މަގުމަތީގެ ގަވާއިދުތަކާ ޚިލާފުވުމާއި، އާންމު ތަންތަނަށް ގެއްލުންދިނުމާއި، މިސްކިތުގެ އަދަބުތަކާ ޚިލާފުވުން ފަދަ ކަންކަން ފެނުމުން "އެއީ ތިމާއާ ބެހޭ ކަމެއް ނޫން" ކަމަށް ދެކި އަޅާނުލައި ދިއުމަކީ، މުސްލިމެއް އަދި މުޖުތަމަޢުގެ ފަރުދެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އިޖުތިމާޢީ ޒިންމާއާ ފުށުއަރާ ކަމެކެވެ. އިސްލާމްދީން ދެކޭގޮތުގައި ރަނގަޅު މުޖުތަމަޢެއްގެ އެންމެ މުހިންމު އެއް އަސާސަކީ "ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން" އެވެ.
ﷲ ތަޢާލާ ވަނީ ވަޙީކުރައްވާފައިވެއެވެ.
﴿وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَهُمُ الْمُفْلِحُونَ﴾ (އާލު ޢިމްރާނު: 104)
މާނައީ: "ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް އަމުރުކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ."
އަދި މުއުމިނުންނަކީ އެކަކު އަނެކަކުގެ ވާގިވެރިން ކަމުގައި ބަޔާންކުރައްވާ ﷲ ވަޙީކުރެއްވިއެވެ.
﴿وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ﴾ (އައްތައުބާ، 71).
މާނަ: "މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް އަމުރުކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ."
މި އާޔަތްތަކުން އެނގޭގޮތުގައި މުޖުތަމަޢު އިޞްލާޙުކުރުމަކީ ދީނީ ޢިލްމުވެރިންނާއި، ފުލުހުން ނުވަތަ ކަމާބެހޭ ފަރާތްތަކުގެ އެކަނި ޒިންމާއެއް ނޫނެވެ. ތިމާއަށް ލިބިގެންވާ ޢިލްމާއި، ޤާބިލުކަމާއި، އަދި ހުއްދަ އިމުގެ ތެރެއިން މިކަމުގައި އަދާކުރަންޖެހޭ ދައުރެއް ކޮންމެ މީހެއްގެ ކޮނޑުގައި ވެސް އޮވެއެވެ.
ބައެއް ފަހަރަށް މަދު ބަސްކޮޅެއް ވެސް ފުދޭ
އަހުރެންގެ އަމިއްލަ ތަޖުރިބާތަކުން އެނގުނު ހިތްވަރުލިބޭ ކަމެއް އެބައޮތެވެ. އެއީ އިހުތިރާމާއެކު ނަސޭހަތްތެރިވެ ކަންކަން ރަނގަޅުކޮށްދިނުމުން، މީހުން ގިނަފަހަރަށް އެކަން ބަލައިގަންނަނީ އެދެވޭ ގޮތެއްގައި ކަމެވެ.
ހުކުރު ނަމާދަށް މިސްކިތަށް ގޮސް ތިބި އަށެއްކަ ކުދިން ފާރުގައި ލައްގަނެގެން ތިބެ ގަދަޔަށް ވާހަކަދައްކަމުން ދިޔައެވެ. ބަންގި ގޮވަން ތައްޔާރުވުމުން، އަހުރެން އެކުދިންގެ ގާތަށް ޖެހިލައި ޚުޠުބާ ފަށަން ތައްޔާރުވާކަން ހަނދާންކޮށްދިނީމެވެ. އަދި ފާރަށް ލެނގިގެން ތިބުމުގެ ބަދަލުގައި ސަފަށް އަރައި ރީތިކޮށް ތިބުމަށާއި، ޚުޠުބާ ފެށުމުން ވާހަކަނުދައްކައި ހިމޭނުން ތިބެން ނަސޭހަތްތެރިވީމެވެ.
ބައެއް ކުދިންގެ މޫނުމަތިން ރަކިކަމެއް ފެނުނުނަމަވެސް، އެކުދިން އެކަން ބަލައިގަނެ ސަފުތަކުގެ ތެރެއަށް ވަދެ އިށީނެވެ. އަދި ޚުޠުބާ ކުރިއަށްދިޔަ ވަގުތު އަޑެއްބަޑެއް ނީއްވައި ތިއްބެވެ. ބެލެނިވެރިޔަކާ ނުލައި މިސްކިތަށް ގޮސް ތިބި އެކުދިންނަށް ބޭނުންވީ، ރަނގަޅު ވަގުތުގައި އިހުތިރާމާއެކު ކަންތައް ކުރަންވީ ގޮތް ބުނެދޭނެ މީހެކެވެ.
އެހެން ހާދިސާއެއްގައި، ވަކިވަކި ހަތަރު ފަހަރެއްގެ މަތިން ސައިކަލު ދުއްވަމުން މޯބައިލް ފޯނު ބޭނުންކުރަމުންދިޔަ ޒުވާނުންތަކެއް ފެނުނެވެ. މި ކޮންމެ ފަހަރަކު ވެސް ސައިކަލު އެމީހުންނާ ކައިރިކޮށްލުމަށްފަހު، "ބްރަދާއޭ! އެހަށް ފޯނު ބާއްވާލަންވީނޫންހޭ" ފަދަ އިބާރާތަކުން ބުނެލީމެވެ. އުންމީދުކުރެވުނު ވަރަށްވުރެ މާބޮޑަށް ވެސް ނަތީޖާ ރަނގަޅެވެ. އެ ހަތަރު ފަހަރު ވެސް އެމީހުން ފޯނު ބޭއްވިއެވެ.
މިފަދަ އެހެން ތަޖުރިބާއެއް ކުރެވުނީ ޕާކެއްގެ ތެރެއިންނެވެ. ކުޅެން އުޅުނު ކުދިންތަކެއް ޕާކުގައި ހުރި އެއްޗެއްގައި ތަޅައި ގެއްލުންދޭ މަންޒަރު ފެނުނެވެ. އެކުދިންގެ ބެލެނިވެރިން އެތަނުގައި ތިބިނަމަވެސް އެއިން އެއްވެސް މީހަކު އެކުދިންނެއް ނުހުއްޓުވައެވެ. އަހުރެން އެކުދިންގެ ގާތަށް ގޮސް ވާހަކަދައްކައި، އެތަނުގެ ތަކެއްޗަށް ގެއްލުން ނުދިނުމަށް އެދުމުން އެކުދިން އެކަން ހުއްޓާލިއެވެ.
މިއީ ވަރަށް އާދައިގެ ހާދިސާތަކެކެވެ. މިއިން އެއްވެސް ކަމެއްގައި ބޮޑު ހައިޖާނެއް ނުވަތަ ކުރިމަތިލުމެއް ނުވެއެވެ. ނަމަވެސް، މި ކޮންމެ ކަމަކުން ވެސް އަހުރެމެންނަށް މުހިންމު ފިލާވަޅެއް ދަސްކޮށްދެއެވެ. އެއީ އިހުތިރާމާއެކު ވާހަކަދައްކައި ރަނގަޅު ގޮތް ހަނދާންކޮށްދިނުމުން، މީހުން - ޚާއްޞަކޮށް ކުޑަކުދިންނާއި ޒުވާނުން - އެކަން ބަލައިގަންނަން ތައްޔާރަށް ތިބޭ ކަމެވެ.
"ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން" އެއީ ހަމައެކަނި ބޮޑެތި ކުށްތަކާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެއެވެ. ގިނަފަހަރަށް މިއީ އާންމު ދިރިއުޅުމުގެ ކުދިކުދި ކަންތައްތަކުން ފެށޭ ކަމެކެވެ.
ހަނުތިބުމުގެ ބަދަލުގައި ޙިކުމަތާއެކު ކުރިމަތިލުން
މުޖުތަމަޢުގައި ކުށްތަކާއި މައްސަލަތައް އިތުރުވަމުންދާތީ ގާތްގަނޑަކަށް އެންމެންހެން ކަންބޮޑުވެއެވެ. ހަމަމިގޮތަށް، ތިމާމެންގެ ލޯކުރިމަތީ ނުބައި ކަންކަން ހިނގާއިރު ހަނުތިބޭ މީހުން ގިނަކަމާމެދުގައި ވެސް ކަންބޮޑުވާންޖެހޭނެއެވެ.
ނަމަވެސް، މުންކަރާތެއް މަނާކުރަން ކަމަށްވިޔަސް ހާލަތަށް ނުވިސްނައި، އަދި އެކަށީގެންނުވާ ގޮތަކަށް ޢަމަލުކުރުން ރަނގަޅެއްނުވާނެއެވެ. އަނެކާއާ ކުރިމަތިލާއިރު ޙިކުމަތްތެރިކަމާއި، ޢިލްމާއި، ރީތި އަޚުލާގު ބޭނުންވާނެއެވެ. ކުޑަ ނުބައިކަމެއް ހައްލުކުރުމަށް ޓަކައި މަސައްކަތް ކުރުމުގެ ތެރޭގައި، އެއަށްވުރެ ބޮޑު ނުބައިކަމެއް މެދުވެރިވެދާނެ ކަމާމެދު ވެސް ވިސްނުން ބަހައްޓަންޖެހޭނެއެވެ.
ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.
"ތިޔަބައިމީހުންކުރެ މީހަކަށް ނުބައި ކަމެއް ފެނިއްޖެނަމަ، ފަހެ، އޭނާގެ އަތުން އެކަން ބަދަލުކުރުން ހުއްޓެވެ. (އެކަމަށް ކުޅަދާނަވެގެން ނުވިނަމަ) ފަހެ، އޭނާގެ ދުލުންނެވެ. (އެކަމަށް ވެސް ކުޅަދާނަވެގެން ނުވިނަމަ) ފަހެ، އޭނާގެ ހިތުންނެވެ. އަދި އެއީ އީމާންކަމުގެ އެންމެ ބަލިކަށި ގޮތެވެ." (ޞަޙީޙު މުސްލިމު: 49)
މި ޙަދީޘުން އެނގޭގޮތުގައި ޒިންމާ ނެގުން ބިނާވެގެންވަނީ ކުޅަދާނަކަމާއި ޙާލަތުގެ މައްޗަށެވެ. އެންމެންނަކަށް އެއްވަރެއްގެ ބާރެއް ނުލިބެއެވެ. އަދި ހުރިހާ ނުބައިކަމަކާ ކުރިމަތިލާންޖެހެނީ އެއްގޮތަކަށް ނޫނެވެ.
