ވިޖޭގެ ސަރުކާރުން ޓެމިލްނާޑޫގެ މުސްލިމް އަންހެނުންނަށް ކޮލެޖު ފީ މުޅިން ދައްކައިދޭ ސްކީމެއް ގާއިމުކޮށްފި

އިންޑިއާގެ ތަމަޅަ ނާޑޫގެ ޗީފް މިނިސްޓަރު އަދި ކުރީގެ މަޝްހޫރު ފިލްމީ ތަރި ސީ. ޖޯސެފް ވިޖޭ--ފޮޓޯ/އިންޑިއާޓުޑޭ

އިންޑިއާގެ ޓެމިލްނާޑޫ ސަރުކާރުން މަައިނޯރިޓީތަކަށް ހާއްސަކޮށްގެން ކިޔެވުމުގެ ފީ ދެއްކުމާއި، ސްކޯލަޝިޕް، ކޮލެޖެއް ގާއިމުކުރުން އަދި އިންޓްރެސްޓް-ފްރީ ލޯނު ދޫކުރުމުގެ ބޮޑު ޕެކޭޖެއް އިއުލާނުކޮށްފިއެވެ.

މި ޕެކޭޖުގެ މަގުސަދަކީ ތައުލީމީ ފުރުސަތުތައް ފުޅާކުރުމާއި، މުޖުތަމައުގެ ވަސީލަތްތައް ބިނާކުރުމާއި، އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމެވެ.

ޓެމިލްނާޑޫގެ މިނިސްޓަ ފޯ މައިނޯރިޓީސް ވެލްފެއާ އޭއެމް ޝާހްޖަހާން ބުރާސްފަތި ދުވަހު ވަނީ އެ ސްޓޭޓުގެ މައިނޯރިޓީ މުޖުތަމައުތަކަށް ހާއްސަކޮށްގެން އިޖުތިމާއީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަކާއި، މާލީ އެހީތެރިކަން ދިނުމުގެ ސްކީމްތަކެއްގެ އިތުރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް އިއުލާނުކުރައްވާފައެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ ކޯޓާގެ ދަށުން އެކި ކޯސްތަކަށް ވަންނަ މުސްލިމް އަންހެން ދަރިވަރުންގެ އަންޑަގްރެޖުއޭޓް ޓިއުޝަން ފީ މުޅިން ދައްކައިދިނުމާއި، ސުކޫލު އަންހެން ކުދިންނަށް ދެވޭ ސްކޯލަޝިޕް ފުޅާކުރުމާއި، ޗެންނާއީގައި އަންހެނުންނަށް ހާއްސަ އާ ކޮލެޖެއް ގާއިމުކުރުމާއި، މުޖުތަމައުގެ މުދާ ތަރައްގީކުރުމަށް އިންޓްރެސްޓް-ފްރީ ރިވޯލްވިންގް ފަންޑެއް އުފެއްދުމާއި، އަދި މައިނޯރިޓީ ޒުވާނުންނަށް ހުނަރު ތަރައްޤީކުރުމުގެ ތަމްރީނު ދިނުން ހިމެނެއެވެ.

އިންޑިއާގެ މުސްލިމު ދަރިވަރުންތަކެއް ކްލާސްރޫމެއްގައި ކިޔަވަނީ--ފޮޓޯ/އިންޑިއާޓުޑޭ

އެ މިނިސްޓްރީގެ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ޝާހްޖަހާން މަޖިލީހުގައި ވިދާޅުވީ، އަންހެނުންގެ ތައުލީމު ކުރިއެރުވުމަށް ކުރެވޭ ބޮޑު މަސައްކަތުގެ ދަށުން، ސަރުކާރުގެ އެހީލިބޭ އަދި އަމިއްލަ (ސެލްފް-ފައިނޭންސިންގް) މުއައްސަސާތަކުގައި އާޓްސް، ސައިންސް، އިންޖިނިއަރިންގް، މެޑިސިން، އެގްރިކަލްޗަ އަދި ލޯ (ގާނޫނީ) ކޯސްތައް ފަދަ އަންޑަރގްރެޖުއޭޓް ކޯސްތަކުގައި ސަރުކާރު ކޯޓާގެ ދަށުން ކިޔަވާ މުސްލިމް އަންހެން ދަރިވަރުންގެ ޓިއުޝަން ފީ ސަރުކާރުން މުޅިން ހަމަޖައްސައިދޭނެ ކަމަށެވެ.

މި ސްކީމަށް ފެށުމުގެ ގޮތުން 20 ކުރޯޑު ރުޕީސްގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. އަދި އެއް ވަނަ ގްރޭޑުން އަށް ވަނަ ގްރޭޑުގެ މުސްލިމް އަންހެން ކުދިންނަށް މިހާރު ވެސް ވޭކްފް ބޯޑުން ދެމުން އަންނަ ސްކޯލަޝިޕް، ނުވަ ވަނަ ގްރޭޑާއި 10 ވަނަ ގްރޭޑުގެ ދަރިވަރުންނަށް ފުޅާކޮށް، އަހަރަކު 2،000 ރުޕީސްގެ އެހީއެއް ދިނުމަށް ވަނީ ނިންމާފައެވެ. ގާތްގަނޑަކަށް 8.28 ކުރޯޑު ރުޕީސް ހަރަދުވާ މި ސްކީމުގެ ފައިދާ 41،384 ދަރިވަރުންނަށް ކުރާނެއެވެ.

ޝާހްޖަހާން އިތުރަށް ވިދާޅުވީ، ޓެމިލްނާޑޫ ސްކިލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެދުވެރިކޮށް ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި މައިނޯރިޓީގެ 10،000 ޒުވާނުންނަށް މާކެޓުގެ މިހާރުގެ ބޭނުންތަކާ އެއްގޮތަށް ޒަމާނީ ހުނަރު ތަރައްގީކުރުމުގެ ތަމްރީނު ދެވޭނެ ކަމަށެވެ.

އަދި އަމިއްލަ މަސައްކަތް ކުރުމަށް ހިތްވަރުދީ، އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ތަމްރީނު މޮޑިއުލްތައް ހިމެނޭހެން އިންފޮމޭޝަން ޓެކްނޮލޮޖީ، އޮޓޯމޮބައިލް، އެޕެރަލް ޑިޒައިނިންގް، ބިއުޓީ އެންޑް ވެލްނެސް، އެމްބްރޮއިޑަރީ އަދި ދަނޑުވެރިކަމުގެ ދާއިރާއިން ހާއްސަ ތަމްރީނުތަކެއް ހުރިހާ ޑިސްޓްރިކްޓެއްގައި ކުރިއަށްގެންދެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގައި ކުރެވުނު މި އިއުލާނުތަކުގެ ސަބަބުން ތަމަޅަ ނާޑޫގެ ގިނަ ރައްޔިތުން ވަނީ އެ ސްޓޭޓްގެ އާ ޗީފް މިނިސްޓަރު އަދި ކުރީގެ މަޝްހޫރު ފިލްމީ ތަރި ސީ. ޖޯސެފް ވިޖޭ (ތަލަޕަތީ ވިޖޭ)ގެ ސަރުކާރަށް ތައުރީފުކޮށް ޝުކުރު އަދާކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް