އިސްލާމްދީނުގައި އަވައްޓެރިންނަށް ކަމޭހިތުމަށާއި އެމީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. މާތްﷲ އަށް އަޅުކަން ކުރުމަށާއި އެކަލާނގެ އެއްކައުވަންތަކުރުމަށް އަމުރުކުރެއްވުމާއެކު، އިޙްސާންތެރިވާންޖެހޭ ފަރާތްތައް ބަޔާންކުރެއްވި ބަސްފުޅުގައި، ކައިރީގައިވާ އަވައްޓެރިޔާއާއި ދުރުގައިވާ އަވައްޓެރިޔާ ހިމެނޭކަން ވަނީ އަންގަވާފައެވެ (އައްނިސާ: 36).
ދިވެހި ބަސްފޮތަށް ބަލާއިރު، އަވައްޓެރިންނަކީ ތިމާ ދިރިއުޅޭ ގޭގެ ވަށައިގެން ކައިރީގައިވާ ގޭގޭގައި އުޅޭ މީހުންނެވެ. ޝައްކެއްވެސްނެތް ގޮތުގައި، މި މާނައިގެ ތެރެއަށް ފެތޭ މީހުންނަކީ އަވައްޓެރިކަމުގެ އެންމެ ޚާއްޞަ ޙައްޤުތައް ލިބޭ ފަރާތްތަކެވެ.
ނަމަވެސް، ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި އަވައްޓެރިކަމުގެ މާނަ މިއަށްވުރެ މާފުޅާވެގެންވެއެވެ. އެއީ ވަކި ޙައްދެއް ނުވަތަ ސަރަޙައްދެއް ކަނޑައެޅިފައިވާ ކަމެއް ނޫނެވެ؛ އެކަން ބިނާވެގެން ވަނީ އެ މުޖުތަމަޢެއްގެ ޢުރުފުގެ (އާދަކާދައިގެ) މައްޗަށެވެ (އިބްނު މަންޡޫރު، 1980، ޞ. 153). މި އުޞޫލުން ބަލާއިރު، އިޖުތިމާޢީގޮތުން އަވައްޓެރިންގެ ގޮތުގައި ބެލެވޭ ކޮންމެ މީހަކީ އަވައްޓެރިޔެކެވެ. އެއީ ތިމާގެ ގެއާ ކައިރީގައި އުޅޭ މީހުން ކަމުގައިވިޔަސް ނުވަތަ ދުރުގައި އުޅޭ މީހުން ކަމުގައިވިޔަސްމެއެވެ.
ވީމާ، އަވައްޓެރިންނަކީ އަހުރެމެން ދިރިއުޅޭ މާހައުލު ޙިއްޞާކުރާ އެންމެހައި ފަރާތްތައް ކަމުގައި ބެލެވޭނެއެވެ. އަދި އެމީހުންނާމެދު އަހުރެމެން ޢަމަލުކުރާ ގޮތަކީ މުޅި މުޖުތަމަޢުގެ ހަމަޖެހުމާއި، ރައްކާތެރިކަމާއި، އަދި އެކުވެރިކަމަށް ސީދާ އަސަރުކުރާނެ ކަމެކެވެ.
އަވައްޓެރިންގެ މެދުގައި ތަފާތު ގިނަ ބާވަތްތަކުގެ މީހުން ތިބެދާނެއެވެ. މުސްލިމުންނާއި ޣައިރު މުސްލިމުން، ތަޤުވާވެރިންނާއި ފާސިޤުން، އެކުވެރިންނާއި ބީރައްޓެހީން، ދޭސީންނާއި ބިދޭސީން، އަދި ތިމާއަށް ހެޔޮފޯރުވާ މީހުންނާއި އިހާނެތިކޮށް ކަންތައްކުރާ މީހުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް، ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި އަވައްޓެރިޔާގެ ކިބައިގައި ހުރި އަމިއްލަ ސިފައަކަށް ނުވަތަ އޭނާ ތިމާއާމެދު ކަންތައްކުރާ ގޮތަކަށް ބެލުމެއްނެތި، މި ކޮންމެ ފަރާތަކަށް ވެސް ކަމޭހިތައި އިޙްސާންތެރިވުމަކީ އިސްލާމީ އަޚުލާގުގެ ތެރޭގައި އޮތް ކަމެކެވެ (އިބްނު ޙަޖަރު، 2000).
