ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގައި އަލުން ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
އެންސްޕާއިން މި ފުރުޞަތު ހުޅުވާލާފައިވަނީ އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީތައް އިތުރަށް ހަރުދަނާކޮށް، އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް އެ އެހީތައް ފޯރުކޮށްދިނުމުގެ މަގްޞަދުގައިކަމަށް ބުނެއެވެ.
އިޖްތިމާޢީ ރައްކާތެރިކަމުގެ ޢާންމު ގަވާއިދުގެ ދަށުން އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެހީ ދެނީ ދެ އަހަރުގެ މުއްދަތަށް މަހުން މަހަށެވެ.
އެންސްޕާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓްރީވެ، އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދަން އެދޭ ފަރާތްތަކުން ނޮވެންބަރު މަހުގެ ނިޔަލަށް ފޯމު ހުށަހަޅަންޖެހޭނެއެވެ.
އަދި އެ މުއްދަތުގައި ފޯމު ހުށަނާޅާ ފަރާތްތަކަށް އެހީ ކުރިއަށް ގެންދެވޭނީ، އައު ފޯމެއް މެދުވެރިކޮށް ހުށަހެޅުމުން، އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް ރިޢާޔަތްކުރުމަށްފަހު ކަމަށްވެސް އެ އެޖެންސީން ވަނީ ބުނެފައެވެ.
އެންސްޕާއިން ފޯރުކޮށްދޭ އެހީގެ ތެރޭގައި ފަގީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއާއި، ފަގީރު ޙާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީ ހިމެނެއެވެ.
މީގެއިތުރުން ފަގީރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީވެސް ހިމެނެއެވެ.
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ފަގީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ 3،313 މައިން ނުވަތަ ބަފައިންނަށް (5،687 ކުދިންނަށް) 17 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ވަނީ ހަމަޖައްސައިދީފައެވެ.
އަދި މިދިޔަ މަހު މި އެހީއަށް އަލަށް 112 މީހުންނާއި 207 ކުދިން ރަޖިސްޓްރީވެފައިވާކަމަށް އެ އޭޖެންސީން ބުނެއެވެ.
މީގެއިތުރުން، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން ފަރާތްތަކުން ބަލަހައްޓާ 132 ކުދިންނާއި 98 ބެލެނިވެރިއަކަށް މިދިޔަ މަހު އެހީގެ ގޮތުގައި 181،000 ރުފިޔާ ވަނީ ޚަރަދުކޮށްފައިވާކަމަށާއި އަދި ފަގީރު ޙާލަތުގައި ދިރިއުޅޭ 659 ފަރާތަކަށް ކާބޯތަކެތި ގަތުމުގެ އެހީގެ ގޮތުގައި 26،360 ރުފިޔާ މިދިޔަ މަހު ފޯރުކޮށްދީފައިވާކަމަށް ވެސް އެންސްޕާއިން ހާމަކުރެއެވެ.