ވަރުގަދަ ސުނާމީއެއް ފަދައިން އައި ފެންގަނޑާއެކު ގެތައް ސުންނާފަތިވެ، ގަސްތައް ވެސް މުލުން ލުހެލައިގެން ގެންދަނީއެވެ. އެ ފެންގަނޑު ތެރެއިން ބޮޑެތި ހިލަގަނޑުތަކާއި އެހެނިހެން ކުނިތައް ފެންނަން ހުރެއެވެ. ނަމަވެސް އެ ރާޅުތަކުގެ މެދުގައި ރީތި ފެހި ކުލައެއްގެ ގެއަށް ނުގުޑާ އެބަހުއްޓެވެ. އެ ގޭގެ ތެރެއިން ބަޔަކު ބޭރަށް ބަލަހައްޓައިގެން ތިއްބެވެ. މިއީ، ނޭޕާލަށް މިދިޔަ ހަފުތާގައި ކުރިމަތިވި ނުރައްކާތެރި ކާރިސާގެ ތެރެއިން ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު ވީޑިއޯއެކެވެ.
މިދިޔަ ބުދަ ދުވަހު ނޭޕާލުގައި މި ހާދިސާ ހިނގީ، އެ ގައުމާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގައި ބޮޑު ގަނޑުފެންގަނޑެއް ވެއްޓި، އެ ގަނޑުފެނާއެކު ހިލަ ފައިބައި، ކޯރުތަކަށް އެޅި، ކޯރުތައް ބަންޑުން ޖަހާލުމުންނެވެ. އެއާއެކު ބާރު ސްޕީޑުގައި ކިސަޑާއި ކުނިބުނި ފަރުބަދަމަތީ އަވަށްތަކުގެ ތެރެއަށް ފައިބައި، ސުންނާފަތި ކޮށްފައިވެއެވެ.
އެ ފެންގަނޑު ފައިބައިގެން ދިޔައިރު އެއް އަވަށުގައި، ވަށައިގެންވާ ހުރިހާ އެއްޗެއް އޮޔާއެކު ގެންދިޔައިރު، ދެ ފަންގިފިލާއަށް ހުރި ފެހި ކުލައިގެ ގެއެއް ސަލާމަތުން ހުރި މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަ ބަޔެއްގެ ނަޒަރު ހުއްޓިފައިވެއެވެ.
އެ ގޭގެ ފުރަތަމަ ފަންގިފިލާ ފެނު އަޑީގައި އޮތް އިރު، ދެވަނަ ފަންގިފިލާގައި ދެ މީހަކު ބޭރަށް ބަލަހައްޓައިގެން ތިބެއެވެ. އަދި ފެންގަނޑު ހިނދުމުން ގޭގެ ފުރަތަމަ ފަންގިފިލާއަށް ހަމައަށް ކިސަޑާއި ކުނިބުނި ހުރި މަންޒަރު ފެނެއެވެ.
އެ ވީޑިއޯ ފެނި، ބައެއް މީހުން ވަނީ އެފަދަ ހާލަތެއްގައި އެ ގޭގައި ތިބި މީހުންނަށް ކުރެވުނު އިހުސާސުތަކާ މެދު ފިކުރުކުރެވޭ ކަމަށް ބުނެފައެވެ. އަދި އެ މީހުން ސަލާމަތްވުމުގެ އެއްވެސް އުއްމީދު އޮތްތޯ ސުވާލު އުފައްދައި، އެހީ ލިބޭނެ ކަމުގެ އުއްމީދު އާކޮށްފައިވެއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި ވަނީ، އެ ހާދިސާ ހިނގި ވަގުތު ގޭގައި ތިބި ތިން މީހަކު ފަހުން ސަލާމަތްކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެއީ އަންހެނަކާއި ފިރިހެނަކާއި ކުޑަކުއްޖެއް ކަމަށް އެ ނޫސްތަކުގައިވެއެވެ. ނަމަވެސް އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ކަށަވަރުވެފައިނުވާ ކަމަަށް ނޫސްތަކުގައިވެއެވެ.
އެ ގޭގައި ތިބި މީހުން ސަލާމަތްވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ އެ އިމާރާތުގެ މަސައްކަތް ކުރި މީހުންނަށް ތައުރީފު ހައްގު ކަމަށް ބުނެފައެވެ. އެގޮތުން އެ ގޭގެ ކޮންޓްރެކްޓަރުންނާއި އާކިޓެކްޓުންނާއި އިންޖިނިއަރުން ހޯދައި، އެ މީހުންގެ މަސައްކަތް ފާހަގަކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ.
އެ އިމާރާތުގައި ކޮށްފައިވާ މަސައްކަތާ ގުޅޭ ގޮތުން ނުވަތަ އެ އިމާރާތް ނުވެއްޓި ހުރި ސަބަބު ބަލަން މިހާތަނަށް ރަސްމީކޮށް މަސައްކަތެއް ކުރެވިފައި ނުވެއެވެ. އެހެންނަމަވެސް، ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެ ގެ ސަލާމަތުން ހުރި ސަބަބާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
އިންޑިއާގެ ނޫހެއްގައި ވަނީ، އެ ގެ ނުވެއްޓި ހުރި މައިގަނޑު ސަބަބަކީ، އެ ސަރަހައްދުގައި ހުރި އެހެން ގެތަކާ ޚިލާފަށް ހަދައިފައިވާ ކޮންކްރީޓް ތަނބުތައްކަން ފާހަގަކޮށްފައެވެ. އެގޮތުން އެ ތަނބުތައް ހަދައިފައިވަނީ ކުއްލި ގުޑުމެއް އެރި ނަމަވެސް، ނުވެއްޓޭނެ ގޮތަކަށް ކަމަށް އެ ނޫހުގައިވެއެވެ.
އެއާ ޚިލާފަށް، އެ ސަރަހައްދުގެ ގިނަ ގެތައް ހުންނަނީ ކުއްލި ލޮޅުމެއް އައިސްފި ނަމަ ފާރުތަކާއެކު ފުރާޅު ވެއްޓޭ ގޮތަށް ކަމަށް އެ ނޫހުގައިވެއެވެ.

ކިސަޑު ފޭބި ވަގުތު އިމާރާތުގެ ތެރޭގައި މީހުން --
މީގެ އިތުރުން، ފެންގަނޑުގެ ސަބަބުން ފުރަތަމަ ފަންގިފިލާގެ ދޮރުތައް ހަލާކުވެ، އެހެނިހެން ގެއްލުން ލިބުނު ނަމަވެސް، ގޭގެ ބިންގާ ހުރި ގޮތަށް ހުރިކަން އެ ނޫހުގައި ފާހަގަކޮށްފައިވެއެވެ.
ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި އިތުރު މީހަކު ވަނީ، 2015 ވަނަ އަހަރު ނޭޕާލަށް ކުރިމަތިވި ގެއްލުން ބޮޑު ބިންހެލުމަށް ފަހު އެ ގައުމުން އިމާރާތް ކުރުމާ ގުޅޭ ގަވައިދުތަކެއް ހަރުކަށި ކުރި ކަމަށް ބުނެފައެވެ. އެގޮތުން، ބިންހެލުމުގައި ބިމާ ހަމަވި ގެތައް އަލުން އެޅުމަށް ފައިސާގެ އެހީ ދީ، އެ ގެތަކުގެ ބިންގަލާއި އެހެނިހެން ކަންކަން ހުރީ ރައްކާތެރިކަން ލިބޭނެ ފަދަ ގޮތަކަށްތޯ ބެލުމަށް އިންޖިނިއަރުން ފޮނުވިކަން އޭނާ ފާހަގަކޮށްފައިވެއެވެ.
މިދިޔަ ހަފުތާގައި ކުރިމަތިވި ކާރިސާގައި ސަލާމަތްވި ފެހި ކުލައިގެ ގެ ހުރީ، 2015ގައި އައި ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސަރަހައްދުގައިކަން ސޯޝަލް މީޑިއާގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެ ގެއަކީ ވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަޅައިފައިވާ ގެޔެއް ކަމަށް ބެލެވޭ ކަމަށް ވަނީ ލަފާކޮށްފައެވެ.
އެ ތަފާތު ޚިޔާލުތަކާއެކު، އެންމެން ވެސް އަންނަނީ ގޭގައި ތިބި މީހުން ރައްކާތެރިކަމާއެކު ސަލާމަތް ކުރެވުނު ކަމުގެ ޚަބަރާއެކު އުފާ ފާޅުކުރަމުންނެވެ. އަދި އެ ގެ އިމާރާތް ކުރީ ކޮން ބަޔެއްކަން ނޭނގުުނު ނަމަވެސް، އެ ބަޔަކަށް ތައުރީފު ހައްގުކަން ގިނަ ބަޔަކު ހުއްޓުމެއް ނެތި ބުނަމުންދެއެވެ.
ނޭޕާލްގެ ކާރިސާގައި މިހާތަނަށް 3،000އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އަންދާޒާކޮށްފައިވާއިރު، އޭގެ ތެރޭގައި އެހެން ގައުމުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން ވެސް ހިމެނެއެވެ.