގައިމެ ﷲ ތަޢާލާ ބައްލަވާވޮޑިގެންވާކަމުގެ އިޙްސާސް) އަށަގެންނެވުމާއި، އޮންލައިންގައި ހޭދަކުރެވޭ ވަގުތާއި އުފައްދާ ކޮންޓެންޓާމެދު އަމިއްލައަށް ސުވާލުކުރަން ދަސްކޮށްދޭ، އަލްމުޙާސަބާ (އަމިއްލަ ނަފްސު ހިސާބުކުރުން) ބޭނުންވެއެވެ. އަދި ޑިޖިޓަލް މަންސަތަކުގައި އަމިއްލަ އަބުރު ރައްކާތެރިކޮށް އަޚްލާގީ އިމުގެ ތެރޭގައި ސުލޫކު ހިފެހެއްޓުމަށް، އަލްޙަޔާއު (ލަދުވެތިކަން) އަދި ފޭކް ނިއުސްއާއި ފިތުނަވެރި ފިކުރުތަކުން ބުއްދި ސަލާމަތްކުރުމަށް ޓަކައި، ޙިފްޡުލް ޢަޤްލު (ބުއްދި ރައްކާތެރިކުރުން) ފަދަ މަފްހޫމްތަކުގެ މައްޗަށް ދަރީން ހާނުވާންޖެހެއެވެ.
އިސްލާމީ ޢިލްމީ އަސާސްތައް ނެގެހެއްޓުން
މިއަދުގެ ޒުވާނުންނަކީ ދީނީ މަޢުލޫމާތުން މަޙްރޫމުވެފައިވާ ބައެއް ނޫނެވެ. ނަމަވެސް، އެކި މަންސަތަކުން ކުރިމަތިވާ ތަފާތު ފިކުރުތަކާއި ފަލްސަފާތަކުގެ ސަބަބުން، ދީނުގެ ކަމެއް އެނގުމުގެ އިތުރުން އެ ކަމެއްގެ ޢިލްމީ ބިންގާ ދެނެގަތުމުގެ މުހިންމުކަން މިއަދު ބޮޑެވެ. ވީމާ، ދީނީ ތަޢުލީމުގެ މަޤްޞަދަކީ ހަމައެކަނި މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމެއްނޫނެވެ. އެއާއެކު، އިސްލާމީ އަސާސްތަކުގެ އަލީގައި ތަފާތު ފިކުރުތައް ވަޒަންކޮށް، ޙައްޤާއި ބާޠިލު ވަކިކުރާނެ ފިކުރީ ޤާބިލުކަން ޒުވާނުންގެ ކިބައިގައި ބިނާކުރާންޖެހެއެވެ.
މިއަދުގެ ދިވެހި ޒުވާނުންގެ ވިސްނުމުގެ މިސްރާބަށް އެކި ދިމާއިން ނުފޫޒު ފޯރުވަމުންދެއެވެ. އޭގެ ތެރޭގައި ޢިލްމު ހޯދުމުގެ ވަސީލަތަކަށް ސައިންސަށް އެކަނި ބަރޯސާވާ ފިކުރާއި، ސެކިއުލާ އަޚްލާޤީ ފަލްސަފާތައް ހިމެނެއެވެ. އަދި ދީނީ ސުވާލުތަކަށް ޖަވާބު ހޯދުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ވަސީލަތްތައް ބޭނުންކުރުން ވެސް އިތުރުވަމުންދެއެވެ.
މިފަދަ މާހައުލެއްގައި، ކަމެއްގެ ޙުކުމް އޮތްގޮތް ބުނެދިނުމުގެ އިތުރުން، ޝަރުޢީ ޙުކުމްތައް ބިނާވާ އުޞޫލުތައް ވެސް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ދަސްކޮށްދީ، ފިކުރީގޮތުން ކުދިން ތަރައްޤީކުރެވޭނެހެން ތަޢުލީމީ ނިޒާމު ހަރުދަނާކުރާންޖެހެއެވެ. ޚާއްޞަކޮށް ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ މަރުޙަލާތަކުގައި، ވަޙީއަކީ ޢިލްމުގެ އަސާސީ މަޞްދަރުކަމާއި، ވަޙީއާއި ބުއްދީގެ ގުޅުން ސާފުކޮށްދޭންޖެހެއެވެ. ހަމަމިއާއެކު، އުޞޫލުލް ފިޤުހުގެ އަސާސްތަކާއި، ޝަރީޢަތުގެ މަޤްޞަދުތަކާއި، އަދި ޚިޔާލު ތަފާތުވުމުގެ އަދަބުތައް ދަސްކޮށްދޭންޖެހެއެވެ.
އިޖުތިމާޢީ-އިޤްތިޞާދީ ދިރިއުޅުމުގައި އިސްލާމީ އަޚްލާޤު ޢަމަލީގޮތުން ދެއްކުން
އިޖުތިމާޢީ އަދި އިޤްތިޞާދީ މުޢާމަލާތްތަކުން ދީނީ އަޚްލާޤު ދެއްކުމަކީ ވެސް މިއަދު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. އިޤްތިޞާދީ ތަނަވަސްކަމަށް އެދި މިންބަރުތަކުން ދުޢާކުރުމުން އެކަނި ފުއްދާލެވެން ނެތްއިރު، އިސްލާމީ މުޖުތަމަޢަކުން ބިނާކުރާންވީ ކޮން ބާވަތެއްގެ ތަނަވަސްކަމެއްކަމާމެދު ފުންކޮށް ވިސްނާންޖެހެއެވެ.
މިކަމާ ގުޅޭ ވަރަށް ފުރިހަމަ މަފްހޫމުތަކެއް އިސްލާމްދީން ހުށަހަޅައިދެއެވެ. އޭގެ ތެރޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމާއި އަމާނާތްތެރިވުމާއި މެދުމިންކަން ގެންގުޅުމާއި ޢަހުދުތަކަށް ވަފާތެރިވުމާއި ނުހައްގު ފައިދާނުނެގުމާއި މަސައްކަތްތެރިންގެ ކަރާމާތް ނެގެހެއްޓުމާއި އަދި އަނިޔާވެރިނުވުން ހިމެނެއެވެ. މި އުޞޫލުތަކަކީ، ކޮރަޕްޝަނާއި އިސްރާފުކުރުމާއި އެކަށީގެންނުވާ ދަރަނިވެރިވުމާއި މަސައްކަތުގެ މާހައުލުގެ އިންޞާފާއި ތިމާވެށްޓަށް ޒިންމާދާރުވުމާއި އަދި ފުރުޞަތުތަކުގައި މީހުންގެ މެދުގައި ފަރަގުތައް ބޮޑުވުމާމެދު ކުރެވޭ ބަޙުޘްތަކަށް ޙައްލުތަކެއް ގެނެސްދޭނެ އަސާސްތަކެކެވެ.
ދިވެހިރާއްޖޭގެ މުޖުތަމަޢުގައި މި އުޞޫލުތަކުގެ ބޭނުންތެރިކަން އެންމެ ބޮޑަށް ފެންނަނީ، ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަން އާންމުވެ، ނަޒާހަތްތެރިކަން ގެއްލެމުންދާ މައްސަލައިގެ ތެރެއިންނެވެ. މިއީ ހަމައެކަނި ޤާނޫނުން ޙައްލުކުރެވޭނެ ކަމެއް ނޫނެވެ. އެއާއެކު، މިއީ އަމާނާތްތެރިކަމާއި ޢަދުލުވެރިކަމާއި އަދި ނުޙައްޤު ފައިދާ ނުނެގުމުގެ އިސްލާމީ އަޚްލާޤީ އުޞޫލުތަކާ ގުޅުވަންޖެހޭ މައްސަލައެކެވެ. މުއައްސަސާތަކަށް އާންމު ރައްޔިތުން ކުރާ އިތުބާރު އިޢާދަ ކުރުމުގައި މި އަސާސްތަކަށް ރުޖޫޢަވުން ކޮންމެހެން ބޭނުންތެރިއެވެ.
ހަގީގަތަށް ވާސިލުނުވާ ގަދަބަސް ބުނުމަކުން އަދި ޖަޒުބާތީ ޝިޢާރުތަކަކުން އިސްލާމީ އައިޑެންޓިޓީއާއި ދީނީ އިޢުތިބާރެއް ވަރުގަދައެއް ނުކުރެވޭނެއެވެ. އެކަން ޙާޞިލު ވާނީ ޢަމަލީ މައިދާނުންނެވެ. އެއީ ދައުލަތް ހިންގުމުގައި އަމާނާތްތެރިކަން އިސްކުރުމެވެ. ޚިދުމަތްތައް ދިނުމުގައި އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމެވެ. ވިޔަފާރިއާއި ވަޒީފާގެ މުޢާމަލާތްތަކުގައި ނަޒާހާތްތެރިކަން އިސްކުރުމެވެ. އަދި ޤައުމީ ވަސީލަތްތައް ބެލެހެއްޓުމުގައި އިސްލާމީ ޒިންމާ ފުރިހަމައަށް އަދާކުރުމެވެ.
އެހެންނޫންނަމަ، ޢަމަލީގޮތުން ދީނާއި ދުނިޔެ ވަކިކުރުމުގެ (ސެކިއުލަރ ވުމުގެ) ނުރައްކާތެރި އާދައެއް ނޭނގިނަމަވެސް އުފެދިގެން ގޮސްދާނެއެވެ. އެއީ އަޅުކަންތަކުގައާއި ޤާނޫނުގައި އިސްލާމްދީނަށް ބޮޑު އިސްކަމެއް ދެވިފައި އޮތްނަމަވެސް، އިޤްތިޞާދީ-މާލީ އަދި މުއައްސަސާތަކުގެ ނިޒާމު އިސްލާމްދީނާ ބީރައްޓެހި ގޮތަކަށް ހިނގަމުން ދިއުމެވެ. މުދަލާއި ފައިސާ ހޯދުމުގައި ޙަލާލެއް ޙަރާމެއް ނުބެލުމާއި، ތިމާއަށް އެންމެ ފައިދާ ބޮޑު ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް މީސްތަކުން ދެކޭން ފެށުމެވެ.
އިސްލާމް ދީނުގެ މަތިވެރި އަމާނާތް، އަންނާން އޮތް ޖީލުތަކާ ހަމައަށް ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ޓަކައި ކުރާންޖެހޭ މަސައްކަތް ލުއިކަމުގައި ދެކިގެންނުވާނެއެވެ. ޢާއިލާތަކާއި މަދަރުސާތަކާއި ދާޢީންނާއި މުރައްބީންނާއި ދައުލަތުގެ މުއައްސަސާތަކާއި، ޖުމުލަކޮށް އެންމެހައި ރައްޔިތުންގެ ކޮނޑުގައި ވެސް މި ބޮޑު މަސްއޫލިއްޔަތުން ބައެއް އޮތްކަން ދަންނާންޖެހެއެވެ.
އިސްލާމީ ޝަޚްޞިއްޔަތު ދެމެހެއްޓުމަކީ ހަމައެކަނި ނަމެއްގައި އޮންނަ ކަމަކަށް ވެގެންނުވާނެއެވެ. ޙަޤީޤީ ކާމިޔާބަކީ އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު އިސްލާމީ އަސާސްތަކުގެ މައްޗަށް ބައްޓަންވުމެވެ. ޓެކްނޮލޮޖީ ބޭނުންކުރުމާއި އިޤްތިޞާދީ މުޢާމަލާތްތަކާއި މުއައްސަސާތައް ހިންގުމުގައި އިސްލާމީ ޢިލްމާއި އަޚްލާގީ ޒިންމާދާރުކަން ޢަމަލީގޮތުން ދެއްކުމެވެ. އެހެންނޫންކަމަށްވާނަމަ، ރާއްޖެ އިސްލާމްވިތާ ނުވަސަތޭކަ އަހަރު ފުރި، އެއްހާސް އަހަރާ ހަމައަށް ވާޞިލުވާއިރު، އިސްލާމީ އައިޑެންޓިޓީއަކީ ޢަމަލުން ނުފެންނަ، ހަމައެކަނި ތާރީޚީ ލިޔުންތަކުގައި އޮންނަ އެއްޗަކަށް ވެދާނެއެވެ.