ބައެއް ފަހަރަށް ވެރިންގެ ފަރާތުން ފިޔަވަޅު އަޅަންޖެހޭއިރު، އަނެއްބައި ފަހަރަށް އާންމު މީހެއްގެ ހެޔޮ ބަސްތަކުން ފުދެއެވެ. އަދި ޙާލަތު ތަންދޭގޮތުން ހިތުން އެކަމާ ނުރުހުން ފާޅުކުރުން ފިޔަވައި އިތުރު ކަމެއް ނުކުރެވޭ ދަނޑިވަޅުތައް ވެސް މެދުވެރިވެއެވެ.
ނަސޭހަތްދިނުމުގެ ބަސްމަގު
ﷲ ތަޢާލާ ވަނީ ނަސޭހަތްދީ ހެޔޮމަގަށް ގޮވައިލުމުގައި ބަސްމަގު ބަހައްޓަންޖެހޭ ގޮތް އެންމެ ފުރިހަމައަށް ބަޔާންކޮށްދެއްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.
﴿ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ﴾ (އައްނަޙްލު، 125).
"ޙިކުމަތާއި، ރިވެތި ވަޢުޡާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ!"
އެހެންމީހުންނަށް ދަޢުވަތު ދިނުމުގެ ބޭނުމަކަށްވާންޖެހެނީ "ތިމާ މިއީ ރަނގަޅު މީހާ ކަމާއި އަނެކާއަކީ ގޯސް މީހާކަން" ސާބިތުކޮށްދިނުމެއް ނޫނެވެ. ބޭނުމަކަށްވާން ވާނީ އިޞްލާޙުކުރުމެވެ. މިއީ ކުޑަކުދިންނާ މުޢާމަލާތްކުރާ އިރު ޚާއްޞަކޮށް މުހިންމު ކަމެކެވެ. އިހުތިރާމާއެކު ކުޑަކުއްޖެއްގެ ކުށް ރަނގަޅުކޮށްދިނުމަކީ އޭގެ ޒާތުގައި ތަރުބިޔަތެކެވެ.
އުނދަގޫކުރުމާއި ތަކެއްޗަށް ގެއްލުންދިނުން ފަދަ ކަންކަމަށް ބޮޑެތި މީހުން އަޅާނުލައި ދޫކޮށްލާނަމަ، އެއީ ހުއްދަ ކަމެއްގެ ގޮތުގައި ކުދިންނަށް ވިސްނިދާނެއެވެ. ނަމަވެސް އޯގާތެރިކަމާއެކު ނަސޭހަތްތެރިވާނަމަ، އާންމު ތަންތަނާއި މުދަލަކީ އެ ބޭނުންކުރުމުގައި ޒިންމާތަކެއް ވެސް އެކުލެވިގެންވާ ތަންތަނާއި ތަކެތިކަން އެކުދިންނަށް ދަސްވާނެއެވެ.
މީހަކު ނަސޭހަތް ބަލައިނުގަނެފާނެތީ ނުވަތަ ރުޅިވެރިކަން ދައްކަފާނެކަމުގެ ބިރަށް، މުޅި މުޖުތަމަޢު ހަނުތިބޭ ބަޔަކަށް ވެގެންނުވާނެއެވެ. ޤާނޫނުތައް ހަދައި އެ ތަންފީޒުކުރި ނަމަވެސް، ޤާނޫނީ އިންތަކަށް އިހުތިރާމުކުރާ ސަގާފަތެއް އުފެދެނީ މުޖުތަމަޢުގެ އަފުރާދުން އަދާކުރާ އިޖުތިމާޢީ ޒިންމާގެ ތެރެއިންނެވެ.
އެހެންކަމުން، ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން ފެށެނީ ކައިރިން ދުރަށެވެ. މައިންބަފައިންގެ ކިބައިންނާއި، އަވަށްޓެރިޔާގެ ކިބައިންނާއި، މަގުމަތިން ހިނގާފައި ދާ މީހާގެ ކިބައިންނާއި އަދި މިސްކިތުގައި އަޅުކަންކުރަން އިންނަ މީހާގެ ކިބައިންނެވެ.
ހަމަކަށަވަރުން، އިސްލާމީ އުންމަތް އެންމެ ހެޔޮ އުންމަތް ކަމުގައި ލެއްވި މައިގަނޑު ސަބަބަކީ، މި އުންމަތުގެ މީހުން ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން މަނާކުރުމެވެ.
ﷲ ވަޙީކުރައްވާފައިވެއެވެ.
﴿كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ﴾ (އާލުޢިމްރާނު، 110).
މާނައީ: "މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް އީމާންވަމުއެވެ".