މިއަދު ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މާޒީގައި އަވައްޓެރިން ދިރިއުޅެމުން އައީ ވަކިވަކި ގޭގޭގައި، އެއްގެއާއި އަނެއްގެއާ ދެމެދު އެކަށީގެންވާ ދުރުމިނެއް އޮންނަ ގޮތަށެވެ. ނަމަވެސް މިއަދު، ޚާއްޞަކޮށް އެޕާޓްމަންޓުތަކުގައި ދިރިއުޅުން އާންމުވެފައިވާ ތަންތަނުގައި، އެއް އިމާރާތެއްގެ ތެރޭގައި އެކަކު އަނެކަކުގެ މަތީގައާއި ތިރީގައާއި، އަދި ޖެހިގެން ހުންނަ ގޭގޭގައި ގިނަ ޢާއިލާތަކެއް ދިރިއުޅެއެވެ. މިއެންމެންނަކީ އެއް ކޮރިޑޯތަކާއި، ސިޑިގޮޅިތަކާއި، ލިފްޓުތަކާއި، ޕާކިންގ ޖާގަތަކާއި، އަދި ކުނި އުކާލާ ސަރަޙައްދުތަކުގެ އިތުރުން އެހެނިހެން އާންމު ޖާގަތައް ޙިއްޞާކުރާ ބައެކެވެ.
ނަތީޖާއެއްގެ ގޮތުން، އަވައްޓެރިންނާ ބެހޭގޮތުން އިސްލާމްދީނުގައިވާ އިރުޝާދުތަކާއި އުޞޫލުތަކަކީ، މިޒަމާނުގެ ދިރިއުޅުމުގައި ކުރިއަށްވުރެ މާ މުހިންމު ކަންކަމަށް ވަނީ ވެފައެވެ. މީހަކު އެއީ ކުޑަކަމެކޭ ހީކޮށް ކޮށްފާނެ ޢަމަލެއްގެ ސަބަބުން، އަނެކާގެ ޢާއިލާއަށް ނުހަނު ބޮޑެތި އުނދަގޫތަކާއި ނުރައްކާތަކާ ކުރިމަތިލާންޖެހިދާނެއެވެ.
އަވައްޓެރިޔާއަށް ގެއްލުން ނުދިނުމަކީ ވާޖިބެއް!
އަވައްޓެރިންނަށް ހެޔޮކޮށް ހިތުމަކީ ހަމައެކަނި އެކަކު އަނެކަކަށް ސަލާމްކޮށްލުމުން ނުވަތަ ކާއެއްޗެތި ބަދަލުކޮށްލުމަކުން ނިމޭ ކަމެއް ނޫނެވެ. މީގެ އެންމެ އަސާސީ ޝަރުތަކީ، އަހުރެމެންގެ ކިބައިން ލިބިދާނެ ގެއްލުމަކުން އަވައްޓެރިޔާއަށް ރައްކާތެރިކަން ލިބިގެންވުމެވެ.
ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
(لَايَدْخُلُ الْجَنَّةَمَنْ لَايَأْمَنُ جَارُهُبَوَائِقَهُ) (ޞަޙީޙު މުސްލިމް، 46).
މާނައީ: "އެމީހެއްގެ އަވައްޓެރިޔާ، އެމީހެއްގެ ނުބައިކަމާއި ގެއްލުމުން ރައްކާތެރިވެގެންނުވާ މީހާ ސުވަރުގެ ނުވަންނަހުއްޓެވެ."
މިއީ އަވައްޓެރިންނަށް ގެއްލުން ލިބޭފަދަ ޢަމަލުތައް ކުރުމާމެދު އައިސްފައިވާ ވަރުގަދަ އިންޒާރެކެވެ. ވީމާ، އަހުރެމެންގެ ވަށައިގެން ދިރިއުޅޭ މީހުންނަށް ރައްކާތެރިކަން އިޙްސާސްކުރެވޭ ފަދަ މާހައުލެއް ޤާއިމުކޮށްދިނުމަކީ އެކަކު އަނެކަކަށް ޓަކައި އަދާކޮށްދޭންޖެހޭ، ދޫކޮށްނުލެވޭނެ ޙައްޤެކެވެ.
އަވައްޓެރިޔާއަށް ގެއްލުންދިނުމަކީ ހަމައެކަނި ސީދާ އަނިޔާއެއް ކުރުން ނުވަތަ ޤަޞްދުގައި މުދަލަކަށް ގެއްލުންދިނުމެއް ނޫނެވެ. އޭގެ އިތުރުން، އާންމު ޖާގަތަކާއި ސިޑިގޮޅިތަކުގައި ކުނި ބެހެއްޓުމާއި، ނުބައި ވަސް ފެތުރުމާއި، ކޮރިޑޯއާއި ދޮރުމަތީގައި ތިބެގެން ސިގިރޭޓު ބުއިމާއި، އިމާރާތުގެ ތެރޭގައި ބުޅަލަށް ކާން އަޅާފައި ބެހެއްޓުމާއި، އަދި ރޭގަނޑު އަޑުގަދަކޮށް އަނެކާގެ އަރާމާއި ހަމަޖެހުން ނަގާލުމަކީ ވެސް އަވައްޓެރިންނަށް ދެވޭ ބޮޑެތި ގެއްލުންތަކެކެވެ.
މިކަމާ ގުޅޭގޮތުން ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
(لَاضَرَرَ وَلَاضِرَارَ) (އިބްނު މާޖާ، 2340).
މާނައީ: "ގެއްލުމެއް ދިނުމެއް ވެސް، އަދި ގެއްލުމެއްގެ ރައްދުގައި ގެއްލުމެއް ދިނުމެއް ވެސް ނުވެއެވެ."
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
"އަވައްޓެރިޔާއަކީ ވާރުތަވެރިއަކު ކަމުގައި ކަނޑައަޅުއްވައިފާނެ ކަމަށް ތިމަންކަލޭގެފާނަށް ހީފުޅުވާ ވަރަށް، އަވައްޓެރިންނަށް ހެޔޮކޮށް ހިތުމަށް ޖިބްރީލުގެފާނު ތިމަންކަލޭގެފާނަށް ތަކުރާރުކޮށް ވަޞިއްޔަތް ކުރެއްވިއެވެ" (ޞަޙީޙު އަލްބުޚާރީ، 6014).
ޒަމާނީ ދިރިއުޅުމުގެ ތެރެއިން، އަވައްޓެރިންނަށް ގެއްލުން ލިބޭގޮތަށް ބައެއް މީހުން ކުރާ ނުރައްކާތެރި އެއްކަމަކީ ބެލްކަނީން ސިގިރޭޓު ފިލްޓަރު ނިވައިނުލައި ތިރިއަށް ވައްޓައިލުމެވެ.
ސިގިރޭޓެއް ނިވާލެވިފައިވާ ކަމަށް ހީވި ނަމަވެސް، ރޯވާ ފަދަ އެއްޗެއްގައި އަލިފާން ހިފާ މިންވަރަށް އޭގައި ހޫނުކަން ހުރެދާނެއެވެ. ބެލްކަންޏަކުން ސިގިރޭޓު ފިލްޓަރެއް ތިރިއަށް ވައްޓާލުމުން، ތިރީ އެޕާޓްމަންޓެއްގެ ބެލްކަނީގައި ހުންނަ އަންނައުނަށް ނުވަތަ އަލިފާން ހިފާޒާތުގެ އެއްޗަކަށް ވެއްޓި އަލިފާން ރޯވުމުގެ ފުރުޞަތު އޮވެއެވެ. މިއީ މީހުންގެ މުދަލުގެ އިތުރުން ފުރާނައިގެ ރައްކާތެރިކަމާ ގުޅިފައިވާ ނުހަނު ސީރިއަސް މައްސަލައެކެވެ.
މިފަދަ ނުރައްކާތެރި، ނާތަހުޒީބު ޢަމަލުތައް ކުރާ މީހާ އަމިއްލަ ނަފުސާ ސުވާލުކޮށްލަންޖެހެއެވެ؛ "އަހުރެން މި ކުރާ ކަމަކުން އެހެން މީހަކަށް ގެއްލުމެއް ލިބިދާނެބާއެވެ؟" ޖަވާބަކީ "އާނއެކޭ" ނަމަ - ނުވަތަ ގެއްލުމެއް ލިބުމުގެ ފުރުޞަތެއް އޮތްނަމަ - ޒިންމާދާރު ގޮތަކީ އެކަމަކުން ދުރުހެލިވުމެވެ.
ތިމާ ދޭ ގެއްލުމަކާމެދު ﷲ ގެ ޙަޟްރަތުގައި މަސްއޫލުވާންޖެހޭނެކަން ދަންނަ މީހަކު، ބެލްކަނިން ސިގިރޭޓު ފިލްޓަރެއް ތިރިއަށް އެއްލުން ހުއްޓުވުމަށް ސީސީޓީވީ ކެމެރާއަކަށް ބޭނުމެއް ނުވާނެއެވެ. އަވައްޓެރިޔާގެ ޙައްޤުތައް ވަޒަންކުރާ ޢާއިލާއަކުން، ރޭގަނޑު ދަންވަރު އަޑުގަދަކުރުން ހުއްޓާލުމަށްޓަކައި ތަކުރާރުކޮށް އެމީހުން ގާތުގައި ޝަކުވާ ކުރާކަށް ނުޖައްސާނެއެވެ. ސާފުތާހިރުކަމާއި އަނެކުންނަށް ކަމޭހިތުމަކީ ޒިންމާއެއްގެ ގޮތުގައި ދެކޭ މީހަކު، އާންމު ކޮރިޑޯއަކަށް ކުނި ކޮތަޅު އެއްލައެއްނުލާނެއެވެ.