ފޭސް2 އެކްސިޑެންޓް: ކުޑަކުއްޖާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި، ދެ ކާރެއް ޓޯކޮށްފި

ރޭ އެކްސިޑެންޓު ހިނގި ސަރަހައްދުގައި އޮތް ދެ ކާރު --

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުތައް ކައިރީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ އަންހެން ކުއްޖާގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަކަމަށް އެ ހޮސްޕިޓަލުން ބުނެފިއެެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ކުއްޖާގެ މިވަގުތުގެ ހާލަތާ މެދު ސީދާ އެއްޗެއް ދަންނަވަން ދަތި ނަމަވެސް، ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ.

ރޭ 9:00 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވި ކުއްޖާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް ހާލަތު ސީރިއަސް ވުމުގެ ސަބަބުން އިތުރު ފަރުވާއަށް ރޭގެ ވަގުތެއްގައި ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.

https://sun.mv/226684

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި، މަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ.

ސައިކަލު ދުއްވަން އިނީ އަނިޔާވި ކުއްޖާގެ 18 އަހަރުގެ ބޮޑުދައިތަކަމަށް މައުލޫމާތުލިބެއެވެ. މި ހާދިސާގައި އޭނާއަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިގެން ފަރުވާދީފައިވެއެވެ.

އެކްސިޑެންޓްވުމާ އެކު ސައިކަލުގެ ފަހަތުގައި އިން ކުޑަކުއްޖާ މަގުމައްޗަށް ވެއްޓި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ. މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، ކުއްޖާ ހޭވެރިކަމެއް ނެތި ވެއްޓިފައި އޮތްއިރު ބޮލުން ގިނަ އަދަދަކަށް ލޭފައިބަމުން ދިޔައެވެ.

ނަމަވެސް ކުއްޖާ ޒަހަމްވީ ކާރުގައި ޖެހިގެން ކަމެއް ނުވަތަ މަގުމައްޗަށް ވެއްޓިގެން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ވިނަރެސް 7 ކުރިމަތީގައި ހިނގި މި އެކްސިޑެންޓުގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމުގެ ގޮތުން ދެ ކާރެއް މިހާރު ޓޯކